އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބަންގްލަދޭޝްއަށް ދިނުމަށް ކަނޑައަޅާފައިވާ 4.7 ބިލިއަން ޑޮލަރުގެ ލޯނު ޕްރޮގްރާމުގެ ހަތަރު ވަނަ ރިވިއުއަށް ފަހު، 1.3 ބިލިއަން ޑޮލަރު އަންނަ މަހު ދޫކުރަން ނިންމައިފި އެވެ.
އެ ލޯންގެ އެ ބައި މި ދޫކުރަނީ ބަންގްލަދޭޝްގެ އެކްސްޗޭންޖު ރޭޓް ރިފޯމް ކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރުމަށް ފަހު އެވެ.
ހަތަރު ވަނަ އަދި ފަސް ވަނަ ބައި ހިމެނޭ މި ލޯންގެ ބައި ލަސްވީ އެކްސްޗޭންޖު ރޭޓުގައި އިތުރު ލުއި ގޮތްތަކެއް ހަމަޖެއްސުމަށް އައިއެމްއެފުން ބާރު އެޅުމުންނެވެ.
އޭޕްރީލް މަހު ޑާކާގައި ބޭއްވި ހަތަރު ވަނަ ރިވިއުއަށް ފަހު މިދިޔަ މަހު ވޮޝިންޓަންގައި ބޭއްވި އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ އެންމެ މަތީ ފެންވަރުގެ ބައްދަލުވުމުގައި ވަނީ އިތުރު މަޝްވަރާތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި، އާމްދަނީ ބެލެހެއްޓުމާއި މާލީ ސިޔާސަތުތަކާއި ބޭރު ފައިސާ ހޯދުމުގެ ސިސްޓަމަށް ގެންނަން ޖެހޭ މުހިންމު ބަދަލުތައް ހިމެނެ އެވެ.
"ހުރިހާ ކަމެއް ވަރަށް ފަރުވާތެރިކަމާ އެކު ދިރާސާކުރުމަށް ފަހު، އާމްދަނީ މެނޭޖްމަންޓާއި ކަރަންސީ އެކްސްޗޭންޖު ރޭޓާއި އެހެނިހެން އިސްލާހީ އޮނިގަނޑުތަކާ ގުޅޭ ގޮތުން ދެ ފަރާތުން ވަނީ އެއްބަސްވުމަކަށް އައިސްފައި،" ބަންގްލަދޭޝްގެ ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުންޏެވެ.
އައިއެމްއެފުން ބުނީ ބަންގްލަދޭޝަށް އިތުރު ވަސީލަތްތައް ގާއިމުކޮށްދިނުމަށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ތިން ވަނަ އަދި ހަތަރު ވަނަ ރިވިއުއާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ބަންގްލަދޭޝްއާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.
ބަންގްލަދޭޝްއަށް ދޫކުރާ، ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރު ދޫކުރާނީ އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުގެ ރުހުން ހޯދައި ކުރިން އަޅަން ޖެހޭ ފިޔަވަޅުތައް ފުރިހަމަ ކުރުމަށް ފަހު ކަމަށް އެ ބަޔާނުގައިވެ އެވެ.
ބަންގްލަދޭޝް އިން 762 މިލިއަން ޑޮލަރު އިތުރުކޮށް ދިނުމަށް އެދުނީ ބޭރުގެ ފައިސާގެ ދަތިތައް ފޫބައްދައި އިގްތިސާދުގެ ރައްކާތެރިކަން ކުރިއެރުވުމަށް ކަމަށް އައިއެމްއެފުން ބުނެ އެވެ.
އެ ފިޔަވަޅު އެޅީ މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުގެ ތެރޭގައި ތަކެތީގެ އަގު އުފުލުމާއި އިގްތިސާދީ ދުވެލި މަޑުޖެހުމާއި ބޭރުގެ ފައިސާގެ ދަތިކަން ކުރިމަތިވެފައިވާތީ އެވެ.
ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތައް ހަރުދަނާކޮށް، ޓެކްސްގެ ނިޒާމު އިސްލާހުކުރުމާއި ބޭންކިން ދާއިރާގެ ހިންގުން ހަރުދަނާކުރުމާއި އިގްތިސާދު ހަމައަކަށް އެޅުވުމަށާއި ދިގު މުއްދަތުގެ ވިލުންތެރިންކަން ރަނގަޅު ކުރުމަށާއި މޫސުމާ ގުޅުން ހުރި އިންވެސްޓްމަންޓްތައް ކުރިއެރުވުމަށް ސަރުކާރުން ވައުދުވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ސަރުކާރުން ވަނީ ނޭޝަނަލް ބޯޑް އޮފް ރެވެނިއު (އެންބީއާރު) އުވާލައި ފިނޭންސް މިނިސްޓްރީގެ ދަށުން ދެ ޑިވިޝަނެއް އުފައްދައިފަ އެވެ. އެއީ އައިއެމްއެފުން ކަނޑައަޅާފައިވާ ޝަރުތެއް ފުރިހަމަކުރުމަށެވެ.
އޭގެ ތެރެއިން އެއް ޑިވިޝަނަކީ ޓެކްސް ނެގުމުގެ ސިޔާސަތުގެ މަސްއޫލިއްޔަތު އަދާކުރާ ޑިވިޝަނެކެވެ. އަނެއް ޑިވިޝަނުން ޓެކްސް ނެގުމާއި އިދާރީ ކަންކަން ބަލަހައްޓާނީ ގާބިލު ކަމާއި ދެފުށް ފެންނަ ގޮތަށް، އަދި ޒިންމާދާރުކަން އިތުރުކުރުމުގެ މަގުސަދުގައި ކަމަށް ސަރުކާރުން ބުނެ އެވެ.
އައިއެމްއެފްގެ ލޯންގެ އިތުރަށް ތަރައްގީގެ ބައިވެރިން ބަޖެޓް ސަޕޯޓްގެ ގޮތުގައި 2 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ބަންގްލަދޭޝްއިން 2023 ވަނަ އަހަރު 4.7 ބިލިއަން ޑޮލަރުގެ ބެއިލްއައުޓަކަށް އައިއެމްއެފްގެ ފަރާތުން އެދުނީ ރަޝިޔާއިން ޔޫކްރެއިންއަށް އެރުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި، ތެލާއި ގޭހުގެ ޒަރޫރީ އިމްޕޯޓްތަކަށް ބޭނުންވާ ފައިސާ ދެއްކުމުގެ ގާބިލުކަން ދަށްވުމުގެ ސަބަބުން އެ ގައުމުގެ ބޭރުގެ ފައިސާގެ ރިޒާވް ޕްރެޝަރަށް ވެއްޓުމުންނެވެ.
އެ ލޯންގެ ފުރަތަމަ ތިން ފިޔަވަހީގައި ބަންގްލަދޭޝްއަށް 2.3 ބިލިއަން ޑޮލަރު ވަނީ ދޫކޮށްފަ އެވެ.
ނޯބެލް ސުލްހައިގެ އިނާމު ހާސިލްކުރެއްވި މުހައްމަދު ޔޫނުސް އިސްވެ ހުންނަވާ އިންތިގާލީ ސަރުކާރެއް މިދިޔަ އޯގަސްޓް މަހު ގާއިމުކޮށް، ވެރިކަމާ ހަވާލުވީ ހަމަނުޖެހުންތަކާ ގުޅިގެން ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ މަގާމުން ދުރުކުރުމާ ގުޅިގެންނެވެ.
ބަންގްލަދޭޝަށް 1.3 ބިލިއަން ޑޮލަރުގެ ލޯން ދޭން އައިއެމްއެފުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ