"މާތްﷲ ގަންދީ ހުވާކޮށް ބުނަން އޮތީ، މީހަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ދިނުމުގެ ގޮތުން ސިހުރެއް، އަޅުގަނޑު ނުވަތަ އަޅުގަނޑުގެ އާއިލާއިން ދުވަހަކު ވެސް ހަދާފައެއް ނުވާނެ،" ސިހުރު ހަދާ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު ސައުދުﷲ ހިލްމީއާ ގުޅޭ ގޮތުން ދައުރުވާ ވާހަކަތަކަށް ރައްދު ދެއްވަމުން، އޭނާ ނެރުއްވި ނޫސްބަޔާނެއްގައި ވަރަށް އަސަރާ އެކު މިއަދު ވިދާޅުވި އެވެ.
ސައުދު މި ނޫސްބަޔާން ނެރުއްވީ، ސިހުރާ ގުޅުވައިގެން ވޭތުވެ ދިޔަ ދެ ހަފުތާ ތެރޭގައި އޭނާއާ މެދު ބައެއް މީހުން ކުރި ތުހުމަތުތައް ދޮގު ކުރައްވަ އެވެ. ބައެއް ނޫސްތައް ވެސް ހިމެނޭ ގޮތަށް ކުރި އެ ތުހުމަތުތައް ބުނާ ގޮތުން. ގދ. ތިނަދޫގެ ސަހަރާއަށް ބަޔަކު ވަދެ، ސައުދާ ގުޅުން ހުރި ބަޔަކު ވަނީ ސިހުރު ހަދާފަ އެވެ. އަދި އޭގެ ފަހުން އިންޑިއާގެ ބަޔަކު އެ ރަށަށް ގެންގޮސް ވެސް ސިހުރު ހެދި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
"އެ ފަދަ ކަމެއް ކުރި ނަމަ، އަޅުގަނޑުގެ މައިމީހާގެ ގާތުން ބުއި ކިރު ވެސް ހަރާމްކޮށް، އުމުރުގައި ކުރި ހުރިހާ އަޅުކަމަކާއި ހެޔޮކަމެއް އެ ފަދަ ތުހުމަތެއް ކުރި މީހުންނަށް ދީފީމެވެ،" ބަޔާނުގައި ސައުދު ވިދާޅުވި އެވެ.
ސިހުރު ހެދިކަން ދޮގު ކުރެއްވި ނަމަވެސް، ސައުދު ވަނީ އޭގެ އުނދަގުލާއި ސުންޕާކަން އާއިލާއިން ތަޖުރިބާ ކުރަން ޖެހުނު ކަމަށް ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި:
1970ގެ އަހަރުތަކުން ފެށިގެން މަންމަ އުޅުއްވީ ބަލިކޮށް؛ އެކި ގައުމުތަކަށް ގޮސް ބޭސްފަރުވާ ކުރި ނަމަވެސް، މިހާތަނަށް އައިއިރު ވެސް އުޅުއްވީ ޝިފާއެއް ނުލިބި، ވޭނުގައި
އޭގެ ފަހުން އާއިލާގެ އެހެން ބައެއް މީހުންނަށް ވެސް އޭގެ އުނދަގޫ ޖެހުނު
އެންމެ ފަހުން ރުގުޔާ ކުރުމުން، އެއީ ސިހުރަކުން ނުވަތަ ފަންޑިތަވެރިކަމަކުން ދިމާވާ ކަމެއްކަން އެނގުނު؛ އެއީ ސައުދުމެން ދިރިއުޅުއްވާ ގެ ހުރި ތަނަށް، ތިނަދޫން މީހުން ބޭލުމުގެ ކުރިން ހަދާފައިވާ ސިހުރެއްކަން އެނގިވަޑައިގެންނެވި
ސައުދު ވިދާޅުވި ގޮތުގައި، އެ ކަންކަމުން ނަޖާވެ، ޝިފާ ލިބޭތޯ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ނަމަވެސް، ސިހުރާ ގުޅުވައިގެން އޭނާއާ މެދު މިހާރު ދައްކަމުން ދަނީ "ފުރާނައަށް ނުރައްކާވާ ވަރުގެ" ދޮގު ވާހަކަތަކެއް ކަމަށާއި އަބުރު ގެއްލުވާލުމަށް މަސައްކަތް ކުރި މީހުންނާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގުން މުހިއްމު - ސައުދު ވަނީ، ސިހުރު ހެދުމަށް ތިނަދޫގެ ސަހަރާއަށް ބަޔަކު ވަން ކަމާއި އެކަމާ އޭނާއާ ގުޅުވައިގެން ހަބަރު ގެނެސްދިން ގދ. އަތޮޅުގެ ދެ ނޫހެއްގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ހުށަހަޅުއްވާފަ އެވެ.
ގުޅުން ހުރި ކަމެއް - ތިނަދޫގައި ސިހުރުގެ ވާހަކަ ފެންމަތިވި ދުވަސްކޮޅު އެ ރަށަށް ދިޔަ އިންޑިއާގެ ދެބަފައިން ހޯދުމަށް އިމިގްރޭޝަނުން ވަނީ މިދިޔަ ހަފްތާގައި ނޯޓިސް ނެރެފަ އެވެ. އެކަމަކު އެ މީހުން ހޯދަން އިއުލާން ކުރީ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ. އޭރު ތިނަދޫގެ ބައެއް މީހުން ތުހުމަތުކުރީ އެއީ ސިހުރު ހަދަން އެ ރަށަށް ދިޔަ ބައެއް ކަމަށެވެ.
ސިހުރާ ގުޅުވުމުން ކުރީގެ މެމްބަރު ސައުދު ހިތުގައި ޖެހި، އެކަން ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ