ހައުސިން މަޝްރޫއުތަކަށް ކޮންޓްރެކްޓަރުން ހޯދަން އަންނަ ހަފްތާގައި ހުޅުވައިލަނީ

އަތޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ހައުސިން މަޝްރޫއުތަކަށް ކޮންޓްރެކްޓަރުން ހޯދުމަށް ކުރިއަށް އޮތް ހަފްތާ ތެރޭ ހުޅުވައިލުމަށް ތައްޔާރުވަމުންދާ ކަމުގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައީސް މިހާރު ރ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.
މިނިސްޓަރު ވިދާޅުވީ އެއްފަހަރާ އެތަށް ހާސް ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއުއަށް ކޮންޓްރެކްޓަރުން ހޯދުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، އެގޮތުން، ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެކަމާ ގުޅޭ ޓެކްނިކަލް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
މި ފުރުސަތު ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކަށްވެސް ހުޅުވާލާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އަންނަ ހަފްތާގައި ކޮންޓްރެކްޓަރުން ހޯދުމަށް ހުޅުވައިލުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މަޝްރޫއުތަކަށް ހުޅުވައިލުމަށް ހަމަޖެހިފައިވަނީ ފައިނޭންސިންގެ އެކިއެކި ސްކީމްތަކުގެ ތެރެއިންނެވެ.
އެގޮތުން، ބަޖެޓުގެ ތެރެއިންނާއި ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުގެ ތެރެއިންނާއި، ކޮންޓްރެކްޓަރާއި ދައުލަތުގެ ބަޖެޓުން ބައެއް ހިމެނޭގޮތަށް ވެސް މަޝްރޫއުތައް ކުރިއަށް ގެންދަށް ހަމަޖެހިފައިވާއިރު، ބައެއް ޕްރޮޖެކްޓްތަކަށް ލޯނު ފެސިލިޓީވެސް ހޯދާނެ ކަމުގައި މުއްތަލިބް ވިދާޅުވިއެވެ.
ސަރުކާރުން އަތޮޅުތަކުގައި ހިންގުމަށް ކަނޑައަޅާފައިވާ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރުން ހޯދަން މި މަހު އިއުލާން ކުރައްވާނެ ކަން ރައީސް އިއުލާނުކުރެއްވީ ކ.ގުޅީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ