ދެ އާޒިމުގެ ކޯޅުމެއް ނޫން - ރިޔާސީ ޕްރައިމަރީގެ ރިހާސަލް

ދިވެހިރާއްޖެއާއި އަޅުގަނޑުމެންގެ ދަރިންނާއި ދަރީންގެ ދަރިންގެ މުސްތަގްބަލް ސަލާމަތްކުރަން ކުރާ މަސައްކަތުގައި އަތުގައި ހިފަން ޖެހުނު ކޮންމެ މީހެއްގެ އަތުގައި ހިފުމަކީ ވަރަށް ރަނަގަޅު ކަމެކެވެ. އެކަމަކު އެގޮތަށް ބައެއްގެ އަތުގައި ހިފަން ވާނީ އެކުގައި އަތުގައި ހިފައިގެން މަސައްކަތްކުރި އެތައް ބައެއްގެ އަތުން ދޫކޮށްލާފައެއް ނޫނެވެ. 
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު ބައެއްގެ އަތުގައި ހިއްޕެވީ އެކުގައި އުޅުނު އެތައް ބައެއްގެ އަތުން ދޫކޮށްލައްވާފައެވެ. ޒާތީ ތައައްސުބުން ފޯވެ ހަލާކުވެފައިވާ ބައެއްގެ އަތުގައި ހިއްޕެވީ ވީހާލެއްގައި ވެގެން އުޅުނު އެތައް ބައެއްގެ ހިތުގައިޖައްސާ އެ މީހުންގެ އިހުސާސްތައް  އެއްފަރާތް ކޮށްލެއްވުމަށް ފަހުގައެވެ. 
އެމްޑީޕީގައި ލަމުންއައި ރެނދު ފޭވެ ފަޅައިގެން ދިޔައީ ހިންގާލަން ނިކުތް ޓީމާއި ތިލަފަތުގެ ރަމްޒު ޓީމްގެ ގަދަ ހިފުމުގެ ތެރެއިންނެވެ. ހިންގާލާ ޓީމުގެ މުގުލަކީ ރައީސް ސޯލިހެވެ. ކުރި ބޯއްޓަކީ ފައްޔާޒް އިސްމާއީލެވެ. ތިލަފަތުގެ ރަމްޒުގެ މުގުލުގައި ހުންނެވީ ރައީސް ނަޝީދެވެ. ކުރި ބޯއްޓަކީ އިމްތިޔާޒް ފަހުމީއެވެ. ވާދަކުރީ ޗެއަރޕާސަން ކަމަށެވެ. 
ފައްޔާޒުގެ ހިންގާލާ ޓީމު މެޗުން މޮޅުވުމުން ތިލަފަތުގެ ރަމްޒު ޓީމް ދަނޑުން ފައިބައިގެން ދިޔައީ ނިކަން ހުތުރު ކޮށެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު ގެއްލުނީ އެ ކޯޅުމުގެ ތެރެއިންނެވެ.
އެމްޑީޕީ ނޫން ގޮތެއް ހޯދަން އެމްޑީޕީން ނިކުތް މީހުން ޗެއަރޕާސަން ފައްޔާޒު އިސްވެ ހުންނަވާ އަނބުރާ ގެނެސްގެން މުޅި އެމްޑީޕީ އެއްގަލަށް އެެރުވުނު ތަނެއް ނުފެނުނެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމަށްވުރެ ބޮޑަށް މިއަދުވެސް ފެންނަނީ ބާރަށްޓަކައި ބަގުޑި ބައްދާ މަންޒަރެވެ. 2028ގެ ރިޔާސީ ޓިކެޓާ ހިފާތަނެވެ. ބައިބައިވުމެވެ. ހިޔާލު ތަފާތުވުމުގެ ތެރެއިން ހިޔާލު އެއްގޮތްކޮށް ގޮތްދޫކުރާތަނެއް ނުފެނެއެވެ. 
ފައްޔާޒުގެ ޗެއަރޕާސަންކަމުގައި ހުންނަވަނިކޮށް އެމްޑީޕީގެ ޓިކެޓްގައި މާލެސިޓީ ކައުންސިލަށް އިންތިހާބުވި އެތައް ބަޔަކު ހުވާވެސް ނުކުރަނީސް ޕީއެންސީއަށް ސޮއިކޮށް ވަނީ ޕާޓީ ބަދަލުކޮށްފައެވެ. އެހެނެކޭ ކިޔާ ކުރެވުނު ކަމެއް ނެތެވެ. އޭރަކުވެސް މިހާރަކުވެސް ނެތެވެ. އެހެނަސް އެމްޑީޕީގެ އެންމެ ކައުންސިލަރަކު ނެތި މޭޔަރ އާދަމް އާޒިމް މާލެސިޓީއަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެސްދީ އެމްޑީޕީގެ ނަން ވަނީ ދަމަހައްޓާ ދީފައެވެ. އެކަން އެހެން އޮތްއިރު ދަރިންނާއި ދަރީންގެ ދަރިންގެ މުސްތަގްބަލް ސަލާމަތްކުރަން ކުރާ މަސައްކަތުގައި އަތުގައި ހިފަން ޖެހުނު ކޮންމެ މީހެއްގެ އަތުގައި ހިފަން ތައްޔާރަށް ހުރި މީހަކު އަމިއްލަ ޕާޓީގެ ކާމިޔާބު ސިޓިންގ މޭޔަރު އަތުން ދޫކޮށްލާ ފޭލިކޮށްލަން ނިކުތުމަކީ ކުޑަ އަރަތެއް ނޫނެވެ.
މުޅިން ކުރެހި ސާފުވެ ތިލަވަމުންދާ ބޮޑު މަންޒަރު ވަރަށް ތަފާތެވެ. ކުލަޖެހެމުން އަންނަ ހަގީގީ ބޮޑު މަންޒަރަކީ މޭޔަރ ޕްރައިމަރީއަކީ 2028ގެ ރިޔާސީ ޕްރައިމަރީގެ މައިލް ސްޓޯނަށް ވުމެވެ. މޭޔަރ ޕްރައިމަރީ ދާގޮތަކުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ދާނެގޮތުގެ ތަސައްވަރު ކޮށްލެވޭނެއެވެ. ނަތީޖާއިން އެކަން ފެނިގެން ދާނެއެވެ. އެހެންކަމުން މިހާރު އެމްޑީޕީގައި އެ ހިނގަނިއްޔަކީ ދެ އާޒިމުގެ ކޯޅުމެއް ނޫނެވެ. އެއީ ރިޔާސީ ޕްރައިމަރީގެ ރިހާސަލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ