ތިން ބުރީގެ ދާއިމީ މިސްކިތެއް ހިޔާ ސަރަހައްދުގައި އަންނަ މަހު ހުޅުވަނީ ތިން ބުރީގެ ދާއިމީ މިސްކިތެއް ހިޔާ ސަރަހައްދުގައި އަންނަ މަހު ހުޅުވަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތައް ކައިރީގައި ތިން ބުރީގެ ދާއިމީ މިސްކިތެއް އަންނަ މަސް ނިމުމުގެ ކުރިން ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަމާޒު ކަނޑައަޅާފައި ވަނީ މި އަހަރު ނިމުމުގެ ކުރިން މިހާރު މަސައްކަތް ކުރަމުންދާ ވަގުތީ ހުރިހާ މިސްކިތްތަކެއް ހުޅުވުން ކަމަށެވެ.
"ދާއިމީ ތިން ބުރީގެ މިސްކިތެެއް ހިޔާ ޓަވަރުތައް ކައިރީގައި އަންނަ މަހު ފަހުކޮޅު ހުޅުވިގެންދާނެ. އަމާޒަކީ މިއަހަރުގެ ނިޔަލަށް ވަގުތީ ހުރިހާ މިސްކިތްތައް ނިމުމަކަށް ގެނައުން،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކުރަމުން އަންނަ ދާއިމީ ދެ މިސްކިތް ވެސް ހުޅުވާނެ ކަމަށެވެ.
ހިޔާ ސަރަހައްދުގައި އަންނަ މަހު ފަހުކޮޅު މިސްކިތެއް ހުޅުވާނެ ކަމަށް ޝަހީމް ވިދާޅުވިއިރު، އެ ސަރަހައްދަކީ ގިނަ އަދަދަކަށް މީހުން ދިރިއުޅޭ ތަނެކެވެ. ނަމަވެސް އެ ސަރަހައްދުގައި މިވަގުތު ހުންނަނީ ވަގުތީ މިސްކިތަކާއި ދާއިމީ އެއް މިސްކިތެވެ. އެކަމާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ކަންބޮޑުވުން މީގެ ކުރިން ތަކުރާރުކޮށް ފާޅުކޮށްފައިވެ އެވެ.
ހިޔާ ސަރަހައްދުގައި އަޅަމުންދާ ތިން ބުރީގެ މިސްކިތް ހުޅުވުމާއެކު ހިިޔާ ސަރަހައްދުގެ ރައްޔިތުންގެ އެ ކަންބޮޑުވުންތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ