ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް، ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީން ނިންމާފައިވަނީ ރަނގަޅަކަށް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވަނީ، ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުންނެވެ. އެގޮތުން ބެންޗުގައި ތިއްބަވަނީ، އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއް ސުޢޫދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު މުޙައްމަދު އިބްރާހީމެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމީ، ޖިނާއީ ކުށެއް ސާބިތުވެ، 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ރައީސް ޔާމީން ތަންފީޛުކުރައްވަމުން ގެންދަވާތީ، މި ހުކުމް ތަންފީޛުކޮށް ނިމިފައިނުވާކަން، ހުށަހަޅާފައިވާ ކުށުގެ ރެކޯޑަށް ބެލުމުން އެނގެން އޮންނާތީ، ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު، ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަނުވާކަމަށް ބުނެއެވެ. އަދި ނުދައްކަވައި އޮތް ސާބިތު ދަރަންޏެއް ވެސް އޮތީތީއެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީން ނިންމި ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، މި މައްސަލައިގެ އަޑުއެހުންތައް ހުކުރު ދުވަހު ވަނީ ނިންމާލާފައެވެ.
ޔާމީނުގެ ފަރާތްޕުޅުން ހުށަހަޅާ މައި ނުކުތާއަކީ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި އޮންނަ ޝަރުތުގައި ބަޔާންކުރާ ހުކުމަކީ ނިހާއީ ހުކުމެއް ގޮތަށް ސުޕްރީމް ކޯޓުން މާނަކޮށްދިނުމަށެވެ.
މި މައްސަލައިގައި ހުކުމް އިއްވަމުން ފަނޑިޔާރު ހުސްނުއްސުޢޫދު ވަނީ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބަޔާން ކުރާ ޝަރުތު ޔާމީންގެ އުނިވާކަމަށް ވިދާޅުވެފައެވެ. އަދި، 11 އަހަރުގެ ޖަލު ހުކުމާއި ޖޫރިމަނާ އަދަބުގެ އިސްތިއުނާފު ކުރިއަށްދިޔަ ނަމަވެސް މަތީ މަރުހަލާ ކޯޓަކުން އެ މައްސަލައިގައި ދަށު ކޯޓުން ކުރި ހުކުމް އަނބުރާ ނުގެންދާހާ ހިނދެއްގައި އެ ހުކުމްތައް ތަންފީޒު ކުރައްވަމުން ގެންދަން ޖެހޭނެ ކަމަށެވެ.
އެހެންވެ، ފަނޑިޔާރު ސުޢޫދުގެ ރަޢުޔުގައި ވިދާޅުވެފައިވަނީ، ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ. މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ވަނީ ސުޢޫދުގެ ރަޢުޔަށް ތާއީދުކޮށްފައެވެ.
އެހެންވެ، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކޮށްފައިވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޔާމީންގެ ޝަރުތު ހަމަނުވާކަމަށް އީސީން ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ.
ކުއްލި ޚަބަރު: ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ