ވިޔަފާރި ކުރުމަށާއި މުވައްޒަފުން ނެގުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން ކައުންސިލަށް ލިބޭ ބާރު ހަނިކޮށް ލާމަރުކަޒީ ގާނޫނު ބަދަލު ކުރަން ބޭނުންވި ސަބަބެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ދެއްކެވީ ދޮގު އަދި ހޮޅި ވާހަކައެއް ކަމަށް، ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވެއްޖެ އެވެ.
މުއިއްޒު އިއްޔެ ބ. އަތޮޅަށް ފެށްޓެވި ދަތުރުގައި އެ އަތޮޅު ކެންދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ޒިންމާދާރު ނޫން ގޮތުގައި ބާރާއި ފައިސާ ބޭނުންކުރާ އެތައް ކައުންސިލެއް އެބަ ހުރި ކަމަށާއި މަޖިލީހުން ފާސްކޮށް، އަދި ތަސްދީގު ނުކޮށް އޮތް ބިލްގެ ބޭނުމަކީ ލޯކަލް ކައުންސިލް ކުންފުނިތަކުން ރަށުގެ ކުދި ވިޔަފާރީގެ ތެރެއަށް ވަނުން ހުއްޓުވުން ކަމަށެވެ.
"ބައެއް ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނިތައް ހަދައިގެން، ބައެއް ރަށްރަށުގައި ކުދިކުދި ވިޔަފާރިތައް، އާންމު ރައްޔިތުން ކުރަމުންދާ ވިޔަފާރިތަކަށް، އެ ކުންފުނިތަކުން ވަންނަ ވަނުން ހުއްޓުވަންވެސް އަޅުގަނޑުމެން މި އުޅެނީ. ރައްޔިތުން ބާރުވެރިކުރުވަން. ކިހިނެއް މިވަނީ؟ ކައުންސިލުން ލޯކަލް އޮތޯރިޓީ ކުންފުނި ހަދައިގެން، އެއްކަލަ އާންމު ރައްޔިތުން ކުރާ ވިޔަފާރީގެ ތެރެއަށްވަނީމަ، ކިހިނެއް އެ ރައްޔިތުންނަށް ވާނީ؟ އެ ރައްޔިތުންގެ ވިޔަފާރި ގެއްލޭނީ،" މުއިއްޒު ވިދާޅުވި އެވެ.
"އާންމު ރައްޔިތުން ރަށުގައި ކުރާ ވިޔަފާރީގެ ތެރެއަށް، ކައުންސިލްގެ ކުންފުނި ނުވަންނަގޮތަށް މި ބަދަލުކުރަނީ. އެއަށްވުރެ ފުޅާ، ބޮޑެތި ވިޔަފާރިތައް، ކައުންސިލް ކުންފުނިން ކުރަންވީ. އެއީ، މި ގެނައި އިސްލާހަކީ."
މި ވާހަކަ ޝުޖާއު ސިފަކުރެއްވީ ދޮގެއްގެ ގޮތުގަ އާއި "ހޮޅި ވާހަކައެއް"ގެ ގޮތުގަ އެވެ.
"މިއީ އެއްވެސް އަސާސެއް ނެތް "ހޮޅި" ވާހަކަފުޅެއް. ކެރިގެން ބުނަން ކެރޭ މި ގޮތަށް ހިންގޭ އެއްވެސް ކައުންސިލު ވިޔަފާރިއެއް ނެތް. ކައުންސިލު ކުންފުނީގެ ގޮތުގަ މުޅި ރާއްޖޭގަ މިވަގުތު އޮތީ ކިތައް ކުންފުނިކަން ނޭންގޭކަންވެސް މިހާރު ޔަގީންވެއްޖެ. ރޖ އެ ވިދާޅުވާ ހާލަތުގަ އެކަމެއް ނެތް. މުޅިން އިތުރުފުޅު ތިޔަ ހައްދަވަނީ." އޭނާ ވިދާޅުވި އެވެ.
ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރުތައް ހަނިކޮށް ލާމަރުކަޒީ ގާނޫނަށް މުއިއްޒު ގެންނަ ބަދަލާ ދެކޮޅަށް މިހާތަނަށް 80 އަށް ވުރެ ގިނަ ކައުންސިލުން ވަނީ ބަޔާން ނެރެފަ އެވެ.
ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދިނުމަށާއި ތަރައްގީގެ ޕްރޮޖެކްޓު ހިންގަން އަދި މުވައްޒަފުން ނަގަން ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނިކޮށް ލާމަރުކަޒީ ގާނޫނަށް ގެނައި އެ ބަދަލު މަޖިލީހުން ފާސް ކުރީ ބުދަ ދުވަހެވެ.
އެކަމަކު، މިހާތަނަށް އެ ބިލު ތަސްދީގެއް ނުކުރެ އެވެ. އެ ބިލު ތަސްދީގު ކުރަން ނުވަތަ އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިލަން މުއިއްޒަށް 15 ދުވަސް ލިބޭނެ އެވެ. އެ މުއްދަތުގައި ބިލު ތަސްދީގު ނުކުރައްވައިފި ނަމަ އޮޓަމެޓިކުން ބިލު ތަސްދީގުވާނެ އެވެ.
އެ ބިލާ ދެކޮޅަށް ބަޔާން ނެރުނު ކައުންސިލުތަކުގެ ތެރޭގައި ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގދ. ތިނަދޫ ކައުންސިލާއި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އަދި މާލޭގެ މޭޔަރު އާދަމް އާޒިމް ހިމެނެ އެވެ. ބިލާ ދެކޮޅަށް ލޯކަލް ކައުންސިލް އެސޯސިއޭޝަނުން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ.
ކައުންސިލްތަކުގެ ބާރު ނެގުމުގެ ހުއްޖަތަކަށް މުއިއްޒު ދެއްކީ ހޮޅި ވާހަކަ އާއި ދޮގު: ޝުޖާއު ކައުންސިލްތަކުގެ ބާރު ނެގުމުގެ ހުއްޖަތަކަށް މުއިއްޒު ދެއްކީ ހޮޅި ވާހަކަ އާއި ދޮގު: ޝުޖާއު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ