ޝައިޚް އިމްރާނަށް ރޮވެނީ ކީއްވެ؟

މާދަމާ
ވޯޓްލާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު
ސާލިހަށް ވޯޓް ހޯދައިދޭން ހޯމް މިނިސްޓަރ އިމްރާން ކީރިތި
ކުރައްވައިފިއެވެ.
ރޭ އޮތް ޕާޓީގެ ކެމްޕޭން އެންމެ ފަހު އެއްވުންކަމަށް ސިފަކުރި
އެއްވުމުގައި ކަންމަތީ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ
ރައްޔިތުން ރައީސް ސާލިހަށް ވޯޓްނުދީފާނެތީ ވަރަށް ބިރުފުޅުން ހުންނެވި ކަމަށެވެ. ކީރިތި
ކުރައްވައި ލޮލުން ކަރުނަ ބާލައްވަމުން އާދޭހާއެކު އިމްރާން ރައީސް މުހައްމަދު
ނަޝީދަށާއި ރައީސް މައުމޫނަށާއި ޤާސިމް އިބްރާހީމަށާއި އުމަރު ނަސީރަށް އިލްތިމާސް
ކުރެއްވީ ސާލިހަށް ވޯޓެއް ލައިދޭން އެބޭފުޅުން ރައްޔިތުން ގާތު
ވިދާޅުވެދެއްވުމަށެވެ.
"
އަޅުގަނޑުގެ އެންމެ ފަހު އިލްތިމާސްއަކަށް ދަންނަވާލަންބޭނުން ރައީސް މައުމޫނަށް،
ރައީސް ނަޝީދަށް އޮނަރަބްލް ގާސިމް އިބްރާހީމަށް، އުމަރު ނަސީރަށް އެންމެ
ކުޑަމިނުން ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ވޯޓެއްދެއްވުން އެދި
ޓްވީޓެއްކޮށްލައްވަން. ޓްވީޓެއްކޮށްލާހާ ހިއްވަރު ގެނެސްދެއްވުން"
އިމްރާނު
ވިދާޅުވީ އޭނާގެ ގައިގައި އަދިވެސް މޭޑޭއަށް ނުކުންނާނެ ހިއްވަރު އެބަހުރި
ކަމަށެވެ. އޭނާ އެހެން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން
މޭޑޭގައި ނުކުތް އެއްވުމަށް އިޝާރާތް ކުރައްވައެވެ.
އިމްރާންގެ
ވާހައިން އިންތިޚާބާމެދު ވަރަށް ބޮޑު މާޔޫސީކަމެއްގައި ހުންނެވިކަން ވަރަށް ބޮޑަށް
ދޭހަވެއެވެ. ރޭވެސް މައިގަނޑު ގޮތެއްގައި އިދިކޮޅު ކެންޑިޑޭޓް ޑޮކްޓަރ މުހައްމަދު
މުއިއްޒަށް ނިސްބަތްކުރައްވައި ވަރަށް ގިނަ ސާބިތު ނުހިފޭ ވާހަކަފުޅުތަކެއް
ދެއްކެވިއެވެ.
ރޭގައި ވިދާޅުވީ މަޣްރިބު ނަމާދުކުރައްވައިގެން ފުލުހުންގެ އިސް ބައެއް
ވެރިންނާ ވާހަކަފުޅު ދައްކަވާލެއްވުމުން މުއިއްޒު އެކުލަވާލާ ކެބިނެޓަކީ ޑްރަގްވިޔަފާރިކުރާ
މީހުންގެ ކޮންޓްރޯލްކުރާނެ ސަރުކާރެއް ކަމަށް އެނގިވަޑައިގެންފި ކަމަށެވެ.
މީގެކުރިން
ދެއްކެވި ވާހަކައެއްގައި މުއިއްޒުގެ ސަރުކާރެއްގައި ރައްޔިތުންގެ ގަޔަށް
ބަޑިޖަހާނެކަން ޔަގީންވާކަމުގައިވެސް ވިދާޅުވިއެވެ.
އޭނާގެ
ވާހަކަފުޅުތަކުގައި ޣައިބުގެ ކަންކަމާއި ޔަގީންކަމާއެކު މީހުންގެ ހިތުތެރޭގައި
ހުންނަ ކަންކަން އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާތީ އެއީ
އިސްލާމީ އިލްމު ކިޔަވައިގެން ހުންނެވި ބޭފުޅަކު ކުރަން ހެޔޮނުވާނެ ކަމެއްކަމަށް
ބުނެ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އިމްރާނަށް ކުރިމަތިވެއެވެ. 
ރޭ
އިމްރާން ދެއްކެވި ވާހަކަފުޅުގައި މުއިއްޒަށް ކުރެއްވި ތުހުމަތުތަކަށް ރައްދުދެއްވީ
އިމްރާންގެ އަޚް މުހައްމަދު ޝަހީމް އަލީސައީދެވެ.
އޭނާ ވިދާޅުވީ މަސްތުވާތަކެއްޗާއި
ގޭންގުތަކާއި ޑޮކްޓަރ މުއިއްޒާ ގުޅުވައިގެން އެންޓިކެމްޕޭން ކުރެއްވިޔަސް އަދުގެ
ތަހްޒީބު ތައުލީމީ ޖީލުން ނުހެއްލޭނެ ކަމަށެވެ.
ފަހަކަށްއައިސް މީގެ ކުރީގެ
އިންތިޚާބުތަކުގައި ނުފެންނަހާ ގިނަ އަދަދަކަށް ޕީއެޗްޑީން ފެށިގެން ހުރިހާ
ލެވެލްއަކަށް އިލްމީ ބޭފުޅުން މުއިއްޒަށް ތާއީދުކުރާކަން ފާޅުކުރަމުން ގެންދެއެވެ.
ވޯޓްލުމުގެ ދެވަނަ ބުރާދިމާކޮށް ފުރަތަމަ ބުރުގައިވެސް މުއިއްޒަށް ތާއީދުކުރި
ސަތޭކަ ދީނީ އިލްމުވެރިންވަނީ އެބޭފުޅުންގެ ތާއީދު އަލުން އާކުރާކަމަށް މިއަދު
ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ