އެއް ލައްކަ ބިސް ވަގަށް ނެގި މައްސަލަ ހޫނުވެއްޖެ
އެމެރިކާގެ ޕެންސިލްވޭނިއާގައި ގާތްގަނޑަކަށް 100،000 ކުކުޅު ބިސް ވަގަށް ނެގި މައްސަލައެއް ހޫނުވެ، ފުލުހުންނާއި އާންމުން ގުޅިގެން އެ ބިސް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އެމެރިކާގައި އެޗް5އެން1 ނުވަތަ އޭވިއަން ފްލޫ ފެތުރެމުންދާތީ ބައެއް ސަރަހައްދުތަކުގައި ކުކުޅު ބިހުގެ އަގު ވަނީ ރެކޯޑު އަދަދަކަށް އުފުލިފައެވެ. އެއާއެކު ކުކުޅު ބިސް ހޯދުމަށް ވެސް ދަތިވެފައިވާތީ އެކަމާ އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލަ ފެންމަތިވެފައި ވަނިކޮސް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޕެންސިލްވޭނިއާގެ މުދާ އުފުލާ ޓްރަކަކުން ވަނީ އެއް ލައްކަ ބިސް ވަގަށް ނަގާފައެވެ. މި ޓްރަކް ނިސްބަތްވަނީ ޕެންސިލްވެނިއާގެ ބިސް އުފައްދާ ކުންފުންޏެއް ކަމަށްވާ ޕީޓް އެންޑް ގެރީސް އޮގެނިކްސް އަށެވެ. އެ ބިހުގެ އަގު ގާތްގަނޑަކަށް 40،000 އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ. މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ މި މައްސަލައަކީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލާ މައްސަލައެއް ކަމަށެވެ. އަދި މި ކަމުގައި އާންމުންގެ ފަރާތުން ބޮޑު އެހީއެއް ބޭނުންވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބަލަމުންދާ މައްސަލައަކަށް ވާތީ މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ނުދެވުނު ނަމަވެސް ވީހާވެސް އަވަހަކަށް މި މައްސަލަ ހައްލުކުރުމަށްޓަކައި މަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުން ބުނެއެވެ. އެމެރިކާގައި ފާއިތުވި މަސްތަކުގައި ކުކުޅު ބިހުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ނޮވެމްބަރު މަހު 12 ބިހުގެ އަގު ހުރީ އެވަރެޖުކޮށް 3.65 ޑޮލަރަށެވެ. ނަމަވެސް ޑިސެމްބަރު މަސް ނިމުނު އިރު އެ އަދަދު ވަނީ 4.15 ޑޮލަރަށް އުފުލިފައެވެ. އަދި މިދިޔަ މަސް ނިމުނު އިރު 12 ބިހުގެ އަގު ވަނީ ހަ ޑޮލަރާ ގާތް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ