އިސްރަށްވެހިންގެ ހިތްހަމަޖެހުމާ އުފާވެރިކަން ކަށަވަރު ކޮށްދިނުމަކީ ގައުމީ ވާޖިބެއް

ދިވެހި ގައުމު ބިނާކުރުމާއި ރައްކާތެރިކަމާއެކު މި ހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ބުރައެއް އުފުއްލާފައިވާ އެއް ބަޔަކަށްވާނީ މި ގައުމުގެ ޝަރަފުވެރި އިސްރަށްވެހީން ކަމަށާއި، އެހެންކަމުން އިސްރަށްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ކަށަވަރުކޮށްދިނުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވެވި، މި ހިނގާ 2025 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
މި މޭރުމުން ބަޔާން ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، ވަޢުދުވެވަޑައިގެންނެވި ގޮތަށް، ފުރަމާލޭގައި ’އިސްރަށްވެހިންގެ ނާދީ‘ ގާއިމުކުރައްވައި، އިސްރަށްވެހިންނަށް ޚާއްޞަ 294 ހަރަކާތެއް ހިންގަވާފައި ވާ ކަމަށެވެ.
ރާއްޖޭގެ އެހެންކަންކޮޅުތަކަށް ބައްލަވާލައްވަމުން، އައްޑޫސިޓީ ފޭދޫގައި ގާއިމުކުރެއްވުމަށް ނިންމަވާފައިވާ ”އިސްރަށްވެހިންގެ ހިޔާވަހި“ ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕްގެ ދަށުން ކުރިއަށް ގެންދިޔުމަށް މިހާރު އިއުލާނުވކުރައްވާފައި އޮތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިސްރަށްވެހީން ކުރެ، އުމުރުން ދުވަސްވެ ހާއްސަ ބެލެހެއްޓުންތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ އުފާވެރިކަމާއި އަބުރުވެރިކަން ދަމަހައްޓަން ޖެހޭ ކަމަށާއި، އެކަމަށްޓަކައި އެފަދަ އިސްރަށްވެހީން ބަލަހައްޓާ ފަރާތްތަކަށް ހާއްސަ ޕްރޮގްރާމްތަކެއް ފަރުމާކުރެވިފައި ވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
އަދި ރާއްޖޭގެ 5 އަތޮޅެއްގައި މި ޕްރޮގްރާމުތައް މި އަހަރުތެރޭ ފެށޭނެ ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
އުމުރުން ދުވަސްވަމުންދާ މީހުންނަށް ޚާއްޞަ ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ވެސް އެ މަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި މުހިންމު ކަމެއް ދެއްވާފައި އޮތް ދާއިރާއެއްކަން ތަކުރާރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިކަން ތަންފީޒުކުރެއްވުމުގެ ގޮތުން މިދިޔަ އަހަރު ފުރަތަމަ ކުއަރޓާއިން ފެށިގެން އިސްރަށްވެހީންނަށް ޚާއްޞަކޮށްގެން އެތެރެހަށީގެ ޑިޕާޓްމަންޓުގައި ހަފުތާއަކު 2 ދުވަހު އޯޕީޑީގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައި ވާ ކަމަށާ، 31 ޑިސެމްބަރ 2024ގެ ނިޔަލަށް 820 ފަރާތަކުން މި ޚިދުމަތް ލިބިގެންފައިވާކަމަށެވެ.
އަދި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ރަށުފެންވަރުގައި އެހީތެރިވާނެ އެހީތެރީން ތަމްރީނު ކުރުމަކީވެސް ވަޢުދުފުޅެއްކަން ތަކުރާރު ކުރައްވަމުން، “އިބަމަ“ ޕްރޮގްރާމުގެ ދަށުން 5 އަތޮޅެއްގައި، 43 ރަށެއްގައި 226 އިޖްތިމާޢީ މަދަދުވެރިން މިހާރު ތަމްރީނުކުރެވިފައި ވާ ކަމާއި، މިއަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރު 5 އަތޮޅެއްގައި ”އިބަމަ“ ޕްރޮގްރާމް ހިންގުމަށް ރާއްވަވާފައި އޮތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ