އެކްސް ބޭނުންކުރާ އެންމެން ފައިސާ ދައްކަން ޖެހިދާނެ ކަމަށް މަސްކު ވިދާޅުވެއްޖެ

ކުރީގެ ޓުވިޓާ އަދި މިހާރުގެ އެކްސް ޕްލެޓްްފޯމު ބޭނުންކުރުމަށް ހުރިހާ އެންމެން ވެސް ފައިސާ ދައްކަން ޖެހިދާނެ ކަމަށް އެ ޕްލެޓްފޯމުގެ ވެރިޔާ އީލޮން މަސްކު ވިދާޅުވެއްޖެ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވާހަކަ ދައްކަވަމުން މަސްކު ވިދާޅުވީ އެކްސް ޕްލެޓްފޯމުގައިވާ ބޮޓުތަކުގެ މައްސަލައަށް އޮތް ހަމަ އެކަނި ހައްލަކީ ޕޭމަންޓް ސިސްޓަމެއް ގެނައުމެވެ.
"މި ޕްލެޓްފޯމު ބޭނުންކުރުމަށް މަހަކު ކުޑަ އިސްތިރާކެއް ދައްކާ ގޮތަށް ހަދަނީ މި،" ޓެސްލާ އާއި ސްޕޭސްއެކްސް ކުންފުނި ވެސް ހިންގަވާ މަސްކު ވިދާޅުވި އެވެ.
މަސްކުގެ މި ވާހަކައާ ގުޅޭ ގޮތުން އަދި އެކްސް އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެހެންކަމުން މިއީ އެކްސް އިން ރާވާފައިވާ ގޮތް ކަމެއް އަދި ޔަގީންވެފައެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި ހުންނަ ފޭކު އެކައުންޓުތަކާއި ބޮޓުތަކަށް އޮތް ހަމަ އެކަނި ހައްލަކީ އެކައުންޓުތަކަށް ފައިސާ ދައްކާ ގޮތް ހެދުން ކަމަށް މަސްކު ވިދާޅުވަމުން އަންނަތާ އަހަރުތަކެއް ވަނީ ވެފަ އެވެ.
އަދި އެކްސް ޕްލެޓްފޯމު މިދިޔަ އަހަރު ބައްލަވައިގަތުމަށް ފަހު މަސްކު ވަނީ އެ ޕްލެޓްފޯމުގައި ފައިސާ ދައްކައިގެން ލިބޭ ބައެއް ހިދުމަތްތައް ތައާރަފްކޮށްފަ އެވެ. މީގެ ތެރޭގައި ފައިސާ ދައްކާ އެކައުންޓުތައް އެހެން މީހުންނަށް ފެންނަ މިންވަރު އިތުރުވުމާއި ދިގުކޮށް ޕޯސްޓު ކުރުމުގެ ފުރުސަތު ލިބުން ހިމެނެ އެވެ.
ނަމަވެސް އެކްސް ޕްލެޓްފޯމު ހިލޭ ބޭނުން ކުރުމުގެ އަދި ވެސް ކަސްޓަމަރުންނަށް އޮވެ އެވެ. 
ކަސްޓަމަރުން އަތުން ފައިސާ ނެގުމުން ލިބޭ މާލީ ފައިދާއެއް އެކްސްއަށް އޮތް ކަމުގައިވީ ނަމަވެސް، މި ޕްލެޓްފޯމު ބޭނުންކުރުމަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ހެދުން ތައާރަފު ކުރުމަށް ވިސްނަނީ ބޮޓުތަކަށް ހައްލެއް ހޯދުމަށް ކަމަށް މަސްކު ވިދާޅުވި އެވެ.
އަދި ބޮޓެއް އުފައްދާ އޮޕަރޭޓު ކުރަމަށް ދަނީ އިންތިހާ ކުޑަ ހަރަދެއް ކަމަށާއި މި އެއްޗެހި އޮޕަރޭޓު ކުރުމަށް މަދު ޑޮލަރެއް ދައްކަން ޖެހިއްޖެ ނަމަ އެ ބޮޓުތައް ހިންގުމުގެ އަގު މާ ބޮޑުވެގެން ދާނެކަމަށް މަސްކު ފާހަގަ ކުރެއްވި އެވެ.
މިވަގުތު އެކްސްގެ ޕްރިމިއަމް އެކައުންޓެއްގެ މަހުފީ އެމެރިކާގައި ހުރީ 8 ޑޮލަރަށެވެ. 
ބޮޓުތައް ހުއްޓުވުމަށް އެކްސްގެ ހުރިހާ ކަސްޓަމަރުން އަތުން ފައިސާ ނެގުމާ  ބެހޭ ގޮތުން މަސްކު އިތުރަށް ވިދާޅުވީ، ޗާޖުކުރަން ވިސްނަވަނީ މިހާރު ހުރި އަގުތަކަށް ވުރެ ދަށް އަގެއްގައި ކަމަށެވެ.
"ދަށް އަގުތަކެއް އަހަރުމެން ހަދާނީ. އަހަރުމެން ބޭނުން ވަނީ އެއީ ވަރަށް ކުޑަ މިންވަރަކަށް ވާން،" މަސްކު ވިދާޅުވި އެވެ. 
"މިއީ ވަރަށް ދިގު މަޝްވަރާއެއް. އެކަމު އަހަރެން ދެކޭ ގޮތުގައި ބޮޓުގެ ލަޝްކަރުތަކުން ދިފާއު ވެވެން އޮތް ހަމަ އެކަނި ގޮތަކީ މިއީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ