ޝަރުއީ ދާއިރާގެ މުވައްޒަފުން މޫނު ބުރުގާ އެޅުން ހުއްދަކޮށްފި

ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން މޫނު ބުރުގާ އެޅުން ހުއްދަކޮށްފިއެވެ. ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގައި ހެދުން އެޅުމާ ގުޅޭ ގޮތުން އޮތް މާއްދާ އަލުން އެކުލަވައިލައި އާންމުކޮށްފައިވާ ކަމަށް ބުނެފައެވެ. އެ މާއްދާއަށް ގެނައި އިސްލާހާ އެއްގޮތަށް މިއަދުން ފެށިގެން ކޯޓުތަކާއި އިދާރާތަކުން އަމަލުކުރަމުންގ ގެންދިޔުމަށް ޑީޖޭއޭއިން ވަނީ އެދިފައެވެ. އެ މާއްދާގައި މީގެ ކުރިން އޮންނަނީ، ޝައުރީ ދާއިރާގެ ކޮންމެ ޚިދުމަތަކީ ވެސް ޒިންމާދާރު ކަމާއެކު ދޭން ޖެހޭ އަދި ޖަވާބުދާރީން ވާން ޖެހޭ ޚިދުމަތަކަށް ވެފައި، ޚިދުމަތް ލިބިގަންނަން އަންނަ ބަޔަކަށް މުއާމަލާތް ކުރާ މީހަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެ ކަމަށެވެ. އެހެންވެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅަން ޖެހޭނީ ކާކުކަން ރަނގަޅަށް އެނގޭ ގޮތަށް ކަމަށް އެ މާއްދާގައިވެއެވެ. އެ މާއްދާއަށް މިހާރު އިތުރު ބައެއް އިތުރުކޮށް، ބަޔާންކޮށްފައި ވަނީ މޫނު ބުރުގާ އެޅުމަށް މުވައްޒަފުންނަށް ހުރަހެއް ނެތް ކަމަށެވެ. ނަމަވެސް މަސައްކަތުގެ މާހައުލުގައި އުޅޭ އުޅުމުގެ ތެރެއިން، އެ މީހާއަކީ ކާކުކަން ކަށަވަރު ކުރަން ޖެހިއްޖެ ނަމަ އެފަދަ މުވައްޒަފެއްގެ މޫނު ކޯޓު ނުވަތަ އިދާރާގެ ކަމާ ބެހޭ އަންހެން މުވައްޒަފަކަށް ދައްކަން ވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ ކުރިން، ދ. ހުޅުދެލި މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލި މީހަކު މޫނު ބުރުގާ އަޅާތީ ވަޒީފާ ނުދޭން ނިންމި ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ދައުރުވެފައިވެއެވެ. ވަޒީފާ ނުލިބުނު އަންހެން މީހާ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އޭނާ ކުރިމަތިލީ ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމަށް ކަމަށެވެ. އަދި އިންޓަވިއުއާއި ޕްރެކްޓިކަލް ނިމުނު ފަހުން ކޯޓުން ފޮނުވާފައިވާ އީމެއިލްއެއްގައި، އޭނާ މޫނު ބުރުގާ އަޅާތީ ވަޒީފާ ދެވެން ނެތް ކަމަށް ބުނެފައިވާ ކަމަށް އެ ޕޯސްޓުގައިވެއެވެ. އެ ޕޯސްޓާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އޭރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ މީހަކު އަޅައިފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާ ދިނުމުގައި އެއްވެސް ތަފާތެއް ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ، މޫނު ބުރުގާ އަޅައިގެން ތިބެ ވަޒީފާ އަދާކުރުން ދިފާއުކުރައްވައިފައެވެ. މީގެ ކުރިން މުދައްރިއްސުންނަށް ވެސް މޫނު ބުރުގާ އަޅައިގެން ކިޔަވައިގެން ނުދެނެވޭ ގޮތަށް އުސޫލެއް އޮތް ނަމަވެސް، އެކަމާ ގުޅޭ ގޮތުން ގިނަ ބަޔަކު ނުރުހުން ފާޅުކުރުމުން، އެ އުސޫލު ވަނީ ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ