25-5-25: މިއަދު މާލޭގައި 59 ކައިވެނި، ފެމިލީ ކޯޓުގައި ޚާއްސަ އިންތިޒާމުތަކެއް

މިއަދުގެ ތާރީޚު (25.05.2025) ރީތިވެ، ފެމިލީ ކޯޓުގައި 59 ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޓުން މިއަދު ބުނެފިއެވެ. ރީތި ތާރީޚުތަކާ ގުޅުވައި، ކައިވެނި ކުރުމަކީ ދިވެހީންގެ މެދުގައި މަގުބޫލު ކަމެކެވެ. އެފަދަ ދުވަސްތަކުގައި ގިނަ އަދަދަކަށް ކައިވެނިތައް ކުރެއެވެ. އާންމު ދުވަސްތަކަށް ވުރެ މިއަދު ކައިވެނިތައް ކޮށްދޭ މިންވަރު ނިސްބަތުން އިތުރުވެފައިވާތީ ފެމިލީ ކޯޓުން ވަނީ ޚާއްސަ އިންތިޒާމުތަކެއް ވެސް ހަމަޖައްސާފައެވެ. މިގޮތުން، އެކޯޓުގެ ބޭރުގައި ޓެންޓު ޖަހައި، މީހުންނަށް އިށީނދެވޭ ގޮތަށް ވަނީ ގޮނޑިބަރި ވެސް ޖަހާފައެވެ. މިއަދު ކުރާ ކައިވެންޏަކަށް ފެމިލީ ކޯޓުގައި ގޮނޑިބަރި ޖަހާފައި ---- ފޮޓޯ/ ފެމިލީ ކޯޓު ޖުމުލަ 59 ކައިވެނި މާލޭގައި މިއަދު ކުރާއިރު، ރަސްމީ ގަޑީގައި 23 ކައިވެނި ކުރުމަށް ހަމަޖެހިފައިވާއިރު، ނުރަސްމީ ގަޑީގައި 36 ކައިވެނި ކުރާނެ ކަމަށް އެ ކޯޓުން ބުންޏެވެ. ރީތީ ތާރީޚެއްގައި މިހާ ގިނަ މީހުން އެންމެ ފަހުން ކައިވެނިކުރީ 24.04.24ގައެވެ. އެ ދުވަހު 41 ކައިވެނި ފެމިލީ ކޯޓުން ވަނީކޮށްދީފައެވެ. އެއާއެކު، ކުރިން ހަފުތާ ބަންދުގައި ކައިވެނި ކޮށްނުދޭ ނަމަވެސް، ގިނަ ބައެއްގެ އެދުމުގެ މަތިން ހަފުތާ ބަންދުތަކުގައި ކައިވެނި ކޮށްދޭ ގޮތަށް އެ ކޯޓުން ވަނީ ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ