ފިތުރު އީދު ދުވަހު ހަވީރު މާލެއާއި ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާ

ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި މާދަމާ ހަވީރު މާލެއާއި ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފިއެވެ. މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ، އީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން އީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެ ގަޑިތަކުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގައި އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއް ކަމަށް ކައުންސިލުން ބުންޏެވެ. ނަމަވެސް އެ ގަޑިތަކުގައި އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކާ އެ ކައުންސިލްގެ ތައިސޭކޮށީގައި ހުންނަ އާންމު ޚިދުމަތާ ބެހޭ ބައިން މާދަމާ 08:00އިން 14:00އަށް ދޫކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ. އެ އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކައުންސިލުން ވަނީ ދީފައެވެ. މީގެ ކުރިން ވެސް އީދު ދުވަސްތަކުގެ ހަވީރު ގަޑީގައި މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށް، ހިނގާފައި އުޅޭ ވަގުތުތައް ކަނޑައަޅައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ