މާއްޓޭ އިންޓަ ސްކޫލް ޖޫނިއަ ފުޓްބޯޅަ ފިއެސްޓާ ކާމިޔާބު ކަމާއިއެކު ނިންމާލައިފި

މާއްޓޭ ސްޕޯޓްސް އެކަޑަމީއާއި ހިރަފުސް ސްޕޯޓްސް ކުލަބް ގުޅިގެން ކުރިއަށް ގެންދިޔަ "އިންޓަ ސްކޫލް ޖޫނިއާ ފުޓްބޯޅަ ފިއެސްޓާ 2023" ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
ކުޅުދުއްފުށީ ފުޓްސަލް އެރީނާގައި މިމަހު 15 ވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ފިއެސްޓާގައި ކުޅުދުއްފުށީ ސިޓީގެ ތިން ސްކޫލް ކަމަށްވާ އަފީފުއްދީން ސްކޫލާއި، ޖަލާލުއްދީން ސްކޫލުގެ އިތުރުން ހދ.އޭއީސީގެ ކީސްޓޭޖް 1، 2 އިން ކޮންމެ ކީ ސްޓޭޖަކުން ދެ ޓީމް ވަނީ ބައިވެރިވެފައެވެ.
މި ފިއެސްޓާގެ ފައިނަލް މެޗުތައް ކުޅެފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. ކީ ސްޓޭޖް 1 ގެ ފައިނަލުގައި ކުޅެފައި ވަނީ އޭއީސީ އޭ ޓީމާއި އަފީފުއްދީން ސްކޫލްގެ އޭ ޓީމެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ކީސްޓޭޖް  1 ގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އޭއީސީ އޭ ޓީމެވެ.
ކީ ސްޓޭޖް 2 ގެ ފައިނަލުގައި ބައްދަލުކުރީ ޖަލާލުއްދީން ސްކޫލް އޭ ޓީމާއި އަފީފުއްދީން ސްކޫލް އޭ ޓީމެވެ. މި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ކީ ސްޓޭޖް 2 ގެ ޗެމްޕިއަންކަން ހޯދީ އަފީފުއްދީން ސްކޫލް އޭ ޓީމެވެ.
ފައިނަލް މެޗު ނިމުމުން މި ފިއެސްޓާގެ ނިންމުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ. ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ ފިއެސްޓާގައި ބައިވެރިވި ހުރިހާ ކުދިންނަށް މެޑަލް ހަވާލު ކޮށްފައެވެ. އަދި ޗެމްޕިއަންކަން ހޯދި ޓީމުތަކަށް ވަނީ ޓްރޮފީ ހަވާލުކޮށްފައެވެ. މީގެ އިތުރުން މި ފިއެސްޓާ ކުރިއަށް ގެންދަން އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަނީ ވަޒަން ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ