ދީނަށް ލޯބިކުރާވަރު ދައްކަން އޮތީ ޢަމަލުން! ދީނާމެދު ދައްކާ ވާހަކަތަކަކުން ނޫން!

އަމިއްލަ ދިރިއުޅުމަށް ބަލާށެވެ! ބައިވެރިޔާގެ ގާތުގައި ލޯބިވާ ކަމުގެ ވާހަކަތައް ކިތަންމެ ފޮނިކޮށް އަދި ކިތަންމެ ގިނައިން ދެއްކި ނަމަވެސް އެކަން ޢަމަލުން ނުދެއްކޭނަމަ އުފާވެރިކަމެއް ނުލިބޭނެއެވެ. އެއީ ލޯބިވާކަން ދައްކަން އޮތީ ހަމައެކަނި ދުލުން ކަމަށް ނުވެފައި ޢަމަލުން ކަމަށްވާތީއެވެ. 
ދީނަށް ލޯބިވާކަން އަންގައި ދިނުމުގައިވެސް އޮތީ ހަމައެގޮތެވެ. މުހިންމީ ޢަމަލެވެ. ދީނަށް ލޯބިކުރާ މީހަކު އެންމެ ބޮޑަށް އިސްކަންދޭނީ ޢަމަލުން އެކަން ދެއްކުމަށެވެ.   
ﷲ ތަޢާލާގެ މި ވަޙީބަސްފުޅަސް ވިސްނައިލާށެވެ!   
"ދުންޔަވީ ޙަޔާތާމެދު އެމީހަކު ބުނާ ބަހުން ކަލޭގެފާނުގެ ހިތްޕުޅު ރުއްސާލައި، އަދި އޭނާގެ ހިތުގައިވާ ގޮތުގެ މައްޗަށް ﷲ ހެކިކޮށް ބުނާ މީހުން މީސްތަކުންގެ ތެރެއިން ވެއެވެ. އެހިނދު އެމީހާ ވަނީ، ދެކޮޅުވެރިކަން އެންމެ ބޮޑު މީހާ ކަމުގައެވެ." 
"އަދި އެމީހާ ފުރަގަސްދީ ހިނގައްޖެނަމަ، ބިމުގައި ފަސާދަ އުފެއްދުމަށްޓަކައި އަދި ދަނޑުފަނގާއި ދަރިފަސްކޮޅު ހަލާކުކުރުމަށްޓަކައި ބިމުގައި މަސައްކަތްކޮށް އުޅެތެވެ. ﷲ، ފަސާދަވެރިކަމަކަށް ލޯބިވެވޮޑިގެނެއް ނުވެއެވެ."
(އަލް ބަޤަރާ: 204،205) 
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިމާމެންގެ ޙަޤީޤަތް ފޮރުވައިގެންތިބެ، ވާހަކަދައްކައިގެން މީސްތަކުންގެ ރުހުމާއި ތާއީދު ހޯދައި އެމީހުން ޙާޞިލްކުރަން ބޭނުންވާ ކަންކަން ޙާޞިލްކުރަން މަސައްކަތްކުރާ ބައަކު ރަސޫލް ﷺ ގެ ޒަމާނުގައިވެސް އުޅުނުކަން މިއޮތީ ޤުރްއާނުން އެނގޭށެވެ. އެފަދަ ބައަކު އަބަދުވެސް އުޅޭނެއެވެ.  
މީސްތަކުންގެ ބަސް ޤަބޫލުކުރުމުގައާއި އެކުވެރިވެ އުޅުމުގައި ބަލަންވީ އެމީހުން ދައްކާ ވާހަކަތަކަކަށް ނޫނެވެ. އެމީހުން ކުރާ ޢަމަލުތަކަށެވެ. ނެރެން ބުނާ ނަތީޖާތަކަކަށް ނޫނެވެ. ނެރެފައިވާ ނަތީޖާ ތަކަށެވެ.  
އިސްލާމް ދީނަށް ނަޞްރު ދެއްވެވި ޞަޙާބީން ޢަމަލުފުޅު ކުރެއްވެވީ އެގޮތުގައެވެ. ބަސްމަދުކުރެއްވެވިއެވެ. ޢަމަލުފުޅުތައް ގިނަކުރެއްވެވިއެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވެވަޑައިގަތުމުގައި އިމެއް ނެތި މަސައްކަތްޕުޅު ކުރައްވަވައި ޢަމަލުފުޅުތަކުން އެކަން ދެއްކެވިއެވެ.  
ވީމާ މިއަދުވެސް ހެޔޮލަފާ މީހުން ވަކިކޮށް ދެނެގަތުމުގައި ހިފަހައްޓަންވީ ހަމަ އެއުޞޫލުތަކެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ