30 އަހަރުގެ ތެރޭގައި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީ ގެނެސްދިނިން: ރައީސް މައުމޫން

ދިގު 30 އަހަރު ދުވަހު ދިވެހި ޤައުމަށާއި ރައްޔިތުންނަށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ތަފާތު ކުރިއެރުމާއި ތަރައްޤީ ހޯދައިދެވިފައިވާކަމަށް ކުރީގެ ރައީސް، އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އާންމުކުރެއްވި ބަޔާނެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ، މިއަދަކީ މީގެ 45 އަހަރު ކުރިން އެމަނިކުފާނު ޤައުމާއި ރައްޔިތުންނަށްޓަކައި ޚިދުމަތް ކުރުމަށް ފެށި ދުވަސްކަން ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ވެރިކަމާއި އެމަނިކުފާނު ހަވާލުވެވަޑައިގަތީ މާތް ﷲ ދެއްވި މަތިވެރި ތައުފީޤުންނާއި އެމަނިކުފާނުގެ ޢާއިލާ އާއި ދިވެހި ރައްޔިތުން ދެއްވި ހިތްވަރާއި އިތުބާރުން ހިތުގައި އުފެދުނު ޝައުޤުވެރި ކަމެއްގެ ބޮޑު ކަމުންކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ޤައުމީ ޚިދުމަތް އެމަނިކުފާނު ދެއްވަން ފެއްޓެވި ތާރީޚުގައިހުރެ، ފަހަތަށް އެނބުރި އެދުވަސް ތަކުގެ މައްޗަށް ނަޒަރު ހިންގާލާއިރު އެ މުއްދަތުގެ ތެރޭގައި ޙާޞިލު ކުރެވުނު ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމުގައި ދިވެހި ރައްޔިތުންނާއި ރާއްޖެއަށް ހެޔޮއެދިވަޑައިގަންނަވާ ބޭރުގެ ޢިއްޒަތްތެރިން ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގު ޝުކުރުވެރި ހިތަކުން އިޚްލާޞްތެރިކަމާއެކު ވަޒަން ކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އެމަނިކުފާނު އަބަދުވެސް އެދިވަޑައިގަންނަވަނީ ދިވެހި ޤައުމާއި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަރައްޤީކަމަށާއި އަޅުގަނޑުމެންގެ އަމިއްލަ މިނިވަން ކަމާއި ސިޔާދަތު ރައްކާތެރިކޮށް، އަމާންކަމާއި އޮމާންކަމާއި އެކުގައި ތަރައްޤީގެ އިތުރު ލަނޑުދަނޑިތަކެއް ޙާޞިލު ވެގެން ދާތަން ފެނިގެން ދިއުމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސް މައުމޫނުގެ ބަޔާނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ