މަސްވެރިންގެ އިހުތިޖާޖުގެ މީހުންނަށް ބަންދު މުއްދަތު ޖެހީ ސަރުކާރުގެ ސިޔާސީ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ އިހުތިޖާޖުން ހައްޔަރުކުރި މީހުންނަށް ބަންދުގެ މުއްދަތު ޖެހީ، ގާނޫނާ ޚިލާފަށް، ސަރުކާރުގެ ސިޔާސީ ނުފޫޒު އޮވެގެން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ތުހުމަތުކޮށްފިއެވެ. މިދިޔަ ބުދަ ދުވަހު ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންތިޒާމުކުރި އިހުތިޖާޖުން ހައްޔަރުކުރި ތިން މީހެއްގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފައެވެ. އެ މީހުންގެ ތެރޭގައި، އެ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް އަދި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހިމެނެއެވެ. އެ ކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނި ގޮތުގައި، އެ އިހުތިޖާޖުން ޖުމުލަ އަށް މީހަކު ފުލުހުން ހައްޔަރުކުރިއެވެ. ގާނޫނާ ހަވާލާދީ އެ ޕާޓީން ބުނީ، ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ 24 ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހޭ ކަމަށެވެ. މާލެ ނެރު ކައިރީގައި ބޮޑު ކަންނެލި މަސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން ---- ސަން ފޮޓޯ/ މޫސާ ނަދީމް ނަމަވެސް، ބަންދުގެ މުއްދަތު ޖަހަން ހާޒިރުކުރީ ހަތަރު މީހުން ކަން ފާހަގަކޮށް އެމްޑީޕީން ވަނީ، އިތުރު ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުނުކޮށް، ބަންދުގައި ބައިތިއްބާފައިވަނީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ތުހުމަތުކޮށްފައެވެ. އިއްޔެ ބަންދުގެ މުއްދަތު ޖެހި މީހުންނަށް އިޝާރާތްކޮށް، އެ ބަޔާނުގައި ވަނީ، އެ މީހުންނަށް ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ހުރި ކަމަށް އިއްޔެގެ އަޑުއެހުމުގައި ސާފުކޮށް ފުލުހުންނަށް ބުނެދެވިފައެއް ނުވާ ކަމަށެވެ. އޭގެއިތުރުން، ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކުރީ، ގާނޫނުއަސާސީއާއީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް، އާއްމުކޮށް ކޯޓުން ޢަމަލުކުރަމުން އަންނަ އުސޫލާ ވެސް ޚިލާފަށް ކަމަށް އެ ޕާޓީން ތުހުމަތުކުރެއެވެ. "މިއީ، ގާނޫނުއަސާސީއާ ޚިލާފަށް އަދި ސަރުކާރުގެ ސިޔާސީ ނުފޫޒުގެ ސަބަބުން ނިންމި ނިންމުމެއް ކަމުގައި ވީތީ، އެ ކަން މި ޕާޓީން ކުށްވެރިކުރަން،" އެމްޑީޕީން ބުނެފައިވެއެވެ. އެމްޑީޕީން ވަނީ، އިހުތިޖާޖުން ހައްޔަރުކުރި ހުރިހާ އެންމެން ވަގުތުން މިނިވަން ކުރުމަށް ގޮވާލާފައެވެ. މަސްވެރިންގެ އިހުތިޖާޖުގައި އިސްކޮށް އުޅުނު މައުރޫފް ހައްޔަރުކުރުން: އޭނަގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައި -- ފޮޓޯ/ ރާއްޖެ ޓީޥީ ފާހަގަކުރެވޭ ގޮތުގައި، އެ އިހުތިޖާޖުން ހައްޔަރުކުރި ހަތަރު ބިދޭސީއަކު ފުލުހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. އިހުތިޖާޖާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން ދޯނި ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި، ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވަނީ އެ ދޯނިތަކުގައި ތިބި ފަރާތްތަކާ ދޯނި ހަވާލުކުރުމަށްފަހު ކަމަށް ވަނީ ބުނެފައެވެ. https://sun.mv/215221 މަސްވެރިންގެ ދުވަހާ ގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިހުތިޖާޖު ފެށީ، މިދިޔަ ބުދަ ދުވަހުގެ ހެނދުނު 09:00 ޖަހާއިރެވެ. މާލެ ނެރު ކައިރީގައި އެ އިހުތިޖާޖު ކުރަނިކޮށް، ބައެއް މީހުން ހައްޔަރުކުރުމުން އިހުތިޖާޖު ހޫނުވިއެވެ. އެ އިހުތިޖާޖު އަދި ވެސް އެއްގަމުގައި މަސްވެރިން އަންނަނީ ކުރަމުންނެވެ. އެ ޔޫނިއަނުން އަންނަނީ, ކަންނެލި ގަނެ، މާކެޓު ކޮށްގެން ފައިސާ ހޯދައިދިނުމަށް ސަރުކާރުން ވީ ވައުދު ނުފުއްދާ ކަމަށާއި ސަރުކާރުގެ ވާހަކައާ އަމަލާ ދިމާނުވާ ކަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ