ދުޢާކުރުމުގަ މުހިންމީ ދިގުކުރުމެއް ނޫން! ކުރުކޮށް ނަމަވެސް ރިވެތި ޢިބާރާތުން ދެންނެވުން!

ކަމަކަށް އެދި ﷲ ތަޢާލާއަށް ދުޢާ ކުރުމަށް ވަކި ބަހެއް ނެތެވެ. ހުރިހާ ބަސްތަކެއްވެސް ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގެންވާތީއެވެ. ތިމާކުރަން ބޭނުންވާ ދުޢާ ޤުރްއާނާއި ސުންނަތުން ފެންނަން ނެތްނަމަ ނުވަތަ އެފަދަ ދުޢާއެއް ނުއެނގޭނަމަ، ހަމަ ކޮންމެ ބަހަކުން ނަމަވެސް ދުޢާކުރަންވީއެވެ. ދިވެހި، އިނގިރޭސި، ޢަރަބި ފަދަ އެމީހަކަށް ފަސޭހަ ބަހަކުން ހަމަ ދުޢާކުރަންވީއެވެ.
ފުރަތަމަ ކަމަކަށް ދުނިޔަވީ ގޮތުން ބަލައިލަމާ ހިނގާށެވެ! މީހެއްގެ ގާތުން ކަމަކަށް އެދޭނަމަ އެންމެ ރިވެތި އެންމެ ފަށުވި ޢިބާރާތުން ބުނަން މަސައްކަތްކުރަމުއެވެ. ކަމަކަށް އެދި ސިޓީއެއް ފޮނުވި ނަމަވެސް އެންމެ ރިވެތި ޢިބާރާތުން ލިޔަން މަސައްކަތްކުރަމުއެވެ. އެފަދަ ޢިބާރާތުން ލިޔަން ނުއެނގޭނަމަ އެ ފަންނުގެ މީހުނެ ގާތަށް ގޮސްގެން ނަމަވެސް ރިވެތިވެގެންވާ ޢިބާރާތުން ސިޓީ ލިޔުއްވަމުއެވެ.
ވިސްނައިލަންޖެހޭ ކަމަކީ ﷲ ތަޢާލާއީ އެންމެހައި މަތިވެރިކަން ލިބިވޮޑިގެންވާ ރަސްކަލާނގެކަމެވެ. އަހަރެމެންނަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންތައްތައް ހންމަވައި ދެއްވެވުން އެދި އާދޭސްމިދަންނަވަނީ އެންމެ މަތީގައި، ހަތްއުޑުމަތީގައި ޢަރިކޮޅުގައި ވޮޑިގެންވާ ﷲ ތަޢާލާއަށް ކަމެވެ. ވީމާ ކޮންމެ ކަމެއްވެސް ޙާޞިލުވާނީ ހަމައެކަނި އެކަލާނގެ މިންވަރުކުރެވެވުމުންކަން ޔަޤީންކުރާހާލު އެކަލާނގެއަށް ދުޢާކުރަންވާނީ ޢިބާރާތްތައް ކިހައި ފުރިހަމަކޮށްގެން ހެއްޔެވެ؟
ކީރިތި ޤުރްއާނާއި ރަސޫލް ﷺ ގެ ސުންނަތުން ފެންނަންހުރި ދުޢާތައްކުރަން ސަމާލުކަންދޭންޖެހެނީ މިސަބަބަށްޓައެވެ. އެދުޢާތަކަށްވުރެ ވަކިން ފުރިހަމަ ދުޢާތަކެއް އަހަރެމެންނަށް ނުފެންނާނެތީއެވެ! ކޮންމެ ކަމަކަށް އެދިގެން ދުޢާކުރި ނަމަވެސް ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ އަދި ރަސޫލް ﷺ ގެ ޙަދީޘްފުޅުތަކުން ފެންނަންހުރި ދުޢާ ކުރުން މޮޅު އިތުރުވެގެންވެއެވެ. އެހެނީ އެދުޢާތަކުގައިވާ ފުރިހަމަ ޢިބާރާތްތައް އެކުލަވައިލުމަކީ އަހަރެމެންނަށް ކުރެވޭނެ ކަމެއް ނޫންކަމެވެ.
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކަންކަމަށް ބޭނުންވުމުން ނުވަތަ ކަންކަމަށް އެދިގެން ދުޢާކުރާއިރު ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ދުޢާތައް އަދި ކައު އިތުރު ރަސޫލާ (ﷺ) ކުރެއްވެވި ދުޢާތައް ކުރުމުގެ ބޭނުމަކީ އެ ދުޢާތަކަށްވުރެ ފުރިހަމަ ޢިބާރާތަކުން ދުޢާ ނުކުރެވޭނެތީ އެވެ. އެހެންކަމުން އެންމެ މަތިވެރި ގޮތަކީ އެއީ ކަމަށެވެ. ނަމަވެސް އެފަދަ ދުޢާއެއް ނުއެނގޭނަމަ އެމީހަކު ވާހަކަ ދައްކާ ބަހަކުން ދުޢާކުރަންވީ ކަމަށެވެ.
އެންމެބޮޑަށް ފާހަގަމިކުރަނީ ކުރާ ދުޢާގެ މާނަ ދަސްކުރުމުގެ މުހިންމުކަމެވެ. ރޯންޖެހޭ ޙާލަތުގައި ރޮއިކަރުނައަޅައި ތިމާ ދަންނަވަން ބޭނުންވާ ކަންކަމުގެ ވާހަކަ ﷲ ތަޢާލާއަށް ދެންނެވޭނީ ވެސް މި ދެންނެވޭ އެއްޗެއް އެނގިގެން ކަމުގައިވާތީއެވެ!
ޢަރަބި ބަސް ނުއެނގޭ މީހަކު ޢަރަބިބަހުން ދުޢާކުރާއިރުވެސް އޮންނާނީ ކިޔޭ ނުކިޔޭ އެއްޗެއް ނުއެނގިފައެވެ. އެކަމުގެ އަސަރާއިއެކު ﷲ ތަޢާލާއަށް ނުދެންނެވިފައެވެ. ވީމާ ކުރާ ދުޢާތަކުގެ މާނަ ދަސްކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. ހަމައެއާއިއެކު ތިމާއަށް ބޭނުންވާ ކަންކަމުގައި ތިމާ ވާހަކަދައްކައިއުޅޭ ބަހަކުން ވެސް ދުޢާކުރަންވީއެވެ. އެންމެ އަސަރާއިއެކު ﷲ ތަޢާލާގެ ޙަމްރަތުގައި ދެންނެވޭނީ އެއިރުންނެވެ.
އެމީހަކު ވާހަކަދައްކައި އުޅޭ ބަހުން ދުޢާކުރި ނަމަވެސް ދުޢާކުރަން ފަށަންވާނީ ﷲ ތަޢާލާއަށް ހަމްދުކޮށް ރަސޫލާ (ﷺ)އަށް ޞަލަވާތާއި ސަލާމް ލެއްވެވުން އެދި ދުޢާކުރުމުންނެވެ. "ﷲއަށް ޙަމްދު ކުރަމެވެ. ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވެވުން އެދި ދުޢާކުރަމެވެ.---- ދެން ބޭނުންވާ ދުޢާއެއް ކުރިއަށް ގެންދަންވީ (ކުރަންވީ) އެވެ."
ބައެއް މީހުންނަށް ހީވެފައި އޮންނަނީ ކޮންމެ ކަމަކަށް އެދި ދުޢާކުރަން ބޭނުންވުމުން ޢަރަބި ބަހުން އޮންނަ ދުޢާއެއް ހޯދައިގެން ނޫނީ ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތް ނޫންކަން ޢިލްމްވެރިންގެ މިފަދަ ބަސްފުޅުތަކުން އެނގިގެންދެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ