އަންހެނުން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމެއް!: ރަހިމުގައި ފައިބްރޮއިޑް އުފެދޭ ސަބަބުތަކާއި ފެންނާނެ އަލާމާތްތައް-

ޢަލީ އިޙްޞާން ފިރާޤް
 
ރަހިމުގައި އުފެދޭ ފިބްރޮއިޑްއަށް ތަފާތު ނަންނަތައް ކިޔައެވެ. އޭގެ ތެރޭގައި ލިޔޯމަޔޯމާ, މަޔޯމާ, ފައިބްރޯމަޔޯމާ އަދި މަޔޯމަޓަސް ޔޫޓަރެސް ހިމެނެއެވެ. އާއްމުންގެ ތެރޭގައި ބޮޑަށް މަޝްހޫރުވެފައިވަނީ ފިބްރޮއިޑްގެ ނަމުންނެވެ. 
ފައިބްރޮއިޑަކީ އަންހެނުންގެ ދަރިމައިވުމުގެ ނިޒާމުގައި އުފެދޭ ޓިއުމަރުތަކުގެ ތެރެއިން އެންމެ އާއްމު ވައަތަރެވެ. މި ވައްތަރުގެ ޓިއުމަރަކީ ކެންސަރެއް ނޫނެވެ. މި ވައްތަރުގެ ޓިއުމަރު އުފެދެނީ ރަހިމުގެ މަސްފަށަލަ ކަމުގައިވާ މަޔޯމެޓްރިއަމްގައެވެ. ގިނައިން މި ބާވަތުގެ ޓިއުމާ ފެންނަކަމަށް ރިޕޯޓްކުރެވިފައިވަނީ ދަރިމައިވާ އުމުރުގެ އަންހެނުންގެ ފަރާތުންނެވެ. 
ފައިބްރޮއިޑް އުފެދުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި އަންހެނުންގެ ހާއްސަ ދެ ހޯމޯންކަމުގައިވާ އެސްޓްރޮޖެން އަދި ޕްރޮޖެސްޓްރޯން ހަށިގަނޑުގައި އިތުރުވުމުން ހިމެނެއެވެ. އާއިލާގެ މީހެއްގެ ފިބްރޮއިޑް ހުރުމަކީ އާއިލާގެ އެހެން މީހުންގެވެސް ފައިބްރޮއިޑް އުފެދުމުގެ ފުރުސަތު އިތުރުކުރުވާކަމެކެވެ. ރިޕޯޓްތަކުން ދައްކާ ގޮތުގައި ކަޅުނަސްލުގެ މީހުންނާއި ރަތްކުލައިގެމަހުގެ ބާވަތްތައް ބޭނުންކުރާ މީހުންނާއި ވިޓަމިންޑީ މަދުވާމީހުންނާއި ފަލަމީހުންނަށް ފައިބްރޮއިޑް އުފެދުމުގެ ފުރުސަތު އިތުރުވެއެވެ. އުމުރުގެ ވަރަށް ކުރީކޮޅުގައި މައްސަރުކަންތައް ޖެހޭ ކުދިންނާއި ލަހުން އިއްދައިން ކެނޑޭމީހުންގެވެސް ފައިބްރޮއިޑް އުފެދުމުގެ ފުރުސަތު ބޮޑެވެ.
ފައިބްރޮއިޑް އުފެދުމުން އަލާމާތްތައް ފެނުން ބިނާވެގެންވަނީ ފައިބްރޮއިޑްގެ ބޮޑު މިނާއި ފައިބްރޮއިޑް އުފެދޭ ތަނުގެ ގޮތުންނެވެ. ފައިބްރޮއިޑްގެ ސައިޒް ކުޑަނަމަ އެއްވެސް އަލާމާތެއް ނުފެނި ހުރެ ދާނެއެވެ.  
ރަހިމުގެ މަސްގަނޑުގެ އެތެރެ ފަށަލައިގައި ފައިބްރޮއިޑް ހުރެއްޖެނަމަ މައްސަރުގެ ދުވަސްވަރުގައި ލޭ މާގިނައިން އައުމާއި ދަރިމައިވުމަށް އުނދަގޫވުން ފަދަ މައްސަލަތައް ދިމާވާނެއެވެ. ރަހިމުގެ މަސްފަށަލައިގެ ތެރޭގައި ފައިބްރޮއިޑް އުފެދިފައިވާނަމަ މައްސަރުކަންތަކުގައި ގިނައިން ލޭފޭބުމާއި ދަށްބަނޑުގެ ހިސާބަށް ތަދުވުމާއި ރަހިމުގެ ބައްޓަމަށް ބަދަލު އައިސް ބޮޑުވުން ހިމެނެއެވެ. ރަހިމުގެ ބޭރުފަށަލައިގައި ފައިބްރޮއިޑް އުފެދިއްޖެނަމަ ރަހިމުގެ ކައިރީގައިވާ ގުނަވަންތައް ފިތުމުގެ ސަބަބުން ފެންނަ އަލާމާތްތައް ފެންނާނެވެ. އެގޮތުން ކުޑަކަމުދިޔުމަށް އުނދަގޫވުމާއި ބޮޑުކަމު ދިޔުމަށް އުނދަގޫވުން ހިމެނެއެވެ. 
ފައިބްރޮއިޑް ހުރިކަން ކަށަވަރު ކުރުމަށްޓަކައި ސްކޭންކޮށްގެން ރަހިމުގައި ފައިބްރޮއިޑް ހުރިތޯ ބެލޭނެއެވެ. 
ފައިބްރޮއިޑް ބޮޑުވަނީ ހަށިގަނޑުގައި އެސްޓްރޮޖެން މަތިވުމުންނެވެ. އިއްދައިން ކެނޑުމުން އެސްޓްރޮޖެން ދަށްވެއެވެ. އޭގެ ސަބަބުން ފައިބްރޮއިޑްގެ ސައިޒުވެސް ކުޑަވެގެންދެއެވެ.
އެމީހަކަށް އެންމެ ރަނގަޅު ފަރުވާއެއް ކަނޑައަޅާނީ ޑޮކްޓަރު އެމީހެއް ހާލަތު ރަނގަޅަށް ބެލުމަށްފަހުގައެވެ. ދެވޭ ފަރުވާތަކުގެ ތެރޭގައި ހޯމޯން ބޭސްތަކާއި ތަދުކަނޑުވަން ދޭ ބޭސްތަކާއި ބައެއް ކަހަލަ ސާޖަރީތައް ހިމެނެއެވެ.  
ފައިބްރޮއިޑް އުފެދުމުން ރައްކާތެރި ކުރުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅީގެ ތެރެއިން ހެޔޮ ބަދަލެއް ގެނެވިދާނެއެވެ. އެގޮތުން ރަތް އެއްގަމުމަހުގެ ބާވަތްތައް މަދުކުރުމާއި ގިނައިން ވިޓަމިންޑީ ހުންނަ ބާވަތްތައް ބޭނުން ކުރުން ހިމެނެއެވެ. ރަނގަޅު މިންވަރެއްގައި ބަރުދަން ބެހެއްޓުމަކީ އަންހެނުންނަށް ވަރަށް މުހިންމު ކަމެކެވެ. ފަލަވުމަކީ އަންހެނުންގެ އަންހެން ހޯމޯންކަމުގައިވާ އެސްޓްރޮޖެން އިތުރުކޮށްދޭނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ