ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ކުރާ މަަސައްކަތް ހުއްޓާލުމަށް ގާސިމް އެދިވަޑައިގެންފި

ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ހުއްޓާލުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ.
އިއްޔެ ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒުއަށް މަރުހަބާ ދެންނެވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް އިބްރާހިމް ވިދާޅުވީ، ފުރިހަމަ ރިޔާސީ އިންތިހާބެއް ނިންމައި ކުރިއަށް އޮތް ފަސްއަހަރުދުވަހަށް ރައީސުލް ޖުމްހޫރިއްޔާއަކާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބަކު އިންތިޚާބު ކޮށް ، އަދި ދިވެހިރައްޔިތުންނާއި، ބައިނަލް އަޤްވާމީ މުޖުތަމަޢުން އެ އިންތިހާބުގެ ނަތީއްޖާ ގަބޫލުކޮށްފައި ވަނިކޮށް، އިންތިހާބީ ރައީސް އާއި ނާއިބު ރައީސް މަގާމުގެ ހުވާކުރުމުގެ ކުރީން ވެރިކަމުގެ ނިޒާމާގުޅޭ ވޯޓެއް ނެގުމަކީ ޤާނޫން އަސާސީގެ ރޫޙާ ހިލާފު އަދި ބައިނަލް އަގްވާމީ މުޖުތަޢުގައި ޢަމަލު ކުރާ އުޞޫލު ތަކާއިވެސް މުޅީން ހިލާފު ކަމެއް ކަމަށެވެ.
ދިވެހިރައްޔިތުން ކުރިއަށް އޮތް ފަސްއަހަރުދުވަހަށް ރައީސުލް ޖުމްހޫރިއްޔާއަކާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބަކު އިންތިހާބު ކޮށްފައި ވަނިކޮށް، ވެރިކަމުގެ ބާރުވެރިކަން ލިބުމުގެ ނިޔަތުގައި، ބާރުހުރި ފަރާތްތަކުން ޤާނޫންއަސާސީ އާއި ޤާނޫނީ ވެރިކަމާއި، ޑިމޮކްރަސީގެ އަސާސްތަކާއި ހިލާފަށް، ވެރިކަމުގެ ނިޒާމު ކުއްލި އަކަށް ބަދަލުކުރުމުގެ ވިސްނުމުގައި މުޅި ނިޒާމު ގަނޑުބަނޑުކުރުމަކީ ގައުމަށް ހެޔޮ އެދޭ އެއްވެސް ރައްޔިތަކު ގަބޫލު ކުރާނޭކަމެއް ނޫން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
މި މަހުގެ 30 ވަނަ ދުވަހު ރާއްޖޭގައި ވެރިކަމުގެ ނިޒާމާއި މެދު އިލެކްޝަންސް ކަމިޝަން މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ވަކިޕާޓީ އަކުން ތިމާމެނަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތުމުގެ ނާޖާއިޒު ފައިދާނަގައި، ރައްޔިތުން ނޫނެކޭ ބުނެފައިވާ ސަރުކާރެއްގެ ވެރިޔަކާއި އެކު ސިޔާސީ ޑީލެއްގެ ދަށުން ނަގަން މިއުޅޭ ވޯޓަކީ ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލު ކުރާނޭ ވޯޓެއް ނޫން ކަން އަދި ތާއީދު ކޮށްގެންވާނޭ ވޯޓެއް ނޫން ކަން ގަބޫލުލުކުރައްވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ޤައުމުގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކުރައްވާ ވަކާލާތު ހުއްޓާލައްވާ މުޅިޤައުމުގެ ހަމަޖެހުމަށްޓަކައި، ޤައުމު އިސްކޮށް ޤައުމާއި ގެން ކުރިއަށް ދިއުމަށް ގާސިމް ވަނީ އެފަރާތްތަކަށް ގޮވާލައްވާފައެވެ. ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކުން ދިވެހި ރައްޔިތުންނަށް ލިބޭނޭ އިތުރު އެއްވެސް މަންފާއެއް ނެތްކަން ގިނަ ރައްޔިތުން ޤަބޫލު ކުރައްވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ، ބަރުލަމާނީ ނިޒާމަކުން ފައިދާވާނީ މަޖިލިސް މެންބަރުންނާއި، މަދުވޯޓުކޮޅަކުން މަޖިލީހަށް ވަޑައިގެން ބޮޑުވަޒީރުކަން ހޯއްދަވާ ފަރާތްތަކާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަޒީރުންނަށް ޢައްޔަންކުރެވޭ މެންބަރުންނަށާއި، ސަރުކާރު ހިންގުމަށް ހަވާލު ކުރާ ފަރާތްތަކަށް ކަމަށެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ