ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ކުރިއަށް ނުގެންދިޔައީ ގަވާއިދާ ޚިލާފަށް ކަމަށް ލަފާ ދެއްވުމަށް ފަހު، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުން ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރާނެ ކަމަށް އެ އޮފީހުން ބުނެފިއެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނު 10:00 އަށެވެ.
ރައީސް ނަޝީދު މަގާމުން ވަކި ކުރުމަށް 49 މެމްބަރުންގެ ސޮޔާއެކު އެމްޑީޕީން އެ މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެއަށް ފަހު 14 ދުވަހުގެ ނޯޓިސް މުއްދަތު ހަމަވެ، އެ މައްސަލަ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. ނަމަވެސް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭ ފަރާތް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ހުށަހަޅުއްވާފައިވާތީ، އެ ޖަލްސާ ވަނީ ކެންސަލް ކޮށްފައެވެ.
އެއަށްފަހު އެ ޖަލްސާ އެޖެންޑާ ކުރި ކޮންމެ ދުވަހަކުވެސް އީވާ ސަލާމް ހުށަހަޅުއްވާފައި ވާތީ، އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.
އެ މައްސަލަ އެއްފަރާތް ކުރުމަށް ފަހު މަޖިލީހުން ދެން އެޖެންޑާ ކުރީ ދައުލަތުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ހުށަހެޅުއްވުމަށެވެ. ނަމަވެސް މަޖިލީހުން އަމަލު ކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް އޭޖީން ލަފާ ދީފައިވާތީ ބަޖެޓް ހުށައެޅުމުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަޑައިގެންފައެއެ ނުވެއެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާގެ ނިންމެވުން ގާނޫނު އަސާސީގެ 82 ވަނަ މާއްދާއާއި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއާ ހިލާފުކަމަށެވެ. މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި ބުނެފައިވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށެވެ. އަދި އެ މެމްބަރަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާންޖެހޭނެކަމަށްވެސް އެ މާއްދާގައިވެއެވެ.
މީގެއިތުރުން، ގަވާއިދުގެ 205 ވަނަ މާއްދާއާއި ހަވާލާދީ އެމްޑީޕީން ބުނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށައެޅުމަށްފަހު އެވަގުތު މަޖިލީހަށް ހުށައެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުކަމަށެވެ.
ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ޕާޓީ ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ވަނީ މި މައްސަލައިގެ ތެރެއަށް ތަދައްޚުލް ވެފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑާއިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޒު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޒު ހުސްނުއްސުއޫދު، ފަނޑިޔާރު އަލްއުސްތާޒު އަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.
މަޖިލީހުގެ ނިންމުމާ ދެކޮޅަށް ލަފާ ދެއްވުމަށް ފަހު ސުޕްރީމް ކޯޓުގައި އޭޖީ މަޖިލިސް ތަމްސީލް ކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ