އިސްކަން ދޭނީ މާއްދާތަކެއްގެ މުޤައްރަރުތައް މުރާޖަޢާކޮށް، ކޮންޓެންޓްގެ ފެންވަރު ރަނގަޅުކުރުމަށް: ވަޒީރު

މިއަހަރު ތަޢުލީމީ މަންހަޖުގެ ހުރިހާ މާއްދާތަކެއްގެ މުޤައްރަރުތައް މުރާޖަޢާކޮށް، ކޮންޓެންޓްގެ ފެންވަރު ރަނގަޅުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ކީ-ސްޓޭޖް 4 ގެ ޓެކްސްޓް ފޮތްތަކާއި މަސައްކަތު ފޮތްތަކުގެ ޑިޖިޓަލް ކޮންޓެންޓު އެކުލަވާލުމުގެ މަސައްކަތްވެސް ފެށޭނެ ކަމަށެވެ. އަދި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ވަޒަންކުރުމަށް ނެޝަނަލް އެސެސްމެންޓް ފޯ ލާނިންގ އައުޓްކަމްސް (ނާލޯ) މިއަހަރުވެސް ކުރިއަށްގެންދެވޭނެ ކަމަށާއި، އަލަށް ކީސްޓޭޖް-3 އަށްވެސް މި އެސެސްމަންޓް ތަޢާރަފުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އަތޮޅުތަކުގެ 23 ސްކޫލެއްގައި އޭލެވެލް ކިޔަވައިދިނުން ފެށުމާއެކު، އޭލެވެލްއަށް ވަންނަ ދަރިވަރުންގެ އަދަދު 77 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމް އިތުރު ލާރނިންގ ޕާތްވޭސްތަކާއެކު މިއަހަރު އިތުރަށް ފުޅާކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ކޫލް ސްކޫލް ޕްރޮގްރާމްގެ ދަށުން، ސަރުކާރު ސްކޫލުތަކުގެ 3,740 ކްލާސްރޫމް ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭސީކުރެވޭނެ ކަމަށާއި، އާޓިފިޝަލް އިންޓެލިޖެންސް އަދި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އާ އެޑިއުކޭޝަނަލް މެނެޖްމަންޓް ސިސްޓަމެއް ތަޢާރަފުކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ދިރާސީ އަހަރު ރާއްޖޭގެ ސްކޫލުތަކުގައި 90,000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާނެ ކަމަށާއި، 11,000 މުދައްރިސުން އުނގަންނައިދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ