މިދިޔަ މަހު އިޒްރޭލްގެ އަސްކަރީ ބާރުތަކުން މަރާލި ފަލަސްތީނުގެ 15 މެޑިކުންގެ ތެރެއިން އެކަކުގެ ފޯނުން ނަގާފައިވާ ވީޑިއޯއަކުން، ދެކުނު ގާޒާގައި އެ މެޑިކުންގެ އުޅަނދުތަކަށް އިޒްރޭލު ސިފައިން ހަމަލާދިންއިރު އިމަޖެންސީ ސިގްނަލްތައް ނެތްކަމަށް އިޒްރޭލުން ދައްކާ ވާހަކައަކީ ދޮގެއްކަން ހާމަވެއްޖެ އެވެ.
މި ވީޑިއޯއިން ފެންނަނީ ރެޑް ކްރެސެންޓާއި ސިވިލް ޑިފެންސްގެ ޓީމްތައް ވަނީ އެމީހުންގެ އިމަޖެންސީ އުޅަނދުތަކުގެ ލައިޓްތައް ދިއްލައިގެން، ލޯގޯތައް ފެންނަ ގޮތަށް، ކުރިން އިޒްރޭލު ސިފައިން ހަމަލާ ދީފައިވާ ފައިވާ އެމްބިއުލާންސްއަކަށް އެހީތެރިވުމަށް މަޑުމަޑުން ދުއްވަމުންދާ ތަނެވެ. ތިން މެޑިކުން ހާދިސާ ހިނގި އެމްބިއުލާންސާ ދިމާއަށް ހިނގާފައިދާއިރު އެއްވެސް އާދަޔާ ޚިލާފު ނުވަތަ ބިރުދެއްކުމުގެ އަމަލެއް ކުރަމުންދިޔަތަނެއް ނުފެނެ އެވެ.
އެވަގުތު އުޅަނދުތަކަށް ވަރަށް އިޒްރޭލު ސިފައިން ވަރަށްވަރުގަދައަށް ބަޑިން ހަމަލާދީފައިވެ އެވެ. އަދި މި ހަމަލާ ފަސް މިނެޓަށްވުރެ ދިގު ވަގުތަކަށް ކުޑަކުޑަ ހުއްޓުންތަކާއެކު ދެމިގެން ގޮސްފައިވެ އެވެ. ފޯނުގެ ވެރިފަރާތް އަޑުގަދަ ކޮށް ދުއާ ކުރަމުންދިޔަ އަޑު އިވެއެވެ.
"މަންމާ މަންމާ މާފުކުރޭ. މިއީ އަހަރެން ހޮވި މަގު، މަންމާ، މީހުންނަށް އެހީތެރިވުމަށް،" އޭނާ ބުންޏެވެ. އޭނާގެ އަޑު ވަނީ ފަހުން ފަނޑުވެފަ އެވެ.
މާރިޗް 23 ގެ ފަތިހުގެ ކުރިން ދެކުނު ގާޒާގެ ރަފާހުގެ ތެލް އަލް-ސުލްތާން ސަރަހައްދުގައި އިޒްރޭލްގެ ސިފައިން ހިންގި އޮޕަރޭޝަންތަކުގައި ރެޑް ކްރެސެންޓް އަށް މީހަކާއި ސިވިލް ޑިފެންސް ހަ މުވައްޒަފުން އަދި އދ.ގެ މުވައްޒަފަކު ވަނީ މަރާލާފަ އެވެ. ސިފައިން އޭގެފަހުން ބުލްޑޯޒަރު ބޭނުންކޮށްގެން އެމީހުންގެ ހަށިތަކާއި ހަލާކުވެފައިވާ އުޅަނދުތައް ބޮޑު ވަޅުގަނޑެއްގައި ވަޅުލައިފައިވެ އެވެ. އދ. އާއި ރެސްކިއު އޮފިޝަލުންނަށް ހަށިތައް ބިމުން ކޮންނަން އެއް ހަފްތާ ފަހުން ވަނީ އެސަރަހައްދަށް ވަދެވިފަ އެވެ.
ފަލަސްތީން ރެޑް ކްރެސެންޓް ސޮސައިޓީގެ ނައިބު ރައީސް، މަރުވާން ޖިލާނީ، ބުނިގޮތުގައި ވީޑިއޯ ހުރި ފޯނު ފެނުނީ އެތަނުން މަރުވި އެބައިމީހުންގެ މުވައްޒަފެއްގެ ޖީބުންނެވެ. ފަލަސްތީންގެ އދ. ސަފީރު މި ވީޑިއޯ އދ. ގެ ސެކިއުރިޓީ ކައުންސިލަށް ފޮނުވާފައިވެ އެވެ.
ދިރިހުރި އެއް ޕެރަމެޑިކް، މުންޒަރު އާބިދް، އެސޯސިއޭޓެޑް ޕްރެސްއަށް މި ވީޑިއޯގެ ސައްހަކަން ކަށަވަރުކޮށްދިނެވެ. ވީޑިއޯގައި ފެންނަ ދެ ހަތަރެސްކަން ކޮންކްރީޓް އިމާރާތް، އދ. އިން އާދީއްތަ ދުވަހު ދޫކުރި ހަށިގަނޑުތައް ހޯދުމުގެ ވީޑިއޯގައިވެސް ފެނެ އެވެ. މިއީ އެއް ތަނެއްކަން ދައްކުވައިދޭ ހެއްކެކެވެ.
ވީޑިއޯއާ ބެހޭގޮތުން އިޒްރޭލްގެ ސިފައިންގެ ފަރާތުން ހޮނިހިރު ދުވަހު ބުނެފައިވަނީ މި ހާދިސާ "ފުންކޮށް ބަލަމުންދާ" ކަމަށެވެ. އެއް މެޑިކް އަދިވެސް ނުފެނެ އެވެ.
އިޒްރޭލްގެ ސިފައިންގެ ފަރާތުން ކުރިން ބުނެފައިވަނީ ހެޑްލައިޓްތަކާއި އިމަޖެންސީ ސިގްނަލްތައް ނެތި، އެ އުޅަނދުތައް "ޝައްކުވާ ގޮތަށް ކުރިއަށް" ދާތީ ސިފައިންނަށް ބިރުދެއްކުމަށް ބަޑިޖަހަން ޖެހުނު ކަމަށެވެ.
އުޅަނދުތަކުގައި އިމަޖެންސީ ލައިޓްތައް ނެތްކަމަށް ކުރިން ބުނެވުނީ ގޯސްކޮށް ކަމަށް އިޒްރޭލްގެ ސިފައިންގެ އިސް އޮފިޝަލަކު ހޮނިހިރުދުވަހުގެ ރޭ ނޫސްވެރިންނަށް ބުނެފައިވެ އެވެ. އެ އޮފިޝަލް ވާހަކަ ދެއްކީ ގަވާއިދުތަކާ އެއްގޮތަށް، ކާކުކަން ނޭނގޭގޮތަށެވެ.
ފަލަސްތީން ރެޑް ކްރެސެންޓް ސޮސައިޓީގެ އިސްވެރިޔާ، ޔޫނިސް އަލް-ޚަތީބް، ގޮވާލާފައިވަނީ މިނިވަން ތަހގީގަކަށެވެ. "އަޅުގަނޑުމެން [އިޒްރޭލު] ސިފައިންގެ ތަހްގީގުތަކަށް އިތުބާރެއް ނުކުރަން،" އޭނާ ހުކުރު ދުވަހު އދ. ގައި ބޭއްވުނު ބްރީފިން އެއްގައި ބުންޏެވެ.
އެއް މެޑިކް، އަސްއަދު އަލް-ނައްސާސްރާ، އަދިވެސް ނުފެންނަކަމަށް ރެޑް ކްރެސެންޓުން ބުނެ އެވެ. އާބިދް ބުނިގޮތުގައި އޭނާއަށް ފެނުނީ އަލް-ނައްސާސްރާ އިޒްރޭލްގެ ސިފައިން ގެންދާތަނެވެ. އަލް-ޚަތީބް ބުނީ އެމީހުންގެ މުވައްޒަފު ބަންދުކޮށްފައިވަނީ ކޮންތާކުތޯއެ އިޒްރޭލު ސިފައިންކައިރި އަހާފައިވާ ކަމަށެވެ.
އަލް-ޚަތީބް ބުނިގޮތުގައި މަރުވި މީހުންނަށް ވަރަށް "ކައިރިން އަމާޒު ކޮށްގެން" ހަމަލާދީފައިވާކަމަށާއި، ފޮރެންސިކް އޮޓޮޕްސީ ރިޕޯޓެއް އަވަހަށް ދޫކުރެވޭނެ ކަމަށެވެ. އިޒްރޭލުން ހަމާސްއަށް ތުހުމަތުކޮށްފައިވަނީ އެމީހުންގެ ހަނގުރާމަވެރިން އެމްބިއުލާންސްތަކާއި އިމަޖެންސީ އުޅަނދުތަކުގައި، އަދި ހޮސްޕިޓަލްތަކާއި އެހެނިހެން ސިވިލިއަން އިންފްރާސްޓްރަކްޗާގައި އެތެރެއަށް ވަދެ ތިބި ކަމަށެވެ. އެހެންކަމުން އެ އުޅަނދުތަކަށް ހަމަލާދިނުމަކީ ކުރެވޭނެ ކަމެއް ކަމަށް ބުނެ އެވެ. މެޑިކަލް މުވައްޒަފުން ގިނަފަހަރަށް މި ތުހުމަތު ދޮގުކުރެ އެވެ.
އިޒްރޭލްގެ ހަމަލާތަކުން ރެޑް ކްރެސެންޓާއި ސިވިލް ޑިފެންސްގެ 150 އަށްވުރެ ގިނަ އިމަޖެންސީ އެހީތެރިން ވަނީ މަރުވެފަ އެވެ. ގިނަބަޔަކު މަރުވީ ޑިއުޓީގައި ތިއްބަ އެވެ. އަދި 1,000 އަށްވުރެ ގިނަ ހެލްތް ވޯކަރުންވެސް ވަނީ މަރާލާފައިކަމަށް އދ. ގެ މައުލޫމާތު ދައްކަ އެވެ. މިފަދަ ހާދިސާތައް އިޒްރޭލްގެ ސިފައިން ތަހުގީގުކުރަނީ ވަރަށް މަދުފަހަރެއްގަ އެވެ.
އެމްބިއުލާންސްތައް ތެލް އަލް-ސުލްތާނަށް މާރިޗް 23 ވަނަ ދުވަހުގެ ފަތިހު 3:50 ގައި ޒަޚަމްވިމީހުންނާބެހޭ ރިޕޯޓުތަކަށް އިޖާބަ ދިނުމަށް ދާން ފެށިކަމަށް ޖިލާނީ ބުންޏެވެ. ފުރަތަމަ އެމްބިއުލާންސް މަދުވެގެން އެއް ކެޝުއަލްޓީއާއެކު އަމާންކަމާއެކު އެނބުރި އައިކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް އޭގެފަހުން އައި އެމްބިއުލާންސްތަކަށް އިޒްރޭލު ސިފައިން ހަމަލާ ދިންކަމަށް އޭނާ ބުންޏެވެ.
އާބިދް ހޮނިހިރު ދުވަހު ބުނިގޮތުގައި އޭނާގެ އެމްބިއުލާންސް އެ ސަރަހައްދަށް ދިޔައިރު ސައިރަން ލައިޓްތައް ހުރީ ދިއްލާފައެވެ. ކުއްލިއަކަށް އެމީހުންނާ ދިމާއަށް ސިފައިން ސީދާ ބަޑި ޖެހިކަމަށް އޭނާ ބުންޏެވެ. އެހާ ވަރުގަދައަށް ބާރަށް ބަޑި ޖެހުމުގެ ސަބަބުން އެމްބިއުލާންސް އެއްކޮށް ހުއްޓުނެވެ.
ރެޑް ކްރެސެންޓްގައި 10 އަހަރު މަސައްކަތްކޮށްފައިވާ އާބިދް ބުނިގޮތުން އޭނާ އިނީ ފަހަތު ގޮނޑީގަ އެވެ. އަދި ބިންމައްޗަށް އޭނާ ތިރިވީ އެވެ. އޭނާ ބުނިގޮތުން ކުރީ ސީޓުގައި ތިބި އޭނާގެ ދެ އެކުވެރިންގެ ( އުޅަނދުގައި ތިބި ހަމައެކަނި މީހުން) އަޑެއް ނީވެ އެވެ. އެ ދެމީހުންވެސް ވަގުތުން މަރުވެފައިވާކަމަށް ބެލެވެ އެވެ.
އިޒްރޭލްގެ ސިފައިން އައިސް އާބިދް އެމްބިއުލާންސް އިން ބޭރަށް ނެރެ، ބިންމައްޗަށް އޭނާ ވައްޓާލިކަމަށް އޭނާ ބުންޏެވެ. އެމީހުން އޭނާގެ އަންނައުނު ބާލައި ގައިގައި ބަޑިތަކުގެ ބުޑުން ތަޅައި، ދެން ފުރަގަހަށް އަތުގައި ބިޑި އެޅުވި ކަމަށް އޭނާ ބުންޏެވެ.
އެމީހުން އޭނާއާ ސުވާލުކުރީ އޭނާގެ ޕެރަމެޑިކް ތަމްރީނާ ބެހޭގޮތުންނާއި އެމްބިއުލާންސްގައި ކިތައް މީހުން ތިބިކަމާބެހޭ ގޮތުންނެވެ. ސިފައިންގެ އެކަކު އޭނާގެ އޮޓޮމެޓިކް ރައިފަލްގެ ކޮޅު އޭނާގެ ކަރުގައި ޖައްސާފައި ހުރިކަމަށާއި، އަނެއް ސިފައިންނާ އޭނާގެ ކަޓަރުގެ ތޫނު ބައި އޭނާގެ އަތްތިލައިގެ އެތެރެއަށް ޖައްސަން ކައިރިވިކަމަށާއި، އެހެންނަމަވެސް ތިންވަނަ ސިފައިން އެމީހުން ދުރުކޮށް އާބިދްއަށް އިންޒާރުދިން ކަމަށެވެ.
އިޒްރޭލްގެ ސިފައިންގެ ފަރާތުން ކުރިން ބުނެފައިވަނީ "އެއްވެސް ނަހަމަ އަމަލެއް" ނުހިނގާކަމަށާއި، އުޅަނދުތައް ވަޅުލެވިފައިވަނީ ކީއްވެގެންކަން ނޭނގޭ ކަމަށެވެ. ގެއްލިފައިވާ މެޑިކާ ބެހޭގޮތުން އެ ފަރާތުން އެއްވެސް މައުލޫމާތެއް ނުދެއެވެ.
ގާޒާގައި ހުންނަ އދ. ގެ އިންސާނީ އިދާރާ ވަގުތީ އިސްވެރިޔާ ޖޮނާތަން ވިޓްހޯލް ބުނިގޮތުގައި މަރާލެވުނު މެޑިކުންނަކީ ހަމާސް މިލިޓަންޓުން ކަމަށް ބުނާ ވާހަކަތައް ގަބޫލު ނުކުރެވެ އެވެ. ސަބަބަކީ އެއީ ކުރިން އެނާ އަމިއްލައަށް ބައްދަލު ކޮށްފައިވާ މެޑިކުން ކަމަށެވެ. މީހުން ހޮސްޕިޓަލުތަކުން އުފުލުމާއި އެހެނިހެން މަސައްކަތްތަކުގައި އެމީހުންނާ އެކު މަސައްކަތްކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
"މިއީ އަހަރެން އަމިއްލައަށް ކުރިން ބައްދަލުކޮށްފައިވާ ޕެރަމެޑިކް ކުރޫއެއް" އޭނާ ބުންޏެވެ. "އެމީހުން
ވަޅުލެވުނީ އެމީހުންގެ ޔުނީފޯމުގައި އަންގިތައް އަޅައިގެންނެވެ. އެމީހުން ތިބީ ފުރާނަ ސަލާމަތްކުރަން ތައްޔާރަށެވެ."
ގާޒާގައި މަރާލި ފަލަސްތީން މެޑިކުންގެ ވީޑިއޯއިން އުޅަނދުތަކުގައި އިމަޖެންސީ ސިގްނަލް ނެތްކަމަށް އިޒްރޭލުން ބުނީ ދޮގެއްކަން ހާމަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ