ނަމާދު ފުރިހަމަ ކުރެވި އަދި ލިބޭ ޘަވާބު އިތުރުވާނެ ގޮތްތަކަށް ޢަމަލުކުރަންވާނެ! މިކަންކަން ދަސްކޮށް ޢަމަލުކޮށްބަލަ!

ޤިޔާމަތް ދުވަހުގެ ކާމިޔާބީ ގުޅިފައިވަނީ ނަމާދާއިކަން އެންމެންނަށްވެސް އެނގޭނެއެވެ. ވީމާ އެކާމިޔާބީ ޙާޞިލުކުރަން އެމީހަކަށް ކުރެވެން އޮތް ކޮންމެ ކަމެއްވެސް ކުރަމުން ގެންދަންވާނެއެވެ. މިބުނަނީ ކޮންމެ ނަމާދެއްވެސް، އެއީ ސުންނަތް ނަމާދެއް ނަމަވެސް ކުރަންވާނީ ތިމާއަށް އެކަމުން އެންމެ ގިނަ ޘަވާބުލިބޭނެ ގޮތަށް ކަމަށެވެ.  
ވިސްނާށެވެ! ކޮންމެ ކަމެއްވެސް ކާމިޔާބުކަމާއިއެކު ޙާޞިލްކުރެވެނީ ދުރާލައި ތައްޔާރުވެގެންނެވެ. އެހެންވެ ދުނިޔަވީ ކަންކަމުގައިވެސް އަހަރެމެން ދުރާލައި ތައްޔާރުވަމުއެވެ. ހަމައެއާއިއެކު ވީހައި ފުރިހަމައަކަށް އެކަމެއް ކުރަން މަސައްކަތްކުރަމުއެވެ.  
ނަމާދަކީ އިންސާނާގެ ކާމިޔާބީއާއި ނާކާމިޔާބީގެ ތަޅުދަނޑިއެވެ. އެހެނީ އާޚިރަތުގެ ކާމިޔާބީ ގުޅިފައިވަނީ ނަމާދާއިއެވެ. ނަމާދުން ފޭލްވެއްޖެނަމަ ހުރިހާ ކަމަކުން ފޭލްވާތީއެވެ. އެހެނަސް ގިނަބައެއްގެ ކިބައިން ނަމާދާއިމެދު ފެންނަނީ ކަމަކަށް ކަމެއްކުރާއުޞޫލުން ކަންކަން ކުރެވޭތަނެވެ. މިއީ އެންމެ ހިތާމަހުރި އެއްކަންތަކެވެ. އެކަން އިޞްލާޙްކުރަން އެބަޖެހެއެވެ.  
ނަމާދެވެ ބުނުމުން ގިނަ ބައަކަށް މި ހީކުރެވެނީ އެއީ ހަމައެކަނި ނަމާދަށް ޙަރަމްބަނުމުން ފެށިގެން ސަލާމް ދިނުމާއި ހަމައަށް ކަމަށެވެ. ނަމަވެސް އެއީ އެއްގޮތަކަށް ވެސް އެހައި ފަސޭހަކޮށް ނަގައިގެން ފުއްދައިލެވެން އޮތް ކަމެއް ނޫނެވެ.  
ހަމައެކަނި ބޭރުފުށަށް ބެލި ނަމަވެސް ނަމާދަށް މާކްސް ލިބުމުގައި ވުޟޫކުރުމުގެ ފުރިހަމަކަންވެސް ހިމެނޭނެއެވެ. ނަމާދަށް އަވަސްވެގަތް މިންވަރު ހިމެނެއެވެ. ނަމާދަށް ތައްޔާރުވި މިންވަރު ހިމެނެއެވެ. ނަމާދަށް ދާން ކުރި މަސައްކަތް ހިމެނެއެވެ. އެކަން އެނގެނީ މޙަދީޘްފުޅުގައިވާފަދައިން އެންމެ ކުޑަމިނުން މިސްކިތަށް ދިއުމަށް އެޅި ފިޔަވަޅަކަށް ޘަވާބު ދެއްވަވާތީއެވެ. އަދި ކީއްހެއްޔެވެ؟ އެނބުރި ގެއަށް ދިއުމަށްވެސްމެއެވެ. 
It was narrated that Ubayy ibn Ka’b (may Allaah be pleased with him) said: There was a man, and I do not know of any man who lived further away from the mosque than he did, but he never missed a prayer. It was said – or I said – to him: Why don’t you buy a donkey that you can ride when it is dark or when the sand is too hot? He said: I would not like my house to be next to the mosque. I want my walking to the mosque and my returning when I come back to my family, to be recorded for me. The Messenger of Allaah (peace and blessings of Allaah be upon him) said: “Allaah has gathered all that (reward) for you.” Narrated by Muslim, 663.   
އަދި ކީއްހެއްޔެވެ؟ ނަމާދަށްދާން ލައިގެން ހުރި ފޭރާމުގެ ސާފުތާހިރުކަމާއި ނަމާދުކުރުމަށް އެކަށީގެންވާ ފޭރާމަކަށްވުން ވެސް (އެމީހާގެ ކިބައިގައި ކުޅަދާނަކަން ހުރި މިންވަރަކުން) ހިމެނެއެވެ. އަދި ކުޅަދާނަކަންހުރިނަމަ ހުވަނދުލައި މީރުވަސް ދުއްވުމަކީވެސް ހަމަ ކިރައިލެވޭނެ ކަންކަމެވެ.  
ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ފުރަތަމަ ސުވާލު ކުރެވިގެންދާނީ ނަމާދާއިބެހޭގޮތުންކަން އެންމެންނަށްވެސް އެނގޭނެއެވެ. ނަމަވެސް ބައެއް މީހުންނަށް އޮޅުން އަރަނީ މިފަދަ ކަންކަމާއިމެދުގައެވެ.  
ލޮބެތި އަޚުންނާއި އުޚުތުންނޭވެ! ބަންގީގެ އަޑު އިވޭ ހިސާބުން އެވަނީ މަސައްކަތަށް ފަށަންޖެހިފައެވެ. ބަންގިއަށް ޢިޖާބްދޭންޖެހެއެވެ. ބަންގި ނިމުމުން ދުޢާކުރަންޖެހެއެވެ. ދުޢާގައި ކިޔޭ ތަކެއްޗާއިމެދު ވިސްނަންވެސް ޖެހެއެވެ. އެއަށްފަހު ސުންނަތާއި އެއްގޮތަށް ސަފުހަދަން ޖެހެއެވެ. ޙަރަމްބަންނަނީ ﷲ ތަޢާލާއީ އެންމެ މަތިވެރި ފަރާތްކަމާއި ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށްކަން ހިތް މައްޗަށް ގެނެސް الله أكبرކިޔަމުންނެވެ.  
ނަމާދަށް ފެށުމަށްފަހު އޮތީ ޚުޝޫއަތްތެރިވި މިންވަރެވެ. ނަމާދަށް ޚުޝޫޢަތްތެރި ނުވެވޭނަމަ ކުރާ ނަމާދުގެ ފައިދާއެއް ނެތެވެ. އެއީ ކުރި ނަމާދެއްކަމަށް ލިޔުއްވަވާނެކަމުގެ އެއްވެސް އުންމީދެއް ނެތެވެ. މިއީ ހުރިހާ އިލްމުވެރިންވެސް ބަޔާންކުރައްވަމުން ގެންދަވާ ކަމެކެވެ. އެންމެ ގިނައިން ހަނދާންކޮށްދެވޭ ކަންތައް ކަމަށްވެސް ވާނެއެވެ.  
މީސްތަކުންނޭވެ! މިކަންކަމުންވެސް އެނގިގެން މިދަނީ ނަމާދަށް ތައްޔާރުވާންޖެހޭ މިންވަރާއި ނަމާދަށް އިސްކަންދޭން ޖެހޭ މިންވަރެވެ. ނަމާދަށްވުރެ ސަމާލުކަން ދޭން ޖެހޭނެ އެހެން އެއްވެސް ކަމެއް ނެތްއިރު ދެން އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ ޖަމާއަތުގައި ނަމާދުކުރަން ޖެހޭނެ އެވެ. ބަންގި ގޮވުމުން އޮތީ އެކަމަށް އަވަސްވެގަތުމެވެ. އަދި އެންމެ މުހިންމު ކަމަކީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުމެވެ.  
ގިނަ މީހުންނަށް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުނުކުރެވޭ އެއް ސަބަބަކީ ކުރިއާލައި ތައްޔާރު ނުވެ ޙަރަމްބަނުމެވެ. ކުރިން މިބަޔާންކުރި ފަދައިން ނަމާދާއި ގުޅުންހުރި ހުރިހާ މަރުހަލާތަކެއްގައިވެސް ނަމާދަށް ފުރިހަމައަށް ތައްޔާރުވެވޭނަމަ ޚުޝޫޢަތްތެރިވެވޭ މިންވަރު އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން   
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ