އުރީދޫ ފަން ރަންގައި މި މަހު 15ގެ ނިޔަލަށް ބައިވެރިވެވޭނެ
އައްޑޫގައި ބާއްވާ އުރީދޫ ފަން ރަން 2025އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި މަހުގެ 15ގެ ނިޔަލަށް އޮންނާނެ ކަމަށް އުރީދޫން ބުނެފި އެވެ.އުރީދޫ "ފަން ރަން" އައްޑޫ އެޑިޝަން އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު އެވެ. މި ދުވުމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 11:59 އެވެ. ދުވުމުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އުރީދޫގެ "މޫލީ" ޕްލެޓްފޯމް މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެ އެވެ.ދުވުމަށް ރަޖިސްޓަރީކުރާ މީހުން އެ ދުވުމުގައި ބައިވެރިވުމަށް ދެ ކިޓެއް ވަނީ ތައާރަފު ކޮށްފަ އެވެ. އެއީ 210ރ. އަށް ވިއްކާ ފަން ކިޓަކާއި 110ރ. އަށް ވިއްކާ ސްޓޭންޑާޑް ކިޓެކެވެ. "ފަން ކިޓު"ގައި ހިމެނޭނީ ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި އައިގްލާސް އަދި މަލްޓިޕާޕަސް ބެންޑޭނާއެކެވެ. "ސްޓޭންޑާޑް ކިޓް"ގައި ހިމެނެނީ ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެކެވެ.އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އެ ކުންފުނިން ބާއްވަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި މަޖާ މި ހަރަކާތްތަކުގައި 6،500 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.އައްޑޫގައި ބާއްވާ ފޯރިގަދަ ދުވުމުގައި އުމުރުން ހަ އަހަރުން މަތީގެ ހުރިހާ އެންމެންނަށް ބައިވެރިވެވޭނެ އެވެ. އެއީ މަޖާ، ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ ދުވުމެކެވެ.އުރީދޫން މާލޭގައި ވެސް މިދުވުން ބާއްވަ އެވެ. އަދި ރަށްރަށުގައި މިދުވުމުގެ އެކި އެޑިޝަންތައް ބާއްވަ އެވެ. އެގޮތުން މިދިޔަ އަހަރު ފުވައްމުލަކުގައި މިދުވުން ބޭއްވި އެވެ.އުރީދޫ ފަން ރަންގެ އަމާޒަކީ، އުރީދޫން ބުނި ގޮތުގައި، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވައިދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ