ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ޕާކިސްތާން ސަސްޕެންޑްކުރަން ޖެހުނީ ވާދަވެރި އިންތިޚާބެއްގެ ފުރުސަތު ހަނިކުރުމުން ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ (ފީފާ) އިން ބުނެފިއެވެ.
މި ގޮތުން ފީފާއިން ޕާކިސްތާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ހާރޫން މާލިކަށް ފޮނުވި ސިޓީ މިހާރު ވަނީ އެ ގައުމުގެ މީޑިއާތަކަށް ދޫކޮށްލައިފަ އެވެ. އެ ސިޓީގައި ބުނެފައިވަނީ ފީފާ އާއި އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) އިން ބޭނުންވި ބަދަލުތައް ގެނައުމަށް ޕާކިސްތާނުގެ ފުޓްބޯޅައިގެ ކޮންގްރެސްމަނުން ބޭނުންނުވި ކަމަށެވެ.
މީގެ ތެރެއިން އެއް ބަދަލަކީ ރައީސް ކަމަށް ގިނަ ބަޔަކަށް ވާދަކުރެވޭ ގޮތަށް ހެދުމަށް ފީފާއިން ހުށަހެޅި މާއްދާ އެވެ. ފީފާއިން ހުށަހަޅާފައިވަނީ ފުޓްބޯޅަ ހިންގުމުގައި ކޮންމެ ފެންވަރެއްގައި އުޅުނަސް އެއިން ކޮންމެ މީހަކަށް ވެސް ރައީސް ކަމަށް ވާދަކުރެވޭނެ ގޮތް ހެދުމަށެވެ. ނަމަވެސް ޕާކިސްތާނުގެ ފުޓްބޯޅަ ކޮންގްރެސްމަނުން ބޭނުންވީ މިހާރު ކޮންގްރެކްސްގައި ބައިވެރިވާ މީހުންނަށް އެކަނި އެ ފުރުސަތު އޮތުމަށެވެ.
ނަމަވެސް ފީފާއިން ބުނެފައިވަނީ މިގޮތަށް ފުރުސަތު ހަނިކޮށް އަސާސީ ގަވާއިދު ފާސްކުރަން ކޮންގްރެސްމަނުން ހުށަހެޅި އިސްލާހު ފީފާއިން ބަލައި ނުގަންނާނެ ކަމަށް އަންގާފައިވާނެ ކަމަށެވެ. އަދި މިނިވަން އިންސާފުވެރި އަދި ހުޅުވާލެވިފައިވާ އިންތިހާބަކަށް ފުރުސަތު ދިނުމަށް އަސާސީ ގަވާއިދަށް ގެންނަން ފީފާ ބޭނުންވާ ބަދަލުތައް ކޮންގްރެސް މަނުންނަށް ވިސްނައި ދިނުމަށް ފީފާ އާއި އޭއެފްސީން ކުރި މަސައްކަތް ފެއިލްވެފައިވާ ކަމަށެވެ. މި ސަބަބުތަކާހުރެ ޕާކިސްތާން ސަސްޕެންޑް ކުރީ ގޯސްކޮށް ހުރި ކަންކަން ބަދަލުކޮށް، އަސާސީ ގަވާއިދު އިސްލާހު ކުރަން ޕާކިސްތާނުގެ ކޮންގްރެސްމަނުން ބޭނުންނުވާ ކަމަށް ފީފާގެ އޮބްޒާވަރުންނަށް ގަބޫލުކުރެވުމުން ކަމަށެވެ.
ފީފާއިން މިހާރު ނިންމާފައިވަނީ އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހަށް ޕާކިސްތާނުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ދަންމާލައިފަ އެވެ. އެއީ ފުޓްބޯޅައިގެ އިދާރީ ކަންކަން ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ސަސްޕެންޝަނުގެ މުއްދަތުގައި ޕާކިސްތާނުގެ ގައުމީ ޓީމާއި ކުލަބުތަކަށް ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭނެ އެވެ. އަދި ފީފާގެ މާލީ އެހީ އެއްވެސް ނުލިބޭނެ އެވެ.
ޕާކިސްތާނުގައި މި މައްސަލަ ދިމާވިއިރު ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ވެސް އޮތީ ނޯމަލައިޒްކޮށްފަ އެވެ.
ޕާކިސްތާން ސަސްޕެންޑްކުރީ ވާދަވެރި އިންތިޚާބަކަށް ފުރުސަތު ނުދިނުމުން: ފީފާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ