ރިޔާސީ އިންތިހާބާ ގުޅުވައި، ސްޓެލްކޯއިން ހިޔާ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ހަބަރުތަކަކީ އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ހަބަރުތަކެއް ނޫން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކަކީ ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގުޅިފައިވާ އަސާސީ ހިދުމަތްތަކެއް ކަމުގައިވުމުން، އެ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ގެންނަންޖެހޭ އަޕްގްރޭޑްތަކާއި މެއިންޓަނެންސް ފަދަ ރޭވިގެން ކުރާ މަސައްކަތްތަކާއި ގުޅިގެން ހިދުމަތައް އެއްވެސް ކަހަލަ މެދުކެނޑުމެއް އަންނަ ނަމަ، އެ މަސައްކަތް ހިނގާނެ ވަގުތާއި ސަރަހައްދާއި އެ މަސައްކަތައް ހޭދަވާނެ ކަމަށް ބެލެވޭ ވަގުތާއި އެހެނިހެން މައުލޫމާތު ދުރާލާ އެ ކުންފުނީގެ ސޯޝަލް މީޑިއާއާއި މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އަންގަމުން ގެންދާނެ ކަމަށެވެ.
“މި ދެންނެވި ގޮތާ ހިލާފަށް މިހާތަނަށް މި ކުންފުނީގެ މެނޭޖްމަންޓުން އަމަލުކޮށް، އެއްވެސް ސަހަރައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވަމެވެ.،” ސްޓެލްކޯއިން ބުންޏެވެ.
އެ ކުންފުނިން އިތުރަށް ބުނީ، ރިޔާސީ އިންތިހާބާ ގުޅުވައިގެން “ދިޔަރެސް” ނޫހާއި “ޗެނަލް 13” އިން ސްޓެލްކޯއާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް އަދި ކުންފުނީގެ ތަސައްވުރު ކިލަނބުވާ ގޮތަށް ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ކަމަށެވެ.
ބިނާކުރަނިވި ފާޑު ކިޔުމަށް ސްޓެލްކޯއިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި ނަމަވެސް، ފަހުރުވެރި ދިގު ތާރީހެއް އޮތް އެ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުން ބަދުނާމުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމުގައި ބުންޏެވެ.
“ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީއާ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ނަމަވެސް، މި ކުންފުންޏާ ގުޅޭ ގޮތުން ފަތުރަމުންދާ ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކަކީ އެ އަސާސްތަކާ ކަނޑައެޅިގެން ހިލާފަށް ފަތުރަމުންދާ ވާހަކަތަކެކެވެ.،” ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ވަނީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އަސާސްތަކާއި އިންތަކާއި މިންތައް ދެމެހެއްޓުމަށް އިލްތިމާސްކޮށްފަ އެވެ.
އިންތިހާބާ ގުޅުވައި ހިޔާ ފްލެޓްތަކުން ކަރަންޓު ކަނޑަން އުޅޭ ވާހަކަ ދޮގުކޮށް، ސްޓެލްކޯގެ ވަރުގަދަ ރައްދެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ