ބޮޑެތި އަދަދުތަކުން ރިޝްވަތު ނަގައިގެން ދިވެހިރާއްޖޭގެ 50 އަށް ވުރެ ގިނަ ރަށާއި ފަޅު ވިއްކާލުމަށްފަހު އެ ފައިސާތައް ވަގަށް ނެގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މޭސްތިރި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އާއި އޭނާގެ ބައިވެރިންނަށް ހިމާޔަތް ދޭން ކުރީ ސަރުކާރުން ހެދި އެއްބަސްވުން އުވާލުމަށް ފަހު، އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމަށް ދެއްވީ ވަރުގަދަ މެސެޖެކެވެ.
އެމަނިކުފާނު ދެއްކެވި ވާހަކައަކީ، ބޮޑެތި ކޮރަޕްޝަންތަކުގައި ހިމެނޭ މީހުންގެ މައްސަލަތައް ބެލުމުގެ ވާހަކަ އެވެ. ކޮރަޕްޝަނެއްގެ ތުހުމަތެއްވި ނަމަވެސް އެކަމެއް ހަމަހަމަކަމާއެކު ތަހުގީގު ކުރުމުގެ މުހިންމުކަމުގެ ވާހަކަ އެވެ.
"ޒަމާނުއްސުރެން މިގައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ މިގައުމުން ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދު ވެސް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހަމަހަމަކަމާއެކު އަމަލުކުރެވިގެން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖެނުއަރީ 19، ގައި ރައީސް ވިދާޅުވި އެވެ.
ރައީސްގެ އެ ވާހަކައާ އެއްގޮތަށް އަމަލު ކުރައްވާ ނަމަ ކުރައްވަންޖެހިވަޑައިގަންނަވާ ބައިވަރު ކަންކަން އެބަހުއްޓެވެ. އެންމެ ފުރަތަމަ ކަމަކީ، އެމަނިކުފާނަށް އަމާޒުވާ ކޮރަޕްޝަންގެ ތުހުމަތުތައް ބެލުމަށް ފުރުސަތު ދިނުމެވެ.
މި ލިޔުމުގައި މި ގެނެސްދެނީ، ހަމަހަމަކަމާއެކު ކޮރަޕްޝަން އަދި ޖިނާއީ އެހެން ތަހުގީގުތައް ކުރާ ނަމަ، އިސްތިސްނާނުކޮށް ބަލަންޖެހޭ ކަމަށް ފެންނަ، ރައީސް މުއިއްޒަށް އަމާޒުވާ ބައެއް ކޮރަޕްޝަނުގެ މައްސަލަތަކެވެ.
ރައީސް މުއިއްޒުއަށް އަމާޒުވާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އެބަހުއްޓެވެ. ބައެއް ކަންކަމަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ތަހުގީގުކޮށްފައިވާ މައްސަލަތަކެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި ފާހަގަ ކުރެވެނީ، ޗައިނާ ބައެއް ކުންފުނިތަކުން އެމަނިކުފާނުގެ އެކައުންޓަށް ވަދެފައި ހުރި ފައިސާ އެވެ.
ޗައިނާ ފައިސާ
ރައީސް މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު އެ ފައިސާތައް އެމަނިކުފާނުގެ އެކައުންޓަށް ޖަމާ ކުރީ ރާއްޖޭގައި ބައެއް ޕްރޮޖެކްޓުތައް ހިންގަމުން އައި ކުންފުނިތަކަކުންނެވެ. އެއީ އެއީ ހުނާން ނަންބަރު 6 އިންޖިނިއަރިން އާއި ހުނާން ރުއިން ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި ވިން ރަން ހޮންކޮންގް އިންޓަނޭޝަނަލް ޓްރޭޑިން ލިމިޓެޑެވެ.
އެ ތިން ކުންފުނިން ޖުމުލަ 1.4 މިލިއަން ރުފިޔާ ރައީސް މުއިއްޒުގެ އެކައުންޓަށް ޖަމާ ކުރި އެވެ. އެ ފައިސާ ޖަމާވިކަން ރައީސް މުއިއްޒު އެއްބަސްވެވަޑައިގަންނަވަ އެވެ. ނަމަވެސް އެއީ ނުހައްގު ގޮތުން ހޯދި ފައިސާ ކަމެއް އެމަނިކުފާނު ދެކެވަޑައިނުގަންނަވަ އެވެ. ވިދާޅުވީ އެ ފައިސާއަކީ އެމަނިކުފާނުގެ ބައެއް ޕްރޮޕަޓީސް ކުއްޔަށް ދެއްވައިގެން ހޯދި ފައިސާ ކަމަށެވެ.
"އަޅުގަނޑުގެ ރޯހައުސް ލިބުނު ދުވަހުން ފެށިގެން ކުއްޔަށް ނަގައިގެން ތިބި މީހުންގެ ރެންޓާ އެއްޗެހި ހުރި ރިޕޯޓެއް. ބޭރު ބަޔަކަށް ކުއްޔަށް ދީފައި ހުންނާނީ ތިރީގައި ހުރި ދެ އެޕާޓްމަންޓު. އެ ކުލި އޭގައި އެ ހުރީ،" އެމަނިކުފާނު ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލުގެ މައްސަލަތައް
މާލޭ ސިޓީ ކައުންސިލުގެ މޭޔަރުގެ މަގާމުގައި އެމަނިކުފާނު ހުންނެވި އިރު އެ ކައުންސިލުން ޝައްކުވާ ފަދަ ގޮތަކަށް ބޮޑެތި އެތައް ކަމެއް ހިންގި އެވެ.
އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މާލޭގެ މުހިންމު ހިސާބުތަކުގައި ހުރި ބައެއް ބިންތައް "ނުއަގުގަަައި ވިއްކާލި" މައްސަލަ އެވެ. ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާލެ އާއި ވިލިމާލެއިން ބައެއް ބިންތައް ދިގު މުއްދަތަކަށް ވަރަށް ގިނަ ބިން ދިނެވެ.
ނުއަގުގައި ދިން ބިންތަކުގެ ތަފުސީލެއް މިހާރުގެ މޭޔަރު އާދަމް އާޒިމް ވެސް ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެ މުއާމަލާތްތަކުން ދިވެހި ދައުލަތަށް ގެއްލުނު ފައިސާގެ އަދަދު އެތައް މިލިއަން ރުފިޔާއަކަށް އަރާނެ އެވެ.
ނޫމަޑި މައްސަލައިގައި ކުރެވޭ ތުހުމަތު
ދިވެހިރާއްޖޭގައި ހައުސިން ޔުނިޓުތަކެއް އަޅަން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންޓްސްއާއެކު ސަރުކާރުން ހެދި އެއްބަސްވުން އުވާލި މައްސަލަ އާބިޓްރޭޝަނަށް ވެއްދުމުން ރައީސް މުއިއްޒަކީ އެ މައްސަލައިގައި ހެކިބަސް ދެއްވި އެންމެ މުހިންމު އެއް ބޭފުޅެވެ.
ނޫމަޑިއާއެކު ހެދި އެގްރިމެންޓު ބާތިލު ކުރީ ރައީސް މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގެ ދަށުންނެވެ. އެ އެއްބަސްވުން ބާތިލު ކުރުމުން ނޫމަޑިއަށް ބަދަލެއްގެ ގޮތުގައި 55 މިލިއަން ޑޮލަރު ލިބުނެވެ.
ރައީސް މުއިއްޒު އެ މައްސަލައިގައި ހެކިބަސް ދެއްވީ ނޫމަޑިން ހުށަހެޅި ހެއްކެއްގެ ގޮތުގަ އެވެ. ހެކިބަސް ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެއްބަސްވުން ބާތިލު ކުރީ ގޯސްކޮށް ކަމަށެވެ. ނޫމަޑިއާ އެއްކޮޅަށް ލިބުނު އެންމެ ބޮޑު ހެއްކަކީ އެއީ އެވެ.
އާބިޓްރޭޝަނުގައި ރައީސް މުއިއްޒު ހެއްދެވީ ދޮގު ކަމަށް ވިދާޅުވެ ދިވެހި ދައުލަތުގެ ފަރާތުން އެމަނިކުފާނުގެ މައްޗަށް ޖިނާއީ ދައުވާއެއް ވެސް ކުރި އެވެ. ނަމަވެސް އެ މައްސަލަ ސާބިތެއް ނުވި އެވެ.
މި މައްސަލައިގައި ތަހުގީގު ކުރެވޭނެ އިތުރު ކަންކަން ވެސް ހުންނާނެ ކަމަށް ބެލެވެ އެވެ. ކުންފުންޏާ އެއްކޮޅަށް ބަޔާން ދިނުމުން ނޫމަޑި ކުންފުނީގެ ފަރާތުން ރައީސްއަށް އެއްވެސް ފައިދާއެއް ވެފައިވޭތޯ ބަލަންޖެހެ އެވެ.
އެކައުންޓުގައި ހުރި ގޮތް ނޭނގޭ ފައިސާތައް
ރައީސް މުއިއްޒުގެ އެކައުންޓަށް ޗައިނާ ކުންފުނިތަކުން ވަން ފައިސާތަކުގެ މައްސަލަ ތަހުގީގު ކުރިއިރު ބައެއް އެހެން ފައިސާގެ މައްސަލަތައް ވެސް ތަހުގީގު ކުރި އެވެ.
އޭގެ ތެރޭގައި، ގޮތް ނޭނގޭ ބަޔަކު ޖަމާކޮށްފައި އޮތް 25,599 ޑޮލަރު (394,736.58ރ.) ހިމެނެ އެވެ. އެ ފައިސާ ޖަމާ ކުރީ ކޮން ބައެއްކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓް އަދި ފުލުހުންގެ ތަހުގީގު ވެސް ނުހޯދުނެވެ.
އެއީ ކިހިނެއް، ކޮން ގޮތަކުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ފައިސާއެއްކަން ރައީސް މުއިއްޒު ވެސް މިހާތަނަށް ހާމަ ކުރައްވާފައެއް ނުވެ އެވެ.
ފަހުން ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕެއިނުގެ ޓީމުން ބުނެފައި ވަނީ އެ ފައިސާއަކީ މަހުޖަނު އަހުމަދު ސިޔާމް ދެއްވި އެހީއެއް ކަމަށެވެ. އެހީ ދެއްވީ ހުޅުމާލެއިން ރޯހައުސްއެއް ގަންނަން ދަތިވެގެން ކަމަށް ކެމްޕެއިނު ޓީމުން ބުންޏެވެ. ރޯހައުސް ބައްލަވައިގަތީ 5.9 މިލިއަން ރުފިޔާއަށެވެ.
ދިމްޔާތު އިމާރާތް ކުރަން ނަގުދު ފައިސާއިން ދިން 11 މިލިއަން ރުފިޔާ
ރައީސް މުއިއްޒުގެ ގެ މ. ދިމްޔާތު އިމާރާތް ކުރެއްވީ މުއިއްޒު "އެކި ގޮތްގޮތުން" ހޯއްދެވި ފައިސާއިންނެވެ. ގޯތި އިމާރާތް ކުރަން މޯލްޑިވްސް އިސްލާމިކް ބޭންކުން އެމަނިކުފާނު 39 މިލިއަން ރުފިޔާގެ ލޯނެއް ވެސް ނެންގެވި އެވެ.
ދިމްޔާތުގެ އިމާރާތް ކުރި ކޮންސްޓްރަކްޝަން ކުންފުނި ރަޝީދް ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންއަށް ފައިސާ ދެއްކީ އެކި ޕޭމަންޓުތަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދެއްކީ 13 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 11 މިލިއަން ރުފިޔާ އާރްސީސީއަށް ދީފައި ވަނީ ނަގުދު ފައިސާއިންނެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ރައީސް މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލު ވިދާޅުވީ އާރްސީސީއަށް ދިން ނަގުދު ފައިސާއަކީ 2002 ވަނަ އަހަރުން ފެށިގެން އެމަނިކުފާނު އެއްކުރަމުންދިޔަ ފައިސާ ކަމަށެވެ.
"ގާނޫނާ ހިލާފަށް ހޯއްދަވާފައި ހުރި އެއްވެސް ފައިސާއެއް ނުހުންނާނެ، ޑރ. މުއިއްޒު އަށް އާއިލީ ގޮތުން ލިބިފަ ހުރި ފައިސާގެ ތެރެއިން ބޭންކަން ޖަމާނުކޮށް ހުރި ފައިސާ އަދި އެނގިވަޑައިގަންނަވާނެ ޑރ. މުއިއްޒަކީ 2002 އިން ފެށިގެން އަމިއްލަ މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެއް، އެކަމުން ލިބި ޖަމާނުކޮށް ހުރި ފައިސާ އެއީ [އާރުސީސީއަށް ދެއްކި 11 މިލިއަން ރުފިޔާ] އަކީ،" ސެޕްޓެމްބަރު، 2023، ގައި ތޮލާލް ވިދާޅުވި އެވެ.
ސަބަބުވެރި ބުއްދިއަކުން ވިސްނާ ނަމަ، އެ ފައިސާއަކީ އެމަނިކުފާނު ނަގުދު ފައިސާއިން އެއްކުރައްވަމުން ގެންދެވި ފައިސާކަން ގަބޫލު ކުރަން ދައްޗެވެ. އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް މިހާރު ވެސް ހިންގިދާނެ ކަމަށް ފެނެ އެވެ.
މެންބަރުންނަށް ރައީސް މުއިއްޒު ބައްސަވާ ކަމަށް ބުނާ ރިޝްވަތު
ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސް މުއިއްޒުގެ ފަރާތުން ކޮންމެ މަހަކު ވެސް 50،000ރ. ބައްސަވާ ކަމަށް، އެ ޕާޓީގެ ބައެއް މެންބަރުން ވަނީ މި ނޫހަށް ޔަގީންކޮށްދީފަ އެވެ.
ފައިސާ ކަމަށް ބެލެވޭ އެއްޗެއް އަޅައިގެން، މެންބަރުންނަށް ބެހުމުގެ މަސައްކަތް ކުރަމުންދާ މަންޒަރުގެ ވީޑިއޯއެއް ވެސް މި ނޫހުން ކުރި މަސައްކަތުން ވަނީ ނެގިފަ އެވެ.
ރައީސް މުއިއްޒުގެ ފަރާތުން މެންބަރުންނަށް ފައިސާ ދޭ ވާހަކަ ސަރުކާރުން ދޮގު ކުރެ އެވެ. ނަމަވެސް އެ ފައިސާ ދޭން ސީދާ ރައީސް މުއިއްޒު ވައުދުވި ދުވަހުގެ ވާހަކަތަކާއި ފައިސާ ބެހި އެތައް މަހަކު، ފައިސާ ބެހި ގޮތް މެންބަރުން ވަނީ މި ނޫހާ ހިއްސާކޮށްފަ އެވެ.
ފައިސާ ބެހުމުގައި ތިން ކުށެއް ފާހަގަވެ އެވެ. އެއީ ރިޝްވަތު ބެހުމުގެ ކުށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ ކުށެވެ. އަދި ފަހު ކަމަކީ، ބަހަމުންދާ ފައިސާ ހޯދާ ގޮތެވެ.
އެއީ ވަރަށް ސީރިއަސް ތުހުމަތެކެވެ. އެ ތުހުމަތު އަމާޒުވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށްވާތީ ކުށުގެ ސީރިއަސްކަން އަދި މާ ބޮޑުވެ އެވެ. އެހެންކަމުން މިއީ ވެސް ބޮޑު ތަހުގީގެއް ހިންގަންޖެހޭ މައްސަލައެއް ކަމަށް ފެނެ އެވެ.
~~
ހަމަހަމަކަމާއެކު ކޮރަޕްޝަން ތަހުގީގު ކުރުމަކީ، ތަންފީޒު ކުރަންޖެހޭ މުހިންމު ސިޔާސަތެކެވެ. އެ ހަމަހަމަކަމުގެ ތެރެއިން ރައީސް މުއިއްޒު ވެސް އިސްތިސްނާވެގެން ނުވާނެ އެވެ. އެމަނިކުފާނުގެ މައްޗަށް ކުރެވޭ ޖިނާއީ ކުށްތަކުގެ ތުހުމަތުތައް ފުރިހަމައަށް ތަހުގީގު ކުރެވެންޖެހެ އެވެ. ހަމަހަމަކަމަކީ ވެރިޔާއަށް އަމާޒުވާ ތުހުމަތުތައް ވެސް ބެލުމެވެ.
ކޮރަޕްޝަން ތަހުގީގު ކުރުމުގައި ރައީސް މުއިއްޒު އިސްތިސްނާ ކޮށްގެން ނުވާނެ ކޮރަޕްޝަން ތަހުގީގު ކުރުމުގައި ރައީސް މުއިއްޒު އިސްތިސްނާ ކޮށްގެން ނުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ