ބްލެކްޕިންކްގެ އާ ލަވައަށް އޭއައިގެ ތުހުމަތު
ދިގު އިންތިޒާރަކަށް ފަހު ކޭޕޮޕްގެ އެންމެ ބޮޑު ގްރޫޕު "ބްލެކްޕިންކް"ގެ އާ ސިންގަލް އެއް އާންމުންނަށް ދޫކޮށްލައިފިއެވެ. މި ހަފުތާ ބަންދާ ދިމާކޮށް ބްލެކްޕިންކް ވަނީ ދެ އަހަރުގެ ބޮޑު ބްރޭކަކަށް ފަހު އެކުގައި ފުރަތަމަ ސިންގަލް "ޖަމްޕް" ރިލީޒްކޮށްފައެވެ. ލަވަ ރިލީޒްކުރުމާ އެކު މި ލަވަ ވައިރަލް ވެފައިވާއިރު އެތައް ބަޔަކު އަންނަނީ މި ލަވައިގެ އޯޑިއޯއަށް ތަރުހީބު ދެމުންނެވެ. އެތައް ބަޔަކު ބުނަމުން އަންނަނީ މިއީ "ކްލެސިކް" އެއް ކަމަށެވެ. އަނެއް ބަޔަކު ބުނަމުން އަންނަނީ މިއީ "ކްލަބް ބޭންގާ" އެކެވެ. ލަވައިގެ އޯޑިއޯއަށް ތަރުހީބު އޮހެމުންދާއިރު ލަވައިގެ ވީޑިއޯއަށް އަމާޒުވެފައިވަނީ ފާޑުކިޔުމެވެ. އެތައް ބަޔަކު ބުނަމުން އަންނަނީ މި ވީޑިއޯގެ ބޮޑު ބައެއް ތައްޔާރުކޮށްފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކަމަށެވެ. އެއާއެކު މުޅި ލަވައިގެ ކޮލިޓީ ވެއްޓޭ ކަމަށް އެތައް ބަޔަކު ބުނަމުން އެބަދެއެވެ. އަދި، ކޮރިއާގެ އެންމެ ބޮޑު ރިކޯޑު ލޭބަލްއިން އާޓިސްޓުނަށް ހަރަދު ނުކޮށް އޭއައި ބޭނުންކޮށްގެން ދަށް ކޮލިޓީ މިއުޒިކް ވީޑިއޯއެއް އުފެއްދުމަކީ އާޓުގެ މުސްތަގުބަލަށް އަޅާ ނުރައްކަލުގެ ރަނގަބީލެއް ކަމަށެވެ. އަދި، ބޮޑެތި ސްޓޫޑިއޯތަކުން މިފަދަ އަމަލުތައް ހިންގުމަކީ އޭއައި އާޓް މީޑިއަމްތަކުގައި އާންމުވާން މެދުވެރިކުރާނެ ކަމެއް ކަމުގައި ވެސް އެތައް ބަޔަކު ބުނަމުން އެބަދެއެވެ. މި ކަމާ ގުޅިގެން ބައެއް ފޭނުން އަންނަނީ ވީޑިއޯގެ ދިފާއުގައި ވެސް ވާހަކަދައްކަމުންނެވެ. ފޭނުން ބުނާ ގޮތުގައި މި ލަވަ އުފައްދާފައިވަނީ ސީޖީއައި ބޭނުންކޮށްގެނެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ބްލެކްޕިންކް އަދި ރިކޯޑްލޭބަލް "ވައިޖީ"އިން ވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ