ތައްޕު އާއި މިރާހު އަލީގެ ޑިޖިޓަލް ފްލޮކް ގުޅިގެން ނެރެފައިވާ 'ފޮއެވަމޯ' އިން ހިތް ފުރާލަދެނީ އުފާވެރި ލޯތްބެއްގެ ޖަޒުބާތަކުންނެވެ. ލަވަ ފަށައިގެން ނިމެންދެން އަޑުއަހާ މީހާގެ ހިއްސުތައް ހަންހާރަވެތިކަމެއްގެ ތެރޭގައި ހިފަހައްޓާލަ އެވެ. އަދި ތައްޕުގެ ހިތްގައިމު އަޑުން ކިޔާ ބަސްތަކުން ފިނިކަން ނޫން އިތުރު އެއްޗެއް ހިތަކަށް ނުގެނެ އެވެ.
'ފޮއެވަމޯ' އަކީ ތައްޕު ނެރުނު ތިންވަނަ ސިންގަލް ލަވަ އެވެ. އެމްބިއެންޓް/އެކްސްޕެރިމެންޓަލް ރާގުތައް ފަރުމާކުރާ ޑިޖިޓަލް ފްލޮކްއާ އެކުގައި ޕްރޮޑިއުސްކުރި 'ފޮއެވަމޯ' ރިލީޒްކުރީ 15 ސެޕްޓެމްބަރުގަ އެވެ. އޯޑިއޯގެ އިތުރުން، ޓްރައުޓް މީޑިއާ އަދި ކްރޫ ސްޓޫޑިއޯސްއާ ގުޅިގެން 'ފޮއެވަމޯ'ގެ ވީޑިއޯ ލަވައެއް ވެސް 19 ސެޕްޓެމްބަރުގައި ނެރުނެވެ. ފޮއެވަމޯ ލަވައިން ދިރުންދޭ އިހުސާސްތައް ފުރިހަމައަށް ރަމްޒުކޮށްދޭ، އެހާމެ ޗާލު މިއުޒިކް ވީޑިއޯއެކެވެ.
'ފޮއެވަމޯ' އުފެދުނު ގޮތާއި އުފެއްދުމުގައި ޝާމިލްވި މީހުން އަދި އެހެން ބައެއް ކަންކަމާ ބެހޭގޮތުން 'ދައުރު' އިން ތައްޕުއާ ކުރި ދެތިން ސުވާލެއްގެ ޖަވާބުތައް ތިރީގައި މިވަނީ އެވެ.
ސ: 'ފޮއެވަމޯ'ގެ ލިރިކްސްގެ ފަހަތުގައި އޮތް ވާހަކައަކީ ކޮބާ؟ ކާކުގެ ފަރާތުން އިންސްޕަޔާވީ ލިރިކްސް ލިޔަން؟
ޖ: އަހަރެންނަށް ރައްކާތެރިކަން، ހަމަހިމޭންކަން އަދި އޯގާތެރިކަން އިހުސާސްވާ ލޯތްބެއް ބޮލުގައި ބަހައްޓައިގެން އެ ލިރިކްސް ލިޔުނީ. އެއީ އުފާވެރިކަމާއި އެބަންޑަންސްގެ ވާހަކައެއް. ދެ މީހުންގެ ދެމެދުގައި އޮންނަ ޖާގަ އާލާކޮށް، ފުރިހަމަ އެއްޗަކަށް ހެދުމާ ބެހޭ ލިރިކްސްއެއް.
ސ: ފޮއެވަމޯ ލަވައިގެ ޕްރޮޑަކްޝަަން ރާސްތާ ހުލާސާކޮށްލަން ކީކޭ ބުނާނީ؟
ޖ: ލަވައިގެ ޕްރޮޑަކްޝަނަށް ނެގި މަސްތަކެއް. މި ލަވައަކީ ތައްޕު އާއި ޑިޖިޓަލް ފްލޮކް (މިރާހު އަލީ)ގެ ކޮލެބޮރޭޝަނެއް. ވަރަށް ފަސޭހަ [މިރާހުއާ] އެކުގައި މަސައްކަތްކޮށް މި ލަވަައަށް ދިރުމެއް ގެނެސް ރިލީޒްކުރަން. އެ މަރުހަލާގެ އެއްވެސް ކަމެއް އަހަރެން ބަދަލެއް ނުކުރާނަން. ވީޑިއޯއަށް ބަލާއިރު، އަހަރެމެން އެޕްރޯޗްކުރީ ޓްރައުޓް މީޑިއާ އަދި ކްރޫ ސްޓޫޑިއޯސްއަށް ވީޑިއޯ ޕްރޮޑަކްޝަންގައި ކޮލެބޮރޭޓްކުރަން. އެ ގުޅުމުގެ ސަބަބުން މަހެއް ތެރޭގައި ވީޑިއޯ ޝޫޓްކޮށް ފައިނަލައިޒް ކުރެވުނު.
ސ: ލަވައިގެ ވީޑިއޯގައި ދައްކާ މަންޒަރުތަކުގެ ފަހަތުގައި ވަނީ ކޮން ކޮންސެޕްޓެއް؟
ޖ: އަހަރެމެން ބޭނުންވީ ލަވައިގެ އިހުސާސްތައް ފުރިހަމައަށް ގެންނަން ހަމަހިމޭން، ހުވަފެނީ ކޮންސެޕްޓެއް. މި ލަވައަކީ ލޯތްބާއި ހިތްފަސޭހަކަމާ ބެހޭ ލަވައެއް. އެހެންވެ އަހަރެމެން އުއްމީދު ކުރީ އެ އިހުސާސްތައް ގަދަ ކުލައިގެ ފޮތިންނާއި ނޫ އުޑާއި އިރުގެ ދޯދިތަކުން ދައްކުވައިދޭން. ފޮތިގަނޑު ވައިގެ ތެރޭ ވިހުރެން ދޫކޮށްލާފައި އޮތީ ލަވައަަށް އިތުރު ސޮފްޓުކަމަކާއި ފްލުއިޑިޓީއެއް ގެނެސްދޭން.
ސ: މި ލަވަ އުފެއްދުމުގައި ސީދާ ބައިވެރިވި މީހުންގެ އިތުރުން ކޮން ބައެއް ފާހަގަ ކޮށްލާނީ ލަވަ ހަގީގަތަކަށް ވުމަށް އެންމެ ބޮޑު އެހީއެއް ދިން ކަމަަށް؟
ޖ: މި ލަވައަކީ ތައްޕު އަދި ޑިޖިޓަލް ފްލޮކްގެ ކޮލެބޮރޭޝަނެއް. މި ލަވައިގެ މިކްސިން އަދި މާސްޓަރިންގެ އިތުރުން ލަވަ ޕްރޮޑިއުސްކުރީ ވެސް މިރާހު.
ވީޑިއޯ ހެދީ ކޮލެބޮރޭޓިވް އެފަޓަކުން. ޓްރައުޓް މީޑިއާ އިން ދިނީ ކްރިއޭޓިވް އިންޕުޓް. ކްރޫ ސްޓޫޑިއޯގެ ސިނެމަޓޮގްރަފީ ވީޑިއޯ އިން ފެންނާނީ.
ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން ކަމްބޯއަށް، ލަވައިގެ ވީޑިއޯގަ ސްޓާ ކުރީމަ. މި ޓީމުގެ އަތް އޮތީ މި ލަވައަށް ދިރުން ގެނެސްދިނުމުގައި. ޓީމާއި އަހަރެމެންގެ ލޮބުވެތި އެކުވެރިންނާއި އާއިލާ މީހުންް މި ލަވަ އުފެއްދުމުގައި ބައިވެރިވެ ވަރަށް ބޮޑު އެހީއެއް ވެދިން. ވަރަށް ޝުކުރުވެރިވަން މި ލަވަ އުފެއްދުމުގެ ތެރޭގައި އެހާމެ ސަޕޯޓިވް މީހުން އުޅުނީމަ.
ސ: އެންމެ ފަހު ސުވާލަކަށް، ތައްޕު އިތުރަށް މި ލަވައާ ބެހޭގޮތުން އަދި ކުރިއަށް ހުރި ޕްރޮޖެކްޓުތަކާ ބެހޭގޮތުން ބުނެލަން ބޭނުންވާ އެއްޗެއް އެބައޮތްތަ؟
ޖ: މި ލަވަ އަޑު އަހަމުންދާ އަދި ބަލަމުންދާ އެންމެންނަށް ވަރަށް ފުންކޮށް، ފަށްފަށުން ޝުކުރު އަދާކުރަން އަހަރެމެންގެ ފަރާތުން. މި ލަވަ ރިލީޒްކުރުމުގައި ބައިވެރިވި އެންމެންނާ އެކު މަސައްކަތް ކުރަން ލިބުމަކީ ލިބުނު ޝަރަފެއް. އަދި އެ ތަޖުރިބާ ހިއްސާކޮށްލަން ލިބުނީމަ ވަރަށް އުފާވޭ.
އަހަރެން މިހާރު މި މަސައްކަތް ކުރަނީ އޮކްޓޯބަރު މަހުގައި ސިންގަލްއެއް ނެރެން. ކެތްމަދުވެފައި މި ހުންނަނީ ދުނިޔެއާ އެ ލަވަ ހިއްސާކުރަން.
ތައްޕުގެ އާ ލަވަ 'ފޮއެވަމޯ': ހިތާއި ހިތް ގުޅުމުގެ ލޯބީގެ ލަވައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ