ޕެރިސް (ނޮވެމްބަރު 26) - މަނާބޭހުގެ މައްސަލައެއްގައި، ކުޅުމާ ދުރުގައި 811 ދުވަސް ވަންދެން ހުރުމަށް ފަހު، ދާދި ފަހުން، ފްރެންޗް ލީގުގައި، މޮނާކޯ ޓީމަށް ކުޅެން ފެށި، މިޑްފީލްޑަރު، ޕައުލް ޕޮގްބާގެ މައިގަނޑު ޓާގެޓަކީ، އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ފްރާންސް ފުޓްބޯޅަ ޓީމުގެ ސްކޮޑުން ޖާގަ ހޯދުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕޮގްބާ، 32، އަހަރަކަށް ވުރެން ގިނަ ދުވަސް ފަހުން ކުޅުމަށް އެނބުރި އައި މެޗުގައި، އޭނާ ކުޅެމުން އަންނަ މޮނާކޯ، މި ހަފްތާގަައި ފްރެެންޗް ލީގުގައި ރެން އަތުން 4-1 އިން ބަލިިވިއިރު، އެ މެޗުގައި ޕޮގްބާ، ކުޅެން ނުކުރީ 85 ވަނަ މިނިޓްގަ އެވެ.
ދެ ފަހަރެއްގެ މަތިން، ޕޮގްބާ، މި ސީޒަނުގައި މީގެ ކުރިން ކުޅެން ނުުކުންނަން ތާރީހެއް ކަނޑައެޅި ނަމަވެސް، އަނިޔާއާ ހެދި ލަސްވީ އެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ އެކަޑަމީއިން ވިދާލި ޕޮގްބާ ވަނީ އެ ޓީމަށާއި އިޓަލީގެ ޔުވެންޓަސް އަށް ދެ ފަހަރެއްގެ މަތިން ކުޅެފަ އެވެ. މަނާ ބޭހުގެ މައްސަލާގައި އޭނާ ފުރަތަމަ ވަގުތީ ގޮތުން ސަސްޕެންޑުކުރީ 2023 ގެ ސެޕްޓެމްބަރު މަހު އެވެ.
ވަގުތީ ސަސްޕެންޝަނުގައި ހުއްޓާ ދެ ވަނަ ފަހަރަށް ނެގި ސާމްޕަލް ވެސް ވަނީ، މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ޓެސްޓޯސްޓެރޯން އަށް ޕޮޒިޓިވްވެފަ އެވެ. އެއާއެކު ޕޮގްބާ އަށް ހަތަރު އަހަރުގެ ސަސްޕެންޝަނެއް އައި ނަމަވެސް ޕޮގްބާގެ ފަރާތުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)ގައި ޕޮގްބާގެ ފަރާތުން ރަޖިސްޓްރީކޮށް، ކުރިއަށްގެންދިޔައިރު، ކާސް އިން ނިންމީ ޕޮގްބާގެ ސަސްޕެންޝަން 18 މަސް ދުވަަހަށް ކުޑަކޮށްދިނުމަށެވެ. މަނާބޭހަށް ސަސްޕެންޑްކުރިއިރު، ޕޮގްބާ، ޔުވެންޓަސް ކޮންޓްރެކްޓްގައި ހުރި ނަމަވެސް، މިދިޔަ އަހަރު ނޮވެމްބަރު މަހު، އެ ޓީމުން ވަނީ އެ އެއްބަސްވުން އުވާލައިފަ އެެވެ. މޮނާކޯއާ ގުޅުމަށް ފަހު، ޕޮގްބާގެ އެންމެ ބޮޑު ޓާގެޓަކީ، އަންނަ އަހަރުގެ ވޯލްޑް ކަޕަށް ދާ ފްރާންސް ސްކޮޑުން ޖާގަ ހޯދުމެވެ.
ސަސްޕެންޝަނުން އައިސް ކުޅުނު ފުރަތަމަ މެޗުގައި ޕޮގްބާ ގާތުގައި، ފްރާންސް ސްކޮޑުން ޖާގަ ހޯދުމާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ ބުނީ، އަދި، އެ ވާހަކަތައް ދައްކަން އަވަސް ކަމަށެވެ. އެކަމަކު، މޮނާކޯގެ ފުލްބެކް، ޖޯޑަން ޓެޒޭ ވަނީ، ފްރާންސްގެ ގައުމީ ޓީމުން ވީ އެންމެ އަވަހަށް ޖާގަ ހޯދަން ޕޮގްބާ އަންނަނީ ވަރަށް މަސައްކަތް ކުރަމުން ކަމަށް ބުނެފަ އެވެ.
ޒުވާން އުމުރުގައި ފްރާންސާ އެކު، 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޕޮގްބާ ވަނީ، ފްރާންސް ސީނިއާ ޓީމަށް ކުޅުނު 91 މެޗުގައި، އެ ޓީމާ އެކު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2021 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ.
ޕޮގްބާގެ ޓާގެޓަކީ ފްރާންސްގެ ވޯލްޑް ކަޕް ސްކޮޑުން ޖާގަ ހޯދުން ޕޮގްބާގެ ޓާގެޓަކީ ފްރާންސްގެ ވޯލްޑް ކަޕް ސްކޮޑުން ޖާގަ ހޯދުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ