ޣައްޒާގައި އިސްރާއީލްގެ ނިރުބަވެރިން ދެމުންދާ ހަމަލާތަކުގައި އިތުރު ނޫސްވެރިޔަކާއި، އޭނާގެ އާއިލާ ޝަހީދުކޮށްލައިފިއެވެ.
ފަލަސްތީނާއި ގުޅުން ހުރި ހަބަރުތައް ގެނެސްދޭ ގުދުސް ނެޓްވޯކް އިން ބުނީ ޣައްޒާ ސިޓީގެ ދަރާޖް އަވަށަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ނޫސްވެރިޔާ އޯލާ އަތަﷲ އާއި އޭނާގެ އާއިލާގެ ބައެއް މީހުން ޝަހީދުވެފައިވާ ކަމަށެވެ.
ފަލަސްތީނުގެ ސިއްހީ އޮފިޝަލުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮކްޓޯބަރު މަހުގެ 7 ވަނަދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 75 ނޫސްވެރިޔަކު ވަނީ ޝަހީދުކޮށްލާފައެވެ. އަދި 80 ވަރަކަށް މީހުން ޒަހަމްވެ، ދެ ނޫސްވެރިއަކު ގެއްލިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އިސްރާއީލްގެ ހަމަލާތައް ޣައްޒާގެ ދެކުނާއި އުތުރުގައި ވަރުގަދަ ކޮށްފައިވާއިރު، އިސްރާއީލުން ދަނީ ފަލަސްތީނުގެ ނޫސްވެރިންގެ ގެތަކަށް އަމާޒުކޮށްގެން ހަމަލާތައް ދެމުންނެވެ.
ނޫސްވެރިން ދިރިއުޅޭ ގެތަކުގެ އިތުރުން އިސްރާއިލުން ދަނީ މީޑިއާ އޮފީސްތަކަށްވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.
ބައިނަލް އަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިސްރާޢީލްގެ ހަމަލާތަކުގައި މިހާތަނަށްވަނީ 63 މީޑިއާ މުއައްސަސާތަކާއި އޮފީސްތަކުގެ ހެޑްކުއާޓަރު ހަލާކުކޮށްލައި، 25 ރޭޑިއޯ ސްޓޭޝަނެއް ގެ އޮޕަރޭޝަނަށް ހުރަސް އަޅައި، ތިން މީޑިއާއެއްގެ އޮޕަރޭޝަންތައް ބަންދުކޮށް، ހުޅަނގު އައްސޭރީގެ 41 ނޫސްވެރިޔަކާއި ޣައްޒާގެ ދެ ނޫސްވެރިއަކު ހިމެނޭ ގޮތަށް 43 ނޫސްވެރިއަކު ހައްޔަރުކޮށްފައެވެ.
ފަލަސްތީނުގެ އިތުރު ނޫސްވެރިޔަކާއި، އޭނާގެ ޢާއިލާ ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ