އެމްއެމްއޭ ބޯޑުން އިދުހާމް ވަކިކޮށްފި އެމްއެމްއޭ ބޯޑުން އިދުހާމް ވަކިކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޯޑުން، އެ ބޭންކުގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި އިދުހާމް ހުސެއިން ވަކިކޮށްފި އެވެ.
އެމްއެމްއޭއިން މިކަން ރަސްމީކޮށް ހާމަނުކުރި ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން އަދަދު އަށް ވަނީ މިކަން ކަށަވަރުވެފަ އެވެ. އެމްއެމްއޭގެ ބަހެއް ހޯދަން އެ އިދާރާގެ މީޑިއާ އޮފިޝަލަށް ގުޅުމުން އޭނާ ވަނީ މެސެޖުކުރުމަށް ބުނެފަ އެވެ. މެސެޖުކުރުމުން ހަބަރު ޝާއިއުކުރުމާ ހަމައަށް ޖަވާބެއް ނުދެ އެވެ.
މިއީ އެމްއެމްއޭގެ ބޯޑުން މި އަހަރުގެ ތެރޭގައި ވަކިވީ ނުވަތަ ވަކިކުރި ހަތަރު ވަނަ ބޯޑު މެންބަރެވެ. އަދި ވޭތުވި އަހަރުގެ މުއްދަތަށް ބަލައިފިނަމަ، އެ އަދަދު ހައެކަށް އަރަ އެވެ.
އިދުހާމްއަކީ އެމްއެމްއޭގައި މަސައްކަތް ކުރާތާ 35 އަހަރު ވެފައިވާ އެ އިދާރާގެ ދުވަސްވީ ތަޖުރިބާހުރި މުވައްޒަފެކެވެ. އޭނާ ބޯޑުން ވަކިކުރި ނަމަވެސް، އޭނާ އަދިވެސް ހުންނެވީ އެ ބޭންކުގެ އެޑްވައިޒަރެއްގެ މަގާމުގަ އެވެ.
އެޑްވައިޒަރެއްގެ މަގާމަށް އިދުހާމް އައްޔަނުކުރީ އެމްއެމްއޭގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުގެ ދަށުން އެސިސްޓަންޓު ގަވަރުނަރު މަގާމު އުވާލުމަށް ފަހުގަ އެވެ. އެހާތަނަށް އޭނާ ހުރީ އެސިސްޓަންޓު ގަވަރުނަރު މަގާމުގަ އެވެ.
އިތުބާރު ހުރި މަސްދަރުތަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި ބޯޑުން އިދުހާމް ވަކިކުރުމަށް ފަހު އޭނާގެ ބަދަލުގައި އެ މަގާމަށް އައްޔަނުކުރީ މަރިޔަމް ރަޝްފާ އެވެ. އޭނާއަކީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ، އިކޮނޮމިކްސް އެންޑް ސްޓްޓިސްޓިކްސް ޑިޕާޓުމަންޓުގެ އެކްޓިން މެނޭޖިން ޑިރެކްޓަރެވެ.
އެމްއެމްއޭގެ ބޯޑަށް މި ބަދަލުތައް އަންނައިރު، އަދުގެ ސަރުކާރުގެ މިސްރާބާ އެއް ގޮތަށް އެމްއެމްއޭ ހިންގަން އެ އިދާރާގެ ތާރީހުގައި ވެސް ނުގެންނަ ވަރުގެ ބަދަލުތައް ގެންނަމުންނެވެ. އޭގެ ތެރޭގައި މާލީ ހިދުމަތްތަކުގެ ހަބަކަށް ރާއްޖެ ހެދުމާ ގުޅޭ ގިނަ ކަންކަން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ