ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލެއްގެ ކަރަމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ތުހުމަތު ކުރެވިގެން ތަހުގީގު ކުރާ މައްސަލައަކީ ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގުގެ އޮފީހުން އެ މުއައްސަސާއަށް ހުށަހެޅި މައްސަލައެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ، ރައީސްގެ ދަރިކަލަކު ވޭޕް ބޭނުން ކުރެއްވުމުން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން އެ ޕާޓީގެ އިސް އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކަކީ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ދެއްކި ވާހަަކައެއް ކަމަށް ތުހުމަތު ކުރެވޭތީ އެކަމާ ގުޅިގެން ފުލުހުން އަންނަނީ ޖިނާއީ ތަހުގީގެއް ކުރަމުންނެވެ.
އެ މައްސަލައިގައި މަރިޔަމް ޒުބައިރުގެ އިތުރުން ބައެއް އެހެން މީހުން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ.
ތަފްސީލު - އެ މައްސަލައިގެ ތަހުގީގަށް މަރިޔަމް ޒުބައިރާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް)ގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރުގެ ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާ ގުޅިގެން އެ ދެ މީހުންނަށް ފުލުހުން ފޮނުވި ޗިޓުގެ މައްސަލަ ވަނީ ހޫނުވެފަ އެވެ.
އެ ޗިޓްގައިވާ ކަންކަން ސާފު ކުރުމަށް މިއަދު ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނީ މި މައްސަލައަކީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން އެ މުއައްސަސާއަށް ހުށަހެޅި މައްސަލައެއް ކަމަށެވެ. އަދި އެ ޗިޓް އެ ދެ މީހުންނަށް ފޮނުވާފައިވަނީ އެ މައްސަލައިގެ ތަހުގީގަށް އެ މީހުންގެ ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ކަމަށް ފުލުހުން ބުންނެވެ.
ގުޅުން ހުރި - ދަރިކަލުންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކި މައްސަލައިގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތުން މަދަނީ ދައުވާތަކެއް ކޯޓަށް ހުށަހަޅާފައިވެ އެވެ. ސާޖިދާގެ ވަކީލުންގެ ފަރާތުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިކަމާ ގުޅިގެން ފުލުހުން ހިންގާ ޖިނާއީ ތަހުގީގާއި މަދަނީ ދައުވާތަކާ ގުޅުމެއް ނެތް ކަމަށެވެ.
ރައީސްގެ ދަރިކަލުންގެ ކަރާމާތާ ގުޅޭ މައްސަލަ ހުށަހެޅީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ