އިންޑިއާ އަސްކަރިއްޔާގެ ޖާސޫސީ އުޅަނދެއް ރާއްޖެ މަތިން ދުއްވައިފި އިންޑިއާ އަސްކަރިއްޔާގެ ޖާސޫސީ އުޅަނދެއް ރާއްޖެ މަތިން ދުއްވައިފި

އަވަށްޓެރި އިންޑިއާއިން ޖާސޫސްކުރުމަށް ބޭނުންކުރާ ވައިގެ އުޅަނދެއް ރާއްޖޭގެ ސަރަހައްދަށް ވަދެ، ރާއްޖެ މަތިން ދުއްވައިފި އެވެ.
މިއަދު ރާއްޖޭގެ ސަރަހައްދު މަތިން ދުއްވާފައިވަނީ އިންޑިއާގެ އަސްކަރިއްޔާގެ P-81 Neptune މަރުކާގެ އުޅަނދެކެވެ. މި އުޅަނދުގެ ރަޖިސްޓްރޭޝަން ނަމްބަރަކީ IN329 އެވެ.
ވައިގެ އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުންނާއި އެހެން މަސްދަރުތަކުން މި ނޫހުގެ ޓީމުން ހޯދި މައުލޫމާތު ތަކުން އެނގޭ ގޮތުގައި މި އުޅަނދު ރާއްޖެ މަތިން ދަތުރުކުރީ މިއަދެވެ. އެ ބޯޓު އިންޑިއާގެ އަސްކަރީ މަރުކަޒުން ނައްޓާލީ ހެދުނުގެ ވަގުތެއްގަ އެވެ.
މެންދުރު 12:00 ގައި އެ ބޯޓު އޮތީ އިންޑިއާގެ ގޯއާ ކައިރީގަ އެވެ. އެ ހިސާބުން ފެށިގެން ބޯޓު ދަތުރުކުރީ ރާއްޖެއާ ދިމާލަށެވެ. ރާއްޖޭގެ އީއީޒެޑުގެ ތެރޭގައި އަތޮޅުތަކުގެ އިރުން ދަތުރުކުރުމަށްފަހު ހަވީރު 4:00 ހާއިރު އެ ބޯޓު ވަނީ މާލެއާ ވަރަށް ކައިރިން ދަތުރުކޮށްފަ އެވެ.
އޭރު ބޯޓު އޮތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ 40 ވަރަކަށް ކިލޯމީޓަރު ދުރުގަ އެވެ. ބޯޓު ދަތުރުކުރަމުންދިޔައީ 21،500 ފޫޓު މަތިންނެވެ. އެ ބޯޓު މާލެ ކައިރިއަށް އައީ ވ. އަތޮޅު މަތިން ދުއްވުމަށް ފަހުގަ އެވެ. އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ މަތިން ވެސް ބޯޓު ދުއްވި އެވެ.
އިންޑިއާގެ އްސްކަރިއްޔާގެ ޖާސޫސީ ބޯޓު ރާއްޖެ މަތިން ދަތުކުރިގޮތް ---
މާލެ ކައިރިއަށް އައުމަށްފަހު އެ ބޯޓު ވަނީ އުތުރަށް ދުއްވާ ހއ. އަތޮޅު ބޭރުން ރާއްޖެ ވަށާލާ ރާއްޖޭގެ ހުޅަނގުން ވެސް ދަތުރުކޮށްފަ އެވެ. ޓްރެކް ކުރާ ސައިޓުތަކަށް މި ބޯޓު ގެއްލުނީ މިރޭ އިރުއޮއްސުނު ފަހުން ރާއްޖޭގެ ހުޅަނގުން ދަތުރުކުރަމުން ދަނިކޮށެވެ.
އިންޑިއާ އަސްކަރިއްޔާގެ މި އުޅަނދަކީ ސަބްމެރިންތަކާ ދެކޮޅަށް ބޭނުންކުރުމަށާއި، ސާވޭލެންސް އަދި ޖާސޫސް ކުރުމަށް ބޮއިން އިން އިންޑިއާގެ އަސްކަރިއްޔާއަށް ހާއްސަކޮށް ޑިޒައިން ކޮށްފައިވާ އުޅަނދެކެވެ. ސަބްމެރިން އަދި ކަނޑު އުޅަނދުތަކާ ދެކޮޅަށް ބޮމުގެ ހަމަލާ ދިނުމާއި ބޮން އުފުލުމުގެ ގާބިލުކަން ވެސް މި އުޅަނދަށް ލިބިގެންވެ އެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ ބަހެއް ހޯދުމަށް އެމްއެންޑީއެފް އަށް ގުޅުމުން ބުނީ ޑިފެންސަށް ގުޅުމަށެވެ. ޑިފެންސްގެ މީޑިއާ ޓީމުން ފޯނަށް ޖަވާބެއް ނުދެ އެވެ. އިންޑިއާގެ އޮފިޝަލުން ވެސް މިކަމާ ގުޅިގެން ރަސްމީ ބަހެއް ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ