ކުރީ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ލޯނެއް، 26 މިލިއަނުގެ އިންޓްރެސްޓާއެކު ދައްކައިފި
ކުރީ ސަރުކާރުން ނެގި 100 މިލިއަން ޑޮލަރުގެ ލޯނެއް، 26 މިލިއަން ޑޮލަރުގެ އިންޓްރެސްޓާއެކު މި ސަރުކާރުން ދައްކައިފިއެވެ. މި ސަރުކާރުން މި މަހު ދައްކައިފައިވަނީ އެމެރިކާގެ، ދަރަންޏަށް ފައިސާ ދޫކުރާ އޭޖެންސީއެއް ކަމަށްވާ ކާގިލް ފައިނޭންޝަލް ސާވިސް އިންޓަނޭޝަނަލްއިން ނަގައިފައިވާ ލޯނެކެވެ. އެ ލޯނާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހާ މީގެ ކުރިން ހިއްސާކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި އެއީ ބަޖެޓު ސަޕޯޓަށާއި ވިޔަފާރިއާއި ފަތުރުވެރިކަމާ ގުޅޭ މަޝްރޫއުތައް ނެގުމަށް މާރިޗު 24، 2022ގައި ނެގި ލޯނެކެވެ. އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 7.15 ޕަސެންޓު ކަމަށްވާއިރު ލޯނު އަނބުރާ ދައްކަން އޮތީ މި ހިނގާ މާރިޗު މަހުގެ 24 ވަނަ ދުވަހަށެވެ. އަދި އިންޓްރެސްޓާއެކު ލޯނަށް 126 މިލިއަން ޑޮލަރު (1.94 ބިލިއަން ރުފިޔާ) އަރާނެ ކަމަށް އެއިރު ވެސް ލަފާކޮށްފައިވެއެވެ. ފިނޭންސް މިނިސްޓްރީންވަނީ އެ ލޯނު މިމަހުގެ ތެރޭގައި ދައްކައި ޚަލާސްކޮށްފައިވާކަން "ސަން"އަށް ކަށަވަރުކޮށްދީފައެވެ. ސަރުކާރުން އެ ލޯނު އަނބުރާ ދައްކައިފައިވަނީ، އިގުތިސާދީ ހާލަތު ދަށްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑެތި ލޯނުތައް ނުދެއްކިދާނެ ކަމުގެ ކަންބޮޑުވުން މީގެ ކުރިން ބައިނަލްއަގުވާމީ އިދާރާތަކުން ފާޅުކޮށްފައި ވަނިކޮށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިއްސާކުރެއްވި މައުލޫމާތެއްގައި ވާގޮތުން މި މަހުގެ ނިޔަލަށް ރާއްޖެއިން ޖުމްލަ 150 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އަންނަ މަހު ވެސް 25 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. ރާއްޖެއިން މި އަހަރު ޖުމުލަ 800 މިލިއަނެއްހައި ޑޮލަރު ދަރަންޏަށް ދައްކަންޖެހެއެވެ. އެއީ، ގާތްގަނޑަކަށް 12 ނުވަތަ 13 ބިލިއަނެއްހާ ދިވެހި ރުފިޔާއެވެ. މި ސަރުކާރުން މިހާރު ވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބިމެއް 15 ބިލިއަން ރުފިޔާއަށް ވިއްކުމަށް ނިންމައިފައެވެ. އެއާއެކު، ފައިސާ ޗާޕު ނުކުރާނެ ކަމުގެ ވައުދާއެކު ވެރިކަމަށް އައި މި ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އިދިކޮޅުން ވަނީ، އެ މުއާމަލާތުގެ ބޭނުމަކީ ފައިސާ ޗާޕުކޮށް، ދައުލަތުން ބޭނުންކުރުން ކަމަށް ބުނެފައެވެ. އަދި އިގުތިސާދީ މާހިރުން ވަނީ އެފަދަ ފިޔަވަޅެއްގެ ސަބަބުން ރުފިޔާގެ އަގު ވެއްޓި، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަރަށް ބޮޑަށް އުފުލި، ތަކެތީގެ އަގުތައް ވެސް ބޮޑުވާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ