ދުޢާކުރާ މީހުންގެ ތެރެއިން އެންމެ ބޮޑު ފައިދާކުރާ މީހުން ޤިޔާމަތް ދުވަހު ޙައިރާންވާނެ!: ޢާޞިމް އަލްޙަކީމް

މުސްލިމަކު އިޚްލާޞްތެރިކަމާއިއެކު ކުރާ އެންމެ ދުޢާއެއްވެސް ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެ ކަމުގެ ޔަޤީންކަން އަހުރެން ދެމެވެ. ނަމަވެސް އެއީ އަހުރެން އަމިއްލައަށް ދޭ ޔަޤީންކަމެއް ނޫނެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވަވާފައިވާ ޔަޤިންކަމެއް އަހުރެން ތިއަބައިމީހުންނަށް ފޯރުކޮށްދެނީއެވެ.  
މިޘާލަކަށް ތިބާ ތަނަވަސްކަމަށް އެދިގެން ދުޢާކުރީއެވެ.  
ދުޢާ ޢިޖާބަކުރައްވަވާ އެއްގޮތަކީ ތިބާ ދުޢާކުރި ފަދައިން ތިބާއަށް ތަނަވަސްކަން ދެއްވެވުމެވެ. 
ދެވަނަ ގޮތަކީ ތިބާއަށް ލިބެން އޮތް އެވަރުގެ ބޮޑު ގެއްލުމަކުން ތިބާ ސަލާމަތްކޮށް ދެއްވެވުމެވެ.  
ތިންވަނަ ގޮތަކީ އަދި އެންމެ ފައިދާހުރި ގޮތަކީ ތިބާގެ ދުޢާ ޤިޔާމަތް ދުވަހުން ޢިޖާބަކުރެއްވެވުމެވެ.  
މީސްތަކުންނޭވެ! ޤިޔާމަތް ދުވަހު އެމީހަކަށް ކުރެވުނު ޢަމަލުތައް ދައްކަވާހިނދު އެމީހަކަށް ކުރެވުނު އަޅުކަމަށްވުރެ މާގިނަ އަޅުކަން ކުރެވިފައިވާތަން ފެނި ޙައިރާންވާނެ ބައަކު އުޅޭނެއެވެ. އެއީ ކީއްވެގެން މެދުވެރިވި ކަމެއްތޯ ހިތުގައި ސުވާލުވެސް އުފެދޭނެއެވެ. އެހިނދު މަލާއިކަތުން އެމީހަކަށް ވިދާޅުވާނެތެވެ. ތިއަ ފެންނަނީ ތިބާކުރި ދުޢާތަކުން ދުނިޔޭގައި ހުއްޓައި ޢިޖާބް ނުކުރެއްވެވި ދުޢާތަކެވެ.  
އަދި އެއް ކަމެއް ފާހަގަކޮށްލާނަމެވެ. މިޘާލަކަށް ތިބާއަށް ލިބެން އުޅުނު ބޮޑު ގެއްލުމަކުން ތިބާއަށް ސަލާމަތްވެވުނީއެވެ. އެޙާލަތުގައި ގިނަ ބައަކު ބުނަނީ ސަލާމަތްވެވުނީ އެމީހުންގެ މޮޅުކަމުން ކަމަށެވެ. އެއީ ތިމާއަށް ﷲ ތަޢާލާ ލެއްވެވި ރަޙްމަތެއް ކަމަށް ޤަބޫލުކުރެވެނީ ވަރަށް މަދު މީހަކަށެވެ. ވީމާ މިހުރީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަންކަމެވެ. އެއީ ތިމާގެ މޮޅުކަމުން ކަމަސް ވިސްނާ މީހުންނަށް އެއަށްވުރެ މާބޮޑު ދެރައެއް ލިބިދާނެ ކަމަށް ބިރުވެތިވާށެވެ.
 
- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ