ނަޝީދުގެ މައްސަލަ އެޖެންޑާ ނުކޮށް އޮތީ ޤާނޫނާއި ޚިލާފަށް: ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާނުކޮށް އޮތީ ޤާނޫނު އަސާސީއާ ޚިލާފަށްކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ފާސްކުރަން މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރު މަޖިލީހުގެ ޖަލްސާއަށް އެޖެންޑާނުކޮށް އޮތުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ހަވީރު އިއްވި ޙުކުމްގައެވެ.
މި މައްސަލަ ބައްލަވާފައިވަނީ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ ބެންޗަކުންނެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމެނީސް އިތުރު ކަމެއް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައި ދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވީނަމަވަސް، ސުޕްރީމް ކޯޓުގެ ހުކުމްގައި އެގޮތަށް ކަނޑައަޅާފައެއް ނުވެއެވެ.
އެ ޙުކުމްގައި ބުނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅިފައި އޮތްނަމަވެސް މަޖިލީހުން އަދާކުރައްވަންޖެހޭ ދުސްތޫރީ ޒިންމާތައް އަދާކުރައްވަންޖެހޭނެކަމަށެވެ. އަދި ގަވާއިދު މަނާކުރާ ގޮތުން ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއަކަށް ހުރަސް ނޭޅޭނެކަމަަށްވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.
ސުޕްރީމް ކޯޓުގެ މި ޙުކުމުން ކަށަވަރުކޮށްދިނީ ދެ ކަމެކެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް ނޫން ބޭފުޅުންނަށްވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅޭ ޖަލްސާއެއްގެ ރިޔާސަތުގައި ބެލެހެއްޓޭނެކަމެވެ.
އަދި އެ މައްސަލަ ނުނިމި އޮތަސް، ރައީސުލްޖުމްހުރިއްޔާ ހުވާކުރުން ފަދަ ދުސްތޫރީ ޒިންމާތައް މަޖިލީހުން އަދާކުރަންޖެހޭނެކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ