ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް މުހައްމަދު މުޖްތާޒް އައްޔަންކޮށްފި

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް މއ. ސިގްމާ މުހައްމަދު މުޖްތާޒް، ރައީސް ޑރ. މުހައްމަދު މުއިއްޒު، އައްޔަންކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މުހައްމަދު މުޖްތާޒް، ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުއެވެ. އަދި، ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ރަސްމިއްޔާތުގައި މުހައްމަދު މުޖްތާޒާ ހަވާލުކުރެއްވިއެވެ.
މުހައްމަދު މުޖްތާޒަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އަދި މުހައްމަދު މުޖްތާޒް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރީ އޮފް ސްޓޭޓް ފޮ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެނޫންވެސް އިސް މަގާމުތައް ފުރުއްވާފައެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރަކު ހުސްވެފައިވަނީ ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށް މިދިޔަ މަހު ސިވިލް ސާވީސް ކޮމިޝަނުގެ ނައިބް ރައީސް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ