އިސްރާޢީލުގެ ޢަމަލުތަކާއި ދެކޮޅަށް 50 ޤައުމަކަށް ނިސްބަތްވާ އެތައް ސަތޭކަ މީހުންގެ މިސްރާބު ޣައްޒާއަށް

އިސްރާޢީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅު ކެމްޕޭނެއްގެ ދަށުން ދުނިޔޭގެ 50 ޤައުމަކަށް ނިސްބަތްވާ އެތައް ސަތޭކަ މީހުން އެއްގަމު މަގުން ޣައްޒާއާއި ދިމާއަށް މިސްރާބު ޖަހާފައިވާކަމަށް ބައިނަލްއަގްވާމީ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.
ޣައްޒާ އަށް މިސްރާބު ޖަހާފައިވާ މީހުންގެ ތެރޭގައި ދުނިޔޭގެ 50 ގައުމެއްގެ ވިޔަފާރި ޔޫނިއަންތަކާއި، އިންސާނީ ޙައްޤުތަކުގެ ޖަމާޢަތްތަކާއި، މެޑިކަލް ދާއިރާތަކާއި، މަދަނީ މުޖުތަމަޢުގެ އެތައްސަތޭކަ ބަޔަކު ހިމެނެއެވެ. އެމީހުން މިހާރު ވަނީ ޣައްޒާއަށް ދިއުމަށް މިސްރުގެ ކައިރޯ އާއި ކައިރިވެފައެވެ.
އިސްރާއީލުގެ ޢަމަލުތައް ފޮރުވައިދީ، އޮމާންކޮށްދޭ ހުޅަނގުގެ މީޑިއާތަކުން މިކަން ފޮރުވަން މަސައްކަތްކޮށްފައިވީނަމަވެސް، އެތައް ސަތޭކަ ބަޔަކު އިސްރާޢީލުގެ ޖަރީމާތަކާއި ދެކޮޅަށް ތެދުވެ ހިންގާ މިކެމްޕޭނަކީ ފަލަސްތީނުގެ ބިންތައް ނުޙައްޤުން ފޭރިގަނެގެންތިބި އިސްރާއީލަށް ދެވޭ ރަނގަޅު މެސަޖަކަށް ވާނެއެވެ.
މި ކެމްޕޭނަކީ ބައިނަލްއަޤްވާމީ އެއްބައިވަންތަކަމުގެ ކެމްޕޭނެއްކަމަށް އިންސާފަށް ލޯބިކުރާ ބައެއް މީޑިއާތަކުން ސިފަކޮށްފައިވާއިރު، ވިޔަފާރި ޔޫނިއަންތަކާއި، އިންސާނީ ޙައްޤުތަކުގެ ޖަމާޢަތްތަކާއި، މެޑިކަލް ދާއިރާތަކާއި، މަދަނީ މުޖުތަމަޢުގެ 50 ގައުމަކުން ޣައްޒާއަށް ދިއުމަށް ކައިރޯގައި އެއްވެފައިވުމީގެ އެއްބައިވަންތަކަމުގެ މިސާލެއްކަމަށް އެ މީޑިއާތަކުން ސިފަކޮށްފަވެއެވެ. އަދި މިއީ ނަސްލު ނައްތާލުން ހުއްޓުވުމަށާއި، ދެމެހެއްޓެނިވި އިންސާނީ ރައްކާތެރިކަން ޤާއިމުކުރުމަށާއި، އިސްރާއީލުގެ ހަނގުރާމައިގެ ކުށްތައް ހާމަކުރުމަށް ކުރެވޭ މަސައްކަތެއްކަމަށް ވެސް އެ މީޑިއާތަކުން ސިފަކޮށްފަވެއެވެ.
މި އެއްވުމަކީ ނަސްލީ ސާފުކުރުން ހުއްޓުވުމަށާއި، ދާއިމީ އިންސާނީ އެހީގެ މަގެއް ހުޅުވުމަށާއި، އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ހާމަކުރުމަށް ކުރެވޭ މަސައްކަތެކެވެ. މި މަސައްކަތުގައި މަޣްރިބު ސަރަޙައްދުގެ ރައްޔިތުން އިސްނަގައިގެން، ޓިއުނީޝިއާއިން ފެށިގެން ލިބިޔާ މެދުވެރިކޮށް ކައިރޯއަށް ދަތުރުކުރަމުންދެއެވެ.
ސުމޫދު ކޮންވޯއިގެ ނަމުގައި ހިންގޭ މި ކެމްޕޭނަކީ ހަމައެކަނި އެހީ ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރެވޭ ކަމެއް ނޫނެވެ. މިއީ އެއްބައިވަންތަކަމާއި، ދެކޮޅުވެރިކަމާއި، ބައިނަލްއަޤްވާމީ ފިއްތުމެއް ގެނައުމުގެ މެސެޖެއް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތެކެވެ..
"މި ކޮންވޯއިއަކީ އެހީ ފޯރުކޮށްދިނުމުގެ ކަމެއް ނޫން، މިއީ މެސެޖެއް ފޯރުކޮށްދިނުމުގެ ކަމެއް، އެއްބައިވަންތަކަމާއި، ދެކޮޅުވެރިކަމާއި، ބައިނަލްއަޤްވާމީ ޕްރެޝަރގެ މެސެޖެއް،" ޓިއުނީޝިއާގެ އެކްޓިވިސްޓް އަދި އެކު-އޯގަނައިޒަރ ހައިފާ މަންސޫރާ ބުނެފަވެއެވެ.
"އަޅުގަނޑުމެން ކުރިމަތިލަނީ ހަމައެކަނި ޔޫރަޕުގެ ހަނުހުރުމާ ނޫން، އަރަބި ލީޑަރުންގެ ހަނުހުރުމާވެސް މެ،" ޓިއުނީޝިއާގެ ނޫސްވެރިޔާ އަދި އެކްޓިވިސްޓް ފާދިޔާ އަލް-ހުސައިނީ ބުނެފަވެއެވެ.
ސުމޫދު (ކެތްތެރިކަން) ކޮންވޯއި އިސްކޮށް ހިންގަނީ ކޯޑިނޭޝަން އޮފް ޖޮއިންޓް އެކްޝަން ފޮރ ޕެލެސްޓައިންއިންނެވެ. މި ކެމްޕޭނުގައި ގާތްގަނޑަކަށް 120 އުޅަނދާއި، 9 ބަހާއި، 1،700 އެއްހާ ބައިވެރިން ޓިއުނީޝިއާއިން ދަތުރުކުރަމުންދާއިރު، އެމީހުންނާއެކު އެކި ގައުމުތަކުގެ ވޮލަންޓިއަރުން ބައިވެރިވާނެއެވެ. އެމީހުން މިއަދު (ޖޫން 12) ކައިރޯއަށް އައިސް، އެއަށްފަހު އަރީޝް ސިޓީއަށް ދަތުރުކޮށް، ޖޫން 15 ގައި ހިނގާފައި ރަފާހަށް ދާން ފަށާނެއެވެ.
ޖަރުމަނުގެ ވަކީލު މެލަނީ ޝްވައިޓްޒަރ ވިދާޅުވި ގޮތުގައި މި މާރޗަކީ ސުލްޙަވެރި މަދަނީ ހަރަކާތެކެވެ. އަދި ކޮންވޯއިގެ މަޤްޞަދަކީ ހަމައެކަނި ޣައްޒާއަށް ވާސިލުވުން ނޫނެވެ. އެމީހުން ގަސްދުކުރަނީ ރަފާހުގެ ކްރޮސިންގގައި އެއްވުމެއް ބޭއްވުމަށެވެ. އައިރިޝް އެކްޓިވިސްޓް ކެރެން މޮއިނިހަން ބުނި ގޮތުގައި މި ކެމްޕޭންގެ އޯގަނައިޒަރުން ދަނީ ކައިރޯ މެދުވެރިކޮށް ރައްކާތެރި ދަތުރެއް ކުރުމަށްޓަކައި މިސްރުގެ އެމްބަސީތަކާއި އެމީހުންގެ ޤައުމީ ޑިޕްލޮމެޓިކް މިޝަންތަކާ ވާހަކަ ދައްކަމުންނެވެ. މި ކެމްޕޭންގެ ބައިވެރިން މިސްރަށް ވަނުން މަނާކޮށްފައި ނުވި ނަމަވެސް، ޣައްޒާއަށް ދަތުރުކުރުމަށް ރަސްމީ ހުއްދަ ހޯދުމަށް އެދިފައިވެއެވެ.
މި ކެމްޕޭންގެ ބައިވެރިން ތައްޔާރަށް ތިބީ ވޭތުވެދިޔަ 20 މަސްދުވަހު އަނިޔާވެރިކަމާއި މަރުގެ ބިރުވެރިކަމުގެ ދަށުގައި ތިބި ޣައްޒާގެ ރައްޔިތުންނާއެކު އެއްބައިވަންތަކަމުގެ ގޮތުން އުނދަގޫތަކާ ކުރިމަތިލާށެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ