ލޯބިވެވުމުން... 66

ރަޔާންގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނާ ފަސްއެނބުރި ބަލައިލީ އެއީ ޔަލްވީ ބުނި އެއްޗެއްކަން ޔަގީންނުވެގެން ބަލައިލާ ކަހަލަ ގޮތަކަށެވެ. ޔަލްވީއަށް ބުނެވުނު އެއްޗެއް ރޭކައިލިއިރު، ވަގުތު ފާއިތުވެއްޖެއެވެ. އެ ޖުމުލަތައް ހަމަޖައްސަން ބުނާނެ އިތުރު އެއްޗެއް ދުލަކަށް ނައެވެ. ހިތުގެ އެއްކޮޅަކުން ވިސްނައިދިނީ، ރަޔާން ރުޅިއަރުވައިލުމަށެވެ. ދަށްކޮށްލުމަށެވެ. އެކަމަކު، އެކަންވުމުން، ޔަލްވީގެ ހިތަށް ތަދުވިއެވެ. ރަޔާން ދަށްކޮށްލުމަކީ ޔަލްވީ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އޮޅުމަކުންވިޔަސް، އެކަން ވެއްޖެއެވެ. މާފަށް އެދެން ޔަލްވީ އަނގަ ހުޅުވައިލިއެވެ. ******** "އަހަރެން ހީކުރީ ޔާލް އަހަންނާއެކީ އުޅުނީ ވަރަށް އުފަލުންކަމަށް... އެކަމަކު އެހެނެއް ނޫންދޯ މިވީކީ..." ރަޔާން ފުން ނޭވާއެއް ދޫކޮށްލިއެވެ. "ރެން..." ޔަލްވީއަށް އޭނާގެ ވާހަކަ ހަމަޖައްސަން ބުނާނެ އެއްޗެއް ނޭނގުނެވެ. ދުލުން ބުނެވުނު ބަހެއް އަނބުރާ ނުގެނެވޭނެއެވެ. "އަހަރެން އެހެން ބުނީ..." "ފަހުން ހަމަޖެހިލައިގެން ވާހަކަ ދައްކަމާ!" ރަޔާން އެދުނެވެ. ރަޔާން ފޮށި ހިފައިގެން ކޮޓަރިން ނުކުތެވެ. މަޑުމަޑުން ދޮރު ލެއްޕިއެވެ. މަންޒަރު ބަލަން ހުރި ޔަލްވީގެ ބޮޑު ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބައިގަތެވެ. ރަޔާން ޔަލްވީ ދޫކޮށް ދަނީ ހެއްޔެވެ؟ ޔަލްވީ އެހާލުގައި ހުއްޓާ، ރަޔާން އެފަދަ ކަމެއް ކޮށްފާނެ ހެއްޔެވެ؟ ރަޔާންދެކެ ޔަލްވީ އިންތިހާއަށް ލޯބިވެއެވެ. ހުއްޓުވަން ބޭނުންވިއެވެ. އުފާވެރި ހަޔާތެއް ހޯދުމަށް ކުރަމުން އައި ދަތުރުގެ އެންމެ މުހިއްމު ހިސާބުން ދެމީހުންގެ ދެމެދުގައި ކުންޏެއް ޖެހިދާނެކަމަށް ޔަލްވީ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. ދަރިއަކު ލިބޭތީ، ދެމީހުންވެސް ތިބީ އުފަލުންނެވެ. އެ ދަރިފުޅަށް މަރުހަބާ ކިޔާހިތުން ކެތްމަދުވެފައެވެ. އެހެނަސް، އެކަން ބަދަލުވަނީ ހެއްޔެވެ؟ ރަޔާން ހީކުރީ އޭނާގެ ފަހަތުން ޔަލްވީ ނުކުންނާނެ ކަމަށެވެ. ރަޔާން ހުއްޓުވަން މަސައްކަތް ކުރާނެ ކަމަށެވެ. ދޮރު ކައިރީގައި އޭނާ އިރުކޮޅަކު މަޑުކޮށްލިވެސް މެއެވެ. އެހެނަސް، ޔަލްވީއެއް ނުނުކުތެވެ. މުއްސަނދި ދިރިއުޅުމެއް ދޫކޮށްފައި، ރަޔާންގެ ފަހަތުން ޔަލްވީ އައިސްދާނެކަމަށް ގަބޫލުކުރެވުނީތީވެސް ރަޔާނަށް އަމިއްލަ ނަފުސުދެކެ ރުޅިއާދެވުނެވެ. ޔަލްވީގެ ބަދަލުވެފައިވާ މިޒާޖު ފެނި، ރަޔާނަށް ކުށްހީއެއް ކުރެވުނީއެވެ. ގޭތެރެއަށް ވެރިވެފައި އޮތީ މަރުފަދަ ހިމޭންކަމެކެވެ. ރަޔާން ފޮށި ދަމައިލާއިރު ފުރޮޅުން ގޮވާ އަޑު ފިޔަވާ އިތުރު އަޑެއް ނީވެއެވެ. ރަޔާން ފޮށި އުފުލައިލިއެވެ. ދޮރާއި ހަމައަށް ގޮސްފައި ހިޔާލު ބަދަލުވެގެން އައި ދިމާއަށް ހިނގައިގަތެވެ. ރަޔާންގެ ހަރަކާތްތަކަށް ބަލަން ހުރި ތާސާ އިސްޖަހައިލީ ރަޔާނަށް އޭނާ ފެނުމުންނެވެ. ނަފީސާގެ ގޭގައި ތާސާއަށް އިހުތިރާމުކުރާ މީހަކަށް ހުރީ ރަޔާން އެކަންޏެވެ. އެފަދަ މީހަކަށް އެގެއިން ޖާގަ ނުލިބޭނެކަން ތާސާއަށް މާކުރިންވެސް އެނގެއެވެ. "އަޅުގަނޑު ފޮށި ގެންގޮސްދެނީ" ތާސާ އުޅުނީ ރަޔާންގެ އަތުން ފޮށި އަތުލާށެވެ. ރަޔާން ދެކޮޅުހެދުމުން، ތާސާ އެނބުރި އައިކޮޅަށް ހިނގައިގަތެވެ. "ބޮސް އެބަ އުޅޭތަ؟" ރަޔާން ސުވާލުކުރީ ނިމާލު އުޅޭތޯއެވެ. "ބޮސްވެސް މެޑަމްވެސް އުޅެނީ..." ތާސާ ޖަވާބު ދިނެވެ. ދޮރުގައި ޓަކިޖަހާލި އަޑު އިވުމުން، ދޮރު ހުޅުވީ ނިމާލެވެ. ރަޔާން ފެނުމުން، ނިމާލަށް ލިބުނީ ހައިރާންކަމެކެވެ. އެއީ ކުރީގެ ރަޔާނެއް ނޫނެވެ. ދެތިން ދުވަސް ފަހުން ރަޔާން ފެނުނުއިރު، ހަށިގަނޑު ވަނީ ކުރިއަށްވުރެ އެތައް ގުނައެއް ނިކަމެތިވެފައެވެ. ރަޔާންގެ މޫނުން ކުރިން ފެނުނު އުއްމީދުގެ އަސަރެއް މިއަދު ފެންނާކަށް ނެތެވެ. ދެލޮލުގައި ދިރުމެއް ނެތެވެ. ނިމާލުގެ ނަޒަރު ދެން ހުއްޓުނީ ރަޔާން ހިފައިގެން ހުރި ފޮށްޓަށެވެ. "އަޅުގަނޑު މިދަނީ ރަށަށް ދާން" ރަޔާން އިސްޖަހައިލިއެވެ. "މިގަޑީ؟" ނިމާލު ބަލައިލީ ގަޑިއަށެވެ. "ކީއްވެ އެހާ ކުއްލިގޮތަކަށް..." "ފަތިހު ފުރާ ބޯޓަކުން.. ޗުއްޓީވެސް ހަމަވާން ކައިރިވަނީ..." ރަޔާން ދެންވެސް އިސްއުފުލައެއް ނުލިއެވެ. "ފުރުމުގެ ކުރިން ބުނެލަން މިއައީ" ނިމާލު އިތުރު އެއްޗެއް ބުނުމުގެ ކުރިން ރަޔާން ގޮސް ގެއިން ނުކުތެވެ. ގޮތް ހުސްވެފައި ނިމާލަށް ހުރެވުނީ މަންޒަރު ބަލާށެވެ. އެދުވަސް އަންނާނެކަން ނިމާލަށް މާކުރިންވެސް އެނގެއެވެ. ދެރައީ، ކުރިން ފިޔަވަޅެއް ނޭޅުނީމައެވެ. ދަރިފުޅުގެ ދިރިއުޅުން ހަލާކުވާކަށް ނިމާލު ނޭދެއެވެ. "ދިޔައީތަ؟" ނިމާލު ދޮރު ލައްޕައިލުމުން ނަފީސާ އަހައިލިއެވެ. "ނަފީސާ ބޭނުންވާގޮތަށް ކަންތައް ވީނު" ނިމާލުގެ އަޑުގައިވީ މަޑުމޮޅިކަމެވެ. "އޭނަ ހުއްޓުވަން ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގެ..." "އަދިވެސް އަހަރެންތަ ގޯސްވީ؟ މިތާ އުޅެން ބޭނުންނުވާ މީހަކު ދިޔެއްޔާތާ ރަނގަޅުވާނީ" ނަފީސާ ތުން ފިއްތައިލިއެވެ. "ނަފީސާ ދެރައެއްނުވޭތަ؟ އޭނ؟ ބަލަ ދަރިއަކު ލިބެން އުޅޭއިރު، ޔަލްވީގެ ދިރިއުޅުމޭ އެ ހަލާކުވަނީ... ރަޔާނަކީ އެދަރިފުޅުގެ ބައްޕައޭ... ކިހާ ފޮނި އުއްމީދުތަކެއް ކޮށްގެންތަ އެކުދިން މިތަނަށް އައީ" ނިމާލުގެ ދެލޯ ފެންކަޅިވިއެވެ. "އަހަރެމެންގެ ސަބަބުން..." "އަހަރެން ބުނެގެންތަ އޭނަ އެދަނީ؟" ނަފީސާގެ ބަހުރުވަ ބަދަލުވެފައިވާވަރު ފެނި ނިމާލު ހުރީ އަޖައިބުވެފައެވެ. "އަހަރެން ނުބުނަމޭ މިގެއިން ނުކުންނާކަށް... އެހެންނޫނަސް، ހިތަށްއެރިހާ ގޮތަކަށް ނޫޅެ، އައިތާކަށް ދިޔެއްޔާ މާ ރަނގަޅުވާނެދޯ... އަހަރެން އެއް އިރެއްގަވެސް މާ ރުހުނު މީހެއް ނޫން އެއީ..." "ބަލަ ނަފީސާއަކަށް ނުފެނޭތަ އޭނަގެ ސަބަބުން ޔަލްވީއަށް އައިއްސަ ހުރި ހެޔޮ ބަދަލެއް... މިއަދު ރަޔާންގެ އެކަކުވެސް ނެތޭ... އަހަރެމެން ކައިރިއަށް އައީމަ އެކުއްޖާއަށް ތިހެން ހަދަން ހެޔޮނުވާނެ! އެއީވެސް މީހަކު ލޯބިން ބަލާ ބޮޑުކޮށްފަ ހުރި ދަރިއެކޭ ހަމަ..." ނިމާލު ބޯ ހާސްވެގެން ދެކޮޅަށް ހިނގަން ފެށިއެވެ. "އަހަރެން ކޮންގޮތެއް ހެދީތަ؟ އޭނަ އަމިއްލައަކަށް ނޫންތަ އެދިޔައީ" ނަފީސާ ކޮޓަރިން ނުކުތީ، ނިމާލާއި އިތުރަށް ޖަދަލުކުރަން ބޭނުން ނުވާތީއެވެ. ޔަލްވީއަށް ހަމަހޭވެރިކަންވީ ކުޑަ އިރުކޮޅެއް ފަހުންނެވެ. ޔަލްވީ ރޮމުން ކޮޓަރިން ނުކުތެވެ. ރަޔާނެއް ނެތެވެ. ހަމަ ހަގީގަތުގައިވެސް ރަޔާން ދިޔައީ ހެއްޔެވެ؟ ޔަލްވީ ބޮޑު ދޮރާއި ދިމާއަށް ހިނގައިގަތެވެ. ޔަލްވީގެ ހިތް ވަނީ ރަޔާނާއި އެކުގައެވެ. އެއީ ޔަލްވީގެ ހިތުގެ އެއްބަޔެވެ. ރަޔާން ހުއްޓުވަން ޔަލްވީ ބޭނުންވިއެވެ. ރަޔާނާއި ވަކިން ޔަލްވީ ދެން ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ "ދަރިފުޅާ!" ނަފީސާއަށް ޔަލްވީ ހުއްޓުވުނީ ބޮޑުދޮރާއި ހަމައިންނެވެ. "މަންމާ! ރެން އެދިޔައީ... ދެން ނޭނގެ އަންނާނެ ކަމެއްވެސް... ރެން ގެނެސްދީ!" ޔަލްވީއަށް ރޮވޭވަރުން ރަނގަޅަށް ވާހަކައެއް ނުދެއްކުނެވެ. "ދަރިފުޅު އިހަށް ހަމަޖެހިބަލަ!.." ނަފީސާ ޔަލްވީގެ ގެންގޮސް ސޯފާގައި ބައިންދަން އުޅުނެވެ. "ރަޔާނަކަށް ނުކެރޭނެ ދާކަށް... އިރުކޮޅަކުން އަންނާނެ.." "ނާންނާނެ!... އެބަ އަންނަން ބޭރު ބަލާލާފަ... ޔާލް ނުބުނަންޏާ، ރެން ދާނެއޭ މަންމާ!" ޔަލްވީ އަނެއްކާވެސް ދޮރާއި ދިމާއަށް ހިނގައިގަތެވެ. "ދަރިފުޅު ގޮސްގެން ނުވާނެ!" ނަފީސާ އަމުރުކުރިއެވެ. ނަފީސާގެ އަތް ފޮޅުވައިލާފައި ޔަލްވީ ދޮރާއި ދިމާއަށް ދުއްވައިގަތެވެ. އަމިއްލަ ހާލާއިމެދު ވިސްނޭ ވަރަށްވުރެ ޔަލްވީގެ ސިކުނޑީގެ ހައިޖާނުގަނޑު ބޮޑެވެ. ޔަލްވީ ބޭނުންވީ ކޮންމެ ގޮތަކުންވެސް ރަޔާން ހުއްޓުވާށެވެ. ކޮޓަރިން ނުކުތް ނިމާލަށް ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ނަފީސާގެ ނަފްސާނީ ބަލިގަނޑު ހައްތަހާ ގޯސްވަމުންދާތީވެސް ނިމާލަށް އެކަމާއި ވިސްނަންޖެހުނެވެ. އަނެއްކޮޅުން ޔަލްވީއާއި މެދުގައިވެސް ވިސްނަން ނިމާލަށް މަޖުބޫރެވެ. އެހާލުގައި ޔަލްވީ އެފަދަ ގޮތަކަށް އުޅުން ރައްކާތެރި ނޫންކަން ވިސްނައިދޭނެ މީހަކު ހުންނަންޖެހޭނެއެވެ. ޔަގީނުންވެސް ނަފީސާއަށް އެވަރު ނުވިސްނެއެވެ. ވިސްނޭނަމަ، ޔަލްވީއާއި ރަޔާން ދުރުވިޔަ ނުދޭނެއެވެ. ******** ކާރު ހުއްޓައިލިއިރު، އަފްސަމް ހުރީ ދޮރުމައްޗަށް ނުކުމެއެވެ. ރަޔާން ކާރުން ފޭބުމުން، އަފްސަމް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޑިކީއިން ރަޔާންގެ ފޮށި ނެގިއެވެ. "އޯކޭތަ؟" ފޮށި ހިފައިގެން ގެއަށް ވަންނަން ހިނގައިގަންނަމުން އަފްސަމް ސުވާލުކުރިއެވެ. ރަޔާންގެ ހާލު ފެނި، އަފްސަމް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ރަޔާން ގުޅާފައި، އެރޭ އަފްސަމްގެ ގޭގައި މަޑުކޮށްލެވޭނެ ގޮތެއް އޮތްތޯ އެހުމުން، ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އަފްސަމަށް އެނގުނެވެ. އެކަމަކު، ރަޔާނަށް އައިސްފައިވާ ބަދަލުން ކަމެއް ގޯސްވީ އެރޭ ނޫންކަން އަފްސަމަށް އެނގުނެވެ. ކުއްލިއަކަށް ރަޔާނަށް އެވަރުގެ ބަދަލެއް އަންނާނީ ކަމެއް ވަރަށް ގޯސްވީމައެވެ. "ރަށަށް ދާންވެގެން ބޯޓު ކައިރިއަށް ގޮއްސަ މިއައީ... ކަނޑުގަދަވެގެން ބޯޓު މިރޭ ނުފުރާ ވާހަކަ ބުނީ..." ރަޔާން ތަފްސީލް ދިނެވެ. "ކީއްވެ ގެއަށް ނުދިޔައީ؟... ޔަލްވީއާ މައްސަލައެއް ޖެހުނީތަ؟" ލިފްޓަށް އަރާފައި އަފްސަމް ސުވާލުކުރިއެވެ. ރަޔާން ބޯޖަހައިލިއެވެ. ރަޔާންގެ މޫނުގައި ދިރުމެއްނެތެވެ. އަފްސަމް އިތުރު ސުވާލެއް ކުރުމުގެ ކުރިން ލިފްޓްގެ ދޮރު ހުޅުވުނެވެ. ރަޔާން އަންނަ ވާހަކަ ބުނުމުން ލިމްޔާ ހުރީ އިންތިޒާރުގައި ދޮރު ހުޅުވައިގެންނެވެ. ރަޔާން ފެނުމުން، ލިމްޔާއަށްވެސް ލިބުނީ ހައިރާންކަމެކެވެ. އެއީ މާލެ އައި ދުވަހު ލިމްޔާއަށް ފެނުނު ރަޔާނެއް ނޫނެވެ. ރަޔާން ހުރީ ހިކިފައެވެ. މާލެއިން ރަޔާންމެންނާއި ބައްދަލުނުވި ސަބަބު ލިމްޔާއަށް ސާފުވީ ދެނެވެ. "ލިމް އެކިޔަނީއޭ، ތިމީހުންގެ ހަބަރެއްނުވާ ވާހަކަ... ޔަލްވީއަށް ގުޅީމަ ބުންޏޯ ރަޔައްޓެ ވަރަށް ބިޒީއޭ..." ލިމްޔާއާއި އަރާ ހަމަވެފައި ކޮންމެވެސް ވާހަކައެއް ފެށުމުގެ ގޮތުން އަފްސަމް ބުނެލިއެވެ. "ޖޫސްތައްޓެއް ގިރައިދެންތަ؟" ރަޔާން އެތެރެއަށް ވަނުމުން ލިމްޔާ އަހައިލިއެވެ. "ކާންހަދައިދީ... ޕާސްޓާ އެބަހުރިތަ؟" ރަޔާން ސޯފާގައި ބައިންދާފައި އަފްސަމް ދިޔައީ ލިމްޔާގެ ކައިރިއަށެވެ. "ރެން އަންނާނެކަމެއް ނޭނގޭތީ، ހުރިހާ އެއްޗެއް އުކާލެވިއްޖެ!... ނޫޑްލްސް ކައްކަންތަ؟" ލިމްޔާ އަހައިލިއެވެ. "ވަރަށް އަވަސްކޮށްލާނަން..." "އާނ.. ރަނގަޅުވާނެ.. ޔަލްވީއާ މައްސަލައެއް ޖެހިގެން އެއުޅެނީ.... ހިއެއްނުވޭ މިރޭ އަދި އެއްޗެއް ކޭހެނެއްވެސް... ރަށަށް ދާންވެގެން ބޯޓު ކައިރިއަށް ގޮއްސަޔޯ އެއައީ... ވަރަށް ގޯސްވީމަ އެވަރުވާނީ... މިރޭ މިގޭގަ މަޑުކޮށްލެވޭނެއޭ ބުނީމަ އެއައީ... ލިމްއަށް އެގޮތް އޯކޭތަ؟" އަފްސަމް ލިމްޔާގެ ހުއްދައަށް އެދުނެވެ. "ކީއްވެ އޯކޭނުވާންވީ؟ އަހަރެމެން އުޅޭތާކު ރެންއަށްވެސް އުޅެވޭނެއެއްނު... އެކަމަކު، ސިޓިންގްރޫމުގަ ނިދަން އޯކޭވާނެތަ؟" ރަޔާން ސިޓިންގްރޫމުގައި ނިންދަވަން ލިމްޔާ އެހާ ހިތްހަމައެއް ނުޖެހުނެވެ. "އާނ.. އަހަރެން ބުނިން މިއެޕާޓްމަންޓްގަ އިތުރު ރޫމެއް ނެތް ވާހަކަ... ރަޔައްޓެ އޯކޭވާނެ... އަހަރެމެން އުޅެބޮޑުވީ، އެހާ އަރާމުގައެއް ނޫނޭ... ޖެހުނު ކޮންމެތާކުވެސް އަހަރެމެންނަށް އުޅެވޭނެ... ނިދޭނެ... ތަޅުންމަތީވެސް ނިދަން ޖެހިއްޖެއްޔާ ނިދާނަން..." އަފްސަމް ބުނެލިއެވެ. "މިރޭ ނިދަންވީނު ތަޅުންމަތީ..." ލިމްޔާ ސަމާސާކޮށްލިއެވެ. "ލިމް ބޭނުމިއްޔާ އޯކޭ އަހަރެން އޮވެދާނަން ދުމަށިމަތީވެސް..." އަފްސަމް ލިމްޔާގެ ސަމާސާގައި ބައިވެރިވިއެވެ. "ދެން ނޫން..." ލިމްޔާ ތުއިވެލާފައި އަފްސަމްގެ ގައިގައި މަޑުމަޑުން ޖަހައިލިއެވެ. "އެސޯފާ އެނދަކަށް ބަދަލުކޮށްލާނީ..." އަފްސަމް ޗޮކެއް ކަނޑައިލިއެވެ. "ނިދާލަން އޯކޭވާނެ" އަފްސަމް ފެންފުޅިއެއް ހިފައިގެން ދިޔައިރު، ރަޔާން އިނީ ސޯފާގައި ލޯ މަރާލައިގެންނެވެ. އަތުގައި ފޯނު އޮތްއިރު، ފޯނުކޯލަކަށް ރަޔާން އިންތިޒާރު ކުރަމުންދިޔަ ކަހަލައެވެ. ރަޔާން ލޯ ހުޅުވައިލުމުން، އަފްސަމް ފެންފުޅި ދިއްކޮށްލިއެވެ. "ސޮރީ، މިހާ ދަންގަޑިއެއްގަ އުނދަގޫކުރެވުނީމަ" ރަޔާން މާފަށް އެދުނެވެ. "ނޫނޭ، އެކުވެރިން ތިބެނީ ކޮންމެވެސް ކަމަކުއެއްނު... ތީ އަހަރެމެން ދެމީހުންގެވެސް ގާތް އެކުވެރިއެއް.." އަފްސަމް ބޭނުންވީ ރަޔާން ހަމައަކަށް އަޅުވާށެވެ. "ޔަލްވީ ނުގުޅާތަ؟" "އަހަރެން ގުޅަންތަ؟" ރަޔާން ބޯޖަހައިލުމުން، އަފްސަމް ސުވާލުކުރިއެވެ. "ނޫނޭ!... ޔަލްވީ ބޭނުމިއްޔާ އަހަރެންގެ ފޯނަށްވެސް ގުޅޭނެ... މިހާއިރުވާއިރު ނުގުޅާނީ، ޔަލްވީވެސް އެގޮތް ބޭނުންވާތީނު... ކީއްކުރަން އުނދަގޫކުރަނީ؟" ރަޔާން އޭނާގެ ފޯނު ބަންޑުންވާހެން ސޯފާމަތީގައި ބޭއްވިއެވެ. "އަހަންނަކަށް ނޭނގެ ތިދެމީހުން އެހާ ލޯބިން އުޅެފަ ޖެހުނީ ކޮން މައްސަލައެއް ކަމެއް... އެކަމަކު، އަހަރެން ބުނާނީ މީ މައްސަލަ ޖެހެންވީ ވަގުތެއް ނޫނޭ... ޔަލްވީ ބަނޑުބޮޑު... މީ ޔަލްވީއަށް ލޯބިދޭންވީ ވަގުތު... ދޫކޮށްލާފަ ދާންވީ ވަގުތެއް ނޫން... ބަނޑުބޮޑުއިރު، ކޫސަނި ކަންކަމާ ރުޅިގަދަވެ ކަންކަން ވާނެ... ރަޔައްޓެ ރަނގަޅަށް ހުރި މީހާ ޖެހޭނެ އެކަންކަން ހިންދާލަން... ކެތްކުރަން... ނޫނީ ކުދިކުދި ކަންކަން ބޮޑެތި ކަންކަމަށް ބަދަލުވާން ފަށާނެ..." އަފްސަމް ދިނީ މުޅީންވެސް ރަނގަޅު ނަސޭހަތެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ