ރައީސްގެ މައިގަނޑު ވިސްނުން ހުރީ 2008 ވަނަ އަހަރުގެ ކުރިން ރާއްޖެ އޮތް ހާލަތަށް އަލުން އަނބުރާ ރުޖޫއަކޮށް، ދައުލަތުގެ ހުރިހާ ބާރުތަކެއް އެމަނިކުފާނުގެ މުށުތެރެއަށް ލުމަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ހަސަން ލަތީފް ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ބުރާސްފަތި ދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ ރައީސް މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް އެއް ފަރާތުގައި ބެހެއްޓުމަށްފަހު އެމަނިކުފާނަށް ފެނިވަޑައިގެންނެވި ގޮތަކަށް ކަމަށެވެ.
"2008 ވަނަ އަހަރުގެ ކުރީގައި މި ރާއްޖެ އޮތް ގޮތަށް އަނެއްކާ ވެސް އަނބުރާލަން މަސައްކަތް ކުރަމުން ދަނީ، އޭގެ މާނައަކީ ރައްޔިތުންގެ މަޖިލީހުގެ ފުލް ކޮންޓްރޯލް ރައީސް މުއިއްޒު ނަންގަވަނީ، ހަމަ އެއާއެކީ މިނިވަން މުއައްސަސާތައް ރައީސް މުއިއްޒުގެ މުށުތެރެއަށް ލައްވައި، ފަނޑިޔާރުންނާއި ކޯޓުތަކަކީ ހަމަ ސީދާ ރައީސުލްޖުމްހޫރިއްޔާ އެންގެވީމާ އެ އެންގެވި ގޮތަކަށް ޝަރީއަތްކޮށް ހުކުމް ކުރަން ހުރި ތަންތަން ކަމަށް ބަދަލުކޮށް، ތިޔަ ބޭފުޅުންގެ ހަޒާނާ، ރައްޔިތުންގެ ހަޒާނާ ރައީސް މުއިއްޒުގެ ފައިކޭޓަށް ޖެހުން،" ހަސަން ލަތީފް ވިދާޅުވި އެވެ.
ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ފުރުސަތު އެމްޑީޕީން ނުދޭނެ ކަމަށާއި ކަސްދޮޅު އަޅުވާފައި ތިބި މަޖިލިސް މެންބަރުން ވެސް އެމްޑީޕީން މިނިވަން ކޮށްދޭނެ ކަމަށް ހަސަން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ކުރަން ޖެހިފައި މިއޮތް މަސައްކަތަކީ އަޅުގަނޑު ހިތުން ވަރަށް ފަރިތަ މަސައްކަތެއް، އެމްޑީޕީއަށް ވަރަށް ފަރިތަ މަސައްކަތެއް، އެއީ ނުލަފާ ސަރުކާރެއް ސައިޒްކުރުމާ އެކީގައި އަނބުރާ ވެރިކަމަށް އައުމުގެ މަސައްކަތް، އެހެންނަމަވެސް އެއީ އަޅުގަނޑުމެން ކޮންމެ ދުވަހަކުމެ ކުރާ މަސައްކަތަކުން ހާސިލުވާ އިރުން ވާ ކަމެއް،" ހަސަން ވިދާޅުވި އެވެ.
ސަރުކާރެއް ވެރިކަަމަށް އަންނަނީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭން ކަމަށާއި ވެރިކަމަށް ބަޔަކު ގެނައުމަށް ރައްޔިތުން ވޯޓު ދެނީ ވެސް އެ ބަޔަކު ކެމްޕޭނު ކުރާ މެނިފެސްޓޯއަކަށް ބެލުމަށްފަހު ކަމަށް ހަސަން ވިދާޅުވި އެވެ.
ސަރުކާރަކުން ރައްޔިތުންނަށް ކޮށްދޭނެ ކަންކަން ހަގީގަތަކަށް ހަދައި ދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު ވެސް ބަޖެޓެއް ފާސް ކޮށްދޭކަން ފާހަގަ ކުރައްވައި ހަސަން ވިދާޅުވީ އެ ބަޖެޓުން ހަރަދު ކުރާ ގޮތުގެ ތަފުސީލު ވެސް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ.
ނަމަވެސް މިދިޔަ އަހަރަށް މަޖިލީހުން ފާސްކުރި 55 ބިލިއަން ރުފިޔާއަށް ވީގޮތް ސަރުކާރަށް ބުނެ ނުދެވުނު ތަނުގައި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ވެސް ބޮޑު ސިއްރަކަށް ހައްދަވައިގެން ރައީސް އުޅުއްވާ ކަމަށް ހަސަން ވިދާޅުވި އެވެ. އަދި އެފަދަ މައުލޫމާތުތައް ރައްޔިތުންނަށް ސިއްރު ކުރުމަކީ ސަރުކާރާ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ކެނޑިގެން ދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރަކާ ރައްޔިތުންނާ އޮތް ގުޅުން ނެތުނީމާ އެ ސަރުކާރު އޮތުމުގެ ބޭނުމެއް ނެތް، އޮންނާކަށް ނުޖެހޭ،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސުޕްރީމް ކޯޓަށް މިހާރު ހުށަހަޅާފައި އޮތް މައްސަލަ ސަރުކާރާ ދެކޮޅަށް ނިމޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށާއި މި ސަރުކާރު ހަމަ މަގަށް އެޅުވުމުގެ މަަސައްކަތުގައި އެމްޑީޕީ ސާބިތުވެ އޮންނާނެ ކަމަށެވެ.
"އަޅުގަނޑަށް އަނެއްކާ ވެސް އޮތް އުއްމީދަކީ އެކަހަލަ ވެރިއަކަށް އެކަލަ ރައީސްއަކަށް ފުރުސަތު ދޭނެ ޖާގަ ދޭނެ ޕާޓީއެއް ނޫން، އަޅުގަނޑުމެންނެއް މަޑުން ތިބެގެނެއް ނުވާނެ، މި ދެންނެވި ހުރިހާ ކަމެއް އެ ދަނީ ރޭވުންތެރިކަމާއެކީ ކުރަމުން،" ހަސަން ވިދާޅުވި އެވެ.
ހުލާސާކޮށް އިއްޔެ: "މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހަޒާނާ ރައީސް މުއިއްޒުގެ ފައިކޭޓަށް ޖެހުން" ހުލާސާކޮށް އިއްޔެ: "މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހަޒާނާ ރައީސް މުއިއްޒުގެ ފައިކޭޓަށް ޖެހުން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ