ބާސެލޯނާ (މެއި 1) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާ ދަނޑުގައި އިންޓަ މިލާންއާ ދެކޮޅަށް ކުޅުނު މެޗު 3-3 އިން އެއްވަރުވެއްޖެ އެވެ.
މި ނަތީޖާއާ އެކު، އަންނަ ހަފްތާގައި އިންޓަ ދަނޑުގައި ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވި ކަމުގައި ވިޔަސް އެ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެ އެވެ.
ބާސެލޯނާ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން 30 ސިކުންތުގެ ތެރޭގައި އިންޓަ އިން ލީޑުނެގި އެވެ. މި ލަނޑު ޖެހީ ޑެންޒެލް ޑަމްފްރީސް ދިން ބޯޅައަކުން މާކަސް ތުރާމް އެވެ. މިއީ، ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް ސެމީ ފައިނަލެއްގައި ފެނުނު އެންމެ އަވަސް ގޯލެވެ. އިންޓަ އިން ވަނީ 21 ވަނަ މިނިޓްގައި ލީޑުފުޅާކޮށްފަ އެވެ. މި ލަނޑު ޖެހީ ކޯނަރެއްގައި އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި، އެކްރަބެޓިކް ކިކަކުން ޑަމްފްރީސް އެެވެ.
އިންޓަ އިން ލީޑުފުޅާކުރިތާ ތިން މިނިޓް ފަހުން، ބާސެލޯނާގެ ފުރަތަމަ ގޯލު ޖެހީ، ލަމީން ޔަމާލް އެވެ. ބާސެލޯނާ އަށް 100 ވަނަ މެޗު ކުޅެދޭ 17 އަހަރުގެ ޔަމާލް މި ގޯލު ޖެހީ އިންޓަގެ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު، އޭރިއާތެރެއަށް ވަދެ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، މެޗުގެ 38 ވަނަ މިނިޓްގައި ބާސެލޯނާ އަށް އެއްވަރުކޮށްދިނީ ފެރަން ޓޮރޭސް އެެވެ. މިއީ، ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޓޮރޭސް ޖެހި ގޯލެކެވެ.
މެޗުގެ ދެ ވަނަ ހާފުގައި އިންޓަ އިން އަނެއްކާ ވެސް ލީޑުނެގި އެވެ. މި ލަނޑު ޖެހީ، 63 ވަނަ މިނިޓްގައި ޑަމްފްރީސް އެވެ. މި ގޯލު ޖަހައި، އަލުން ލީޑުނަގައި، އިންޓަ އަށް ހަމަޖެހިނުލެވެނިސް ބާސެލޯނާ އިން އެއްވަރުކުރި އެވެ. ބާސެލޯނާ އިން އެއްވަރުކުރި ގޯލަކީ، ރަފީނިއާ ޖެހި ޝޮޓެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ދަނޑީގައި ޖެހިފައި، އިންޓަ ކީޕަރު، ޔެން ސޮމާ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.
ފުރަތަމަ ލެގުގައި ބާސެލޯނާ ދަނޑުގައި އިންޓައާ އެއްވަރު ފުރަތަމަ ލެގުގައި ބާސެލޯނާ ދަނޑުގައި އިންޓައާ އެއްވަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ