“ރައީސްގެ ޖަވާބު” އަލުން ފަށަނީ، ވީޑިއޯ ސުވާލު ފޮނުވަން ހުޅުވާލައިފި

ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ހުށަހަޅުއްވާ ސުވާލުތަކަށް، ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވުމަށް ކުރިއަށް ގެންދަވާ "ރައީސްގެ ޖަވާބު" ސިލްސިލާގައި، ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހަޅުއްވަން ބޭނުންވާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ފުރުސަތު ޢާއްމުކޮށް މިއަދު ހުޅުވައިލައްވައިފި އެވެ.
ވީޑިއޯ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރައްވަން ބޭނުންފުޅުވާ ރައްޔިތުން، ސުވާލު ރެކޯޑްކުރެއްވުމަށް ފަހު ހުށަހަޅުއްވާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ކަމަށާ މި ޕޯޓަލް،https://citizensvoice.gov.mv މި ލިންކް މެދުވެރިކޮށް، ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށްވެސް ކޮންމެ ރައްޔިތަކަށްވެސް ބޭނުން ކުރެއްވޭނެ ކަމަށް އެ އޮފީހުން މައުލޫމާތު ދެއްވި އެވެ.
"ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ހުށަހަޅުއްވަމުން ގެންދަވާ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވަމުން ގެންދަވާނީ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިންނެވެ.
Advertisement
"ރައީސްގެ ޖަވާބު" ސިލްސިލާއަކީ، ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ހުށަހަޅުއްވާ ސުވާލުތަކަށް، ސީދާ ރައީސުލްޖުމްހޫރިއްޔާ ވީޑިއޯ މެދުވެރިކޮށް ދެއްވާ ޖަވާބު ޢާއްމު ކުރައްވަމުން ގެންދަވާގޮތަށް، 2024 ވަނަ އަހަރުގެ ފެބްރުއަރީމަހު ފެށްޓެވި ސިލްސިލާއެކެވެ. މި ސިލްސިލާގައި އޭރު ސުވާލުކުރެވެމުން ދިޔައީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީޑިއާ ޓީމަކުން ރައްޔިތުންނާ ބައްދަލުކޮށް، ވީޑިއޯ ސުވާލު ހުށަހެޅުމަށް ފުރުޞަތު ދީގެންނެވެ. ނަމަވެސް، މިގޮތަށް މިކަން ކުރިއަށް ގެންދިއުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ކަންކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި ސުވާލުކުރެއްވުމަށް ބޭނުންފުޅުވާ ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި ފުރުޞަތު ދެވެމުން ނުދާތީ، ކޮންމެ ރައްޔިތަކަށްވެސް ވީޑިއޯ ސުވާލު ހުށަހެޅޭނެ ޕޯޓަލްއެއް އުފައްދައި ބޭނުންކުރެވެން ފެށެންދެން "ރައީސްގެ ޖަވާބު" ސިލްސިލާ ވަގުތީގޮތުން މެދުކަނޑައިލެއްވީ އެވެ.
"ރައީސްގެ ޖަވާބު" ސިލްސިލާ އަލުން މި ފެށްޓެވީ، ވީޑިއޯ މެދުވެރިކޮށް ކޮންމެ ރައްޔިތަކު ކޮންމެ ވަގުތަކު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވަން ބޭނުންފުޅުވާ ކޮންމެ ސުވާލެއްވެސް، "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ވަގުތުން ހުށަހެޅުއްވޭނެ އިންތިޒާމުތަކާއި އެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ