އަވަސްއަރުވާލައިގެން ކޯޓުތަކާ ކުޅެފިނަމަ ބޭރުގެ އެހީއެއް ނުލިބޭނެ، ބިލު ބޭރުކުރަންޖެހޭ: އަޒާން
އަވަސްއަރުވާލައިގެން ކޯޓުތަކާ ކުޅެފިނަމަ، ދިވެހިރާއްޖެއަށް ބޭރުގެ އެހީ ނުލިބިދާނެ ކަމަށާއި އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބިލު ބޭރުކުރަންޖެހޭ ކަމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގު މިއަދު ވިދާޅުވެއްޖެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމުގެ ބިލު މިދިޔަ މަހުގެ 26ވީ ބުދަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެ ބިލު ހަމަ އެ ދުވަހު ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައި، ބިލުގައި ދިރާސާ ކުރަން ޖެހޭ މާ ބޮޑު ކަމެއް ނެތް ކަމަށް ބުނެ އެ ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވިއެވެ. އެ ބިލާ ދެކޮޅަށް އިދިކޮޅު އެމްޑީޕީއާއި ޕީއެންސީގެ ބައެއް މެންބަރުން ވެސް ޚިޔާލު ފާޅުކުރިއެވެ. އޭގެ ތެރެއިން އެއް މެންބަރަކީ އަޒާނެވެ. އަޒާން ވަނީ އެ ބިލު ފާސްކުރުމަށް އަންގައި ޕީއެންސީން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، ވޯޓަށް އެހުމުން ތަޅުމުން ނުކުމެވަޑައިގެންފައެވެ. ފަނޑިޔާރުން ވަކިކުރުމުގެ ބިލާމެދު އަލުން ވިސްނުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވިއިރު މިއަދު އެ ބިލަށް ބަހުސްކުރައްވައި މެންބަރު އަޒާން ވިދާޅުވީ، މީގެ ކުރިން މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް އެ ބިލުގައި ގާނޫނީއަސާސީއާ ޚިލާފު ބައެއް މާއްދާތައް ހުރިކަމަށް ލަފާދެއްވި ކަމަށެވެ. އަދި މި މަޖިލީހުން ބިލު ފާސްކޮށްފައި ފޮނުވި ފަހުން ދައުލަތުގެ ބަންޑާރަނައިބު، ރައީސުލްޖުމްޙޫރިއްޔާއަށް ލަފާ ދެއްވީ މި ބިލުގެ ބައެއް މާއްދާތައް ގާނޫނީއަސާސީއާ ފުށުއަރާކަމަށް ކަމަށް އަޒާން ވިދާޅުވިއެވެ. އެހެންކަމުން އެ ބިލާމެދު ވާންޖެހޭ ގޮތް ވަރަށް ސާފު ކަމަށާއި އޭނާއަށް ފެންނަނީ އެ ބިލު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލަން ކަމަށް އަޒާން ވިދާޅުވިއެވެ. އިއްޒަތްތެރި ރައީސް، ކޯޓުތައް، ފަނޑިޔާރުގެތައް އިސްލާހުކުރަން ޖެހޭކަން އަޅުގަނޑު ވެސް ގަބޫލުކުރަން. އެއީ މި ރާއްޖޭގެ އެންމެން ވެސް ގަބޫލުކުރާ ކަމެއް. އެހެންނަމަވެސް، އަޅުގަނޑުމެން އެކަމެއް ކުރާއިރު އެކަމެއް ކުރަންޖެހޭނީ އެއްވެސް ބަޔަކަށް އެކަމާ މެދު ފާޑުނުކިޔޭ ގޮތަށް، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު އަޒާން ވިދާޅުވީ، ފާއިތުވެ ދިޔަ 15 ވަރަކަށް އަހަރުތެރޭ މީގެ ކުރީގެ ވެރިކަންތަކުގައި އަވަސްއަރުވާލައިގެން ފަނޑިޔާރުގެއާ ކުޅެފައި އެބަހުރި ކަމަށެވެ. ނަމަވެސް، މި ސަރުކާރަކުން އަނެއްކާ ވެސް އެކަން ތަކުރާރުކުރާކަށް ނުޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން -- ފޮޓޯ/ ރައީސް އޮފީސް ޚާއްސަކޮށް މި ދަނޑިވަޅަކީ ދިވެހިރާއްޖެ ބޭރު ގައުމުތަކުގެ އެހީއަށް ބޭނުންޖެހިފައި އޮތް ދަނޑިވަޅެއް ކަމަށާއި ބޭރުގެ މާލީ އިދާރާތަކުގެ އެހީއަށް ރާއްޖެ މި އޮތީ ނުހަނު ބޭނުންޖެހިފައި ކަމަށް އަޒާން ވިދާޅުވިއެވެ. އަދި، އަންނަ އަހަރު ދަރަނީގެ ގޮތުގައި ރާއްޖެއިން އެއް ބިލިއަން ޑޮލަރު ދައްކަންޖެހޭއިރު އެ ކަންތައްތައް ކުރެވޭނީ ބޭރު ގައުމުތަކުގެ އެހީތެރިކަމާ ވެސް އެކު ކަމަށް އަޒާން ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ރޭޓިން އެޖެންސީތަކުން ފަނޑިޔާރުގޭގެ މިނިވަންކަމަށާއި، ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ބަލާކަމަށް އަޒާން ވިދާޅުވިއެވެ. މިގޮތަށް އަޅުގަނޑުމެން އަވަސް އަރުވާލައިގެން ފަނޑިޔާރުގެއާއި އެހެން ތަންތަނާ ކުޅެންވެއްޖެނަމަ، ރޭޓިން ދެން ދެއްވާއިރު ރާއްޖެއަށް ދެއްވާނީ ޑީ ރޭޓިން. އެހެންވެއްޖިއްޔާ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ. ޚާއްސަކޮށް، މުހިންމު ޕްރޮޖެކްޓުތައް ހިންގުމަށް ބޭނުންވާ ފައިނޭންސް ނުލިބިދާނެ، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު އަޒާންއާއި ޕީއެންސީގެ ބައެއް އެހެން މެންބަރުން ވެސް ދެކޮޅު ހަދަނިކޮށް މިއަދު އަނެއްކާ ވެސް އެ ބިލު ވަނީ ބޭރުކުރުމުގެ ބަދަލުގައި ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައެވެ. ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ އަލުން ބިލު އެކަމާ ގުޅުން ހުރި ކޮމިޓީއަށް ފޮނުވުމަށް ހުށަހަޅުއްވައިފައެވެ. މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު ވަނީ އެ ހުށަހެޅުމަށް ތާއީދުކުރައްވައިފައެވެ. އެ ހުށަހެޅުމަށް ވޯޓު ނެގިއިރު 50 މެންބަރުން ވަނީ ހުށަހެޅުން ފާސްކުރުމަށް ވޯޓު ދެއްވައިފައެވެ. ދެކޮޅަށް ވޯޓުދެއްވީ ހަތް މެންބަރުންނެވެ. އޭގެ ތެރޭގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް ހިމެނެއެވެ. ބަހުސްގެ ވަގުތުގައި އެ ބިލާ ދެކޮޅަށް ބަހުސްކުރެއްވި ޕީއެންސީގެ ދެ މެންބަރުން ކަމަށްވާ އަޒާނާއި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މީގެކުރިން އެ ބިލަށް އަޒާން ވޯޓު ނުދިނުމުން ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ ސްޓިއަރިން ކޮމިޓިން ވަނީ އަޒާންގެ އަމަލުތައް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އަދި ޕީއެންސީގެ މަޖިލިސް ވަޓްސްއެޕް ގްރޫޕުން އޭނާ ވަކިކޮސްފައި ވާއިރު، އަޒާން ހިމެނިވަޑައިގަންނަވާ މުހިންމު ކޮމެޓީތައް ކަމަށްވާ, މާލިއްޔަތު ކޮމިޓީންނާއި، ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވެސް ވަނީ އޭނާ ވަކިކުރައްވާފައެވެ. އޭގެ ފަހުން، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް ވަނީ މިއީ އެއްވެސް ހާލަތެއްގައި އަޒާނަށް އަދަބެއް ދިނުމަށް އޭނާއާ މެދު އެޅި ފިޔަވަޅެއް ނޫންކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ