ފަށްކުރުމެއް-: ދާވުދުގެފާނުގެ ވާހަކަ- 3: ދާވުދުގެފާނުގެ އާމްދަނީގެ ވަސީލަތް

ޢަލީ އިޙްޞާން ފިރާޤް
 
ދާވުދުގެފާނުގެ އާމްދަނީގެ ވަސީލަތް؛ 
داود عليه السّلام  އެކަލޭގެފާނުގެ ހުރިހާ ބޭނުންފުޅުތަކެއް ފުރިހަމަ ކުރައްވަމުންގެންދެވީ އެކަލޭގެފާނުގެ އަތްޕުޅުން ކުރައްވަމުންގެ ގެންދެވި މަސައްކަތްޕުޅުން ލިބިވަޑައިގަންނަވަމުން ގެންދެވި އެއްޗަކުންނެވެ. އެކަލޭގެފާނު ޢާންމުކޮށް ކުރައްވަމުން ގެންދެވީ ހަނގުރާމައިގައި ބޭނުން ކުރާ ދަގަނޑު ދަހަނާ ހެއްދެވުމުގެ މަސައްކަތްޕުޅާއި ބަކަރި ހުއިހެއްޕެވުމުގެ މަސައްކަތްޕުޅެވެ. ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުންވެސް ދަލީލު ލިބެނީ މިގޮތަށެވެ.  ސަބާ ސޫރަތުގެ 10 ވަނަ އާޔަތުގަ އާއި 11 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَلَقَدْ آتَيْنَا دَاوُودَ مِنَّا فَضْلًا ۖ يَا جِبَالُ أَوِّبِي مَعَهُ وَالطَّيْرَ ۖ وَأَلَنَّا لَهُ الْحَدِيدَ ﴿١٠﴾ أَنِ اعْمَلْ سَابِغَاتٍ وَقَدِّرْ فِي السَّرْدِ ۖوَاعْمَلُوا صَالِحًا ۖ إِنِّي بِمَا تَعْمَلُونَ بَصِيرٌ ﴿١١﴾
މާނައީ: [އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ داود ގެފާނަށް ތިމަންރަސްކަލާނގެ حضرة ން فضل ވަންތަކަން (އެބަހީ: ނަބީކަމާއި ފޮތް) ދެއްވީމެވެ. (އަދި ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ.) އޭ ފަރުބަދަތަކާއެވެ! އެކަލޭގެފާނާއެކު ތިޔަ ފަރުބަދަތައް تسبيح ކިޔާށެވެ! އަދި ދޫނިސޫފާސޫތްޕާ އެކުގައެވެ. އަދި އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ދަގަނޑު، މަޑުއެއްޗަކަށް ހެއްދެވީމެވެ. (ތިމަންރަސްކަލާނގެ އެކަލޭގެފާނަށް وحى ކުރެއްވީމެވެ.) ތިމާމެންގެ ހަށިތައް ނިވައިކޮށް ރައްކާތެރިކުރާ ދަހަނާތައް ހައްދަވާށެވެ! އަދި ދަހަނާތައް ހެއްދެވުމުގައި، މިންތައް ބައްލަވައި، ރަނގަޅަށް ހަމަކުރައްވާށެވެ! އަދި ތިޔަބައިމީހުން صالح عمل ކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.]
ދާވުދުގެފާނު ދަގަނޑުދަހަނާ ހެއްދެވި ވާހަކަ އަންބިޔާއު ސޫރަތުގެ 80 ވަނަ އާޔަތުގައި މާތްﷲ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
وَعَلَّمْنَاهُ صَنْعَةَ لَبُوسٍ لَّكُمْ لِتُحْصِنَكُم مِّن بَأْسِكُمْ ۖ فَهَلْ أَنتُمْ شَاكِرُونَ ﴿٨٠﴾
މާނައީ: [އަދި ހަނގުރާމައިގައި، ތިޔަބައިމީހުން ރައްކާތެރިކުރުމަށް، ތިޔަބައިމީހުންނަށްޓަކައި، ދަހަނާހަދާނޭގޮތް ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އުނގަންނައިދެއްވީމެވެ. ފަހެ، ތިޔަބައިމީހުންނީ شكر ކުރާ ބަޔެއް ހެއްޔެވެ؟]
އަލްޙާފިޡު އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. ޙަސަނުލް ބަޞަރީ އާއި ޤަތާދާ ވިދާޅުވެފައިވެއެވެ. [މާތްالله ދާވޫދުގެފާނުގެ އަތްޕުޅު މަތީގައި ދަގަނޑު މަޑު ކުރެއްވިއެވެ. އެކަލޭގެފާނަށް ދަގަނޑުން އެއްޗެހި ހައްދަވާއިރު، އަލިފާނަށްލައި ދޮންކޮށް މަޑުކުރާކަށް އަދި މަރުތޭލަކުން ތަޅައި ބޭނުންފުޅު ސިފައެއް ޖެއްސުމަކަށް ޖެހިވަޑައެއް ނުގަންނައެވެ. އެންމެ ފުރަތަމަ ދަގަނޑު ދަހަނާ ހެއްދެވި ބޭކަލަކީ ދާވޫދުގެފާނެވެ.] އިބްނު ޝައުޒަބު ވިދާޅުވެފައިވެއެވެ. [ދާވޫދުގެފާނު ކޮންމެ ދުވަހަކު ވެސް ދަގަނޑު ދަހަނާއެއް ހައްދަވައެވެ. އެކަލޭގެފާނު އެދަހަނާ ވިއްކަވަނީ ހަހާސް ދިރުހަމަށެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 302-303}
އިބްނު އަޝާކިރު ރިވާކުރައްވާފައިވެއެވެ. داود عليه السّلام އަށް ރަސްކަން ލިބިވަޑައިގެންނެވުމުން، އެކަލޭގެފާނު ސިފަފުޅު ބަދަލުކުރައްވައިގެން މީސްތަކުންގެ ތެރެއަށް ނުކުމެވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ރައްޔިތުންނާއި ރަށަށްއަރާ ބިދޭސީންކުރެ داود عليه السّلام އަކީ ކޮންފަދަ ރަސްކަލެއްތޯ އައްސަވައި އުޅުއްވައެވެ. އެގޮތުން އެކަލޭގެފާނު އައްސަވައި ކޮންމެ ބޭކަލެއްގެ ފަރާތްޕުޅުންވެސް ޖަވާބުގައި އިވިވަޑައިގަންނަވަނީ ތާރީފުގެ ބަސްފުޅުތަކެވެ. އެކަލޭގެފާނު ރަސްކަންކުރައްވާލެއް ޢަދުލުވެރިކަމާއި ހެޔޮފުޅުކަމުގެ ވާހަކަތަކެވެ. އެއްވެސް ފަރާތަކުން އެކަލޭގެފާނު އިޞްލާޙު ކުރަންޖެހޭ ފަދަކަމެއްގެ ވާހަކައެއް ނުދަންނަވައެވެ. 
އެއްފަހަރަކު މަލާއިކަތްބޭކަލަކު އިންސާނެއްގެ ސިފައިގައި داود عليه السّلام ގެ އަރިހަށް  ވަޑައިގެންނެވިއެވެ. މި މަލާއިކަތާއާ ބައްދަލުވެވަޑައިގެންނެވުމުން داود عليه السّلام އެހެން މީސްތަކުންގެ އަރިހުގައި ކުރައްވާ ސުވާލުކުރެއްވިއެވެ. އެމަލާއިކަތާ ޖަވާބުދެއްވިއެވެ. [ދާވުދުގެފާނަކީ ވަރަށް ރަނގަޅު ބޭކަލެކެވެ. އެކަލޭގެފާނުގެ ގައިކޮޅުގައި އެއް އުނިސިފަނެތްނަމަ އެކަލޭގެފާނު ވެޑައިގަންނަވާނީ ފުރިހަމަ އިންސާނަކަށެވެ.] داود عليه السّلام ވިދާޅުވިއެވެ. [އެއީ އަނެއްކާ ކޮންސިފައެއް ހެއްޔެވެ؟] މަލާއިކަތާ ޖަވާބުދެއްވިއެވެ. [އެއީ ދާވުދުގެފާނު އެކަލޭގެފާނާއި އެކަލޭގެފާނުގެ އަނބިދަރީންގެ ޚަރަދުތައް ބައިތުލްމާލުން ނަންގަވާތީއެވެ.]
މިއަޑުއައްސަވައި داود عليه السّلام އަށް އެ މަލައިކަތާ އެ ވިދާޅުވީ ތެދުފުޅެއްކަން އެނގިވަޑައިގެންނެވިއެވެ. އެ ވަގުތު އެކަލޭގެފާނު މާތްﷲ ގެ ޙަޟުރަތުގައި ކީރިތި ކުރައްވަމުން ދެންނެވިއެވެ. [އޭ ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް މިއަޅާއާއި މިއަޅާގެ އަނބިދަރީން ބަނޑުފުރައި މުއްތިކުރެވޭނެފަދަ މަސައްކަތެއް އުނގައްނަވައިދެއްވާފާނދޭވެ.] ދެން މާތްﷲ އެކަލޭގެފާނަށް ދަގަނޑުދަހަނާ ހެދުމުގެ މަސައްކަތް އުގައްނަވައިދެއްވިއެވެ. މިއީ ތާރީޚީ ވާހަކައެކެވެ. ކިހާ ޞައްޙަ ވާހަކައެއްކަމެއް އެނގިފައެއްނުވެއެވެ.
ކުރިންވެސް ދެންނެވުނު ފަދައިން داود عليه السّلام  ފަރީއްކުޅުއްވަނީ އެކަލޭގެފާނު އަމިއްލަފުޅު ދެ އަތްޕުޅުން ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުންނެވެ. ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ صلّى اللّـه عليه وسلّم ވެސް އެކަލޭގެފާނު އުންމަތަށް އިރުޝާދު ދެއްވަމުން ގެންދެވީވެސް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަށެވެ. މިޤުދާމު ބިން މައުދިކަރިބު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
"‏ مَا أَكَلَ أَحَدٌ طَعَامًا قَطُّ خَيْرًا مِنْ أَنْ يَأْكُلَ مِنْ عَمَلِ يَدِهِ، وَإِنَّ نَبِيَّ اللَّهِ دَاوُدَ ـ عَلَيْهِ السَّلاَمُ ـ كَانَ يَأْكُلُ مِنْ عَمَلِ يَدِهِ ‏"‏‏ { صحيح البخاري، كتاب البيوع، باب كَسْبِ الرَّجُلِ وَعَمَلِهِ بِيَدِهِ، ޙަދީޘް ނަންބަރު، 2072}
މާނައީ: [އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ އަތުންކުރާ މަސައްކަތުން ހޯދާ އެއްޗަކަށްވުރެ ރަނގަޅު އެއްޗެއް ކާކަމުގައެއްނުވެއެވެ.  މާތްﷲ ގެ ނަބިއްޔާ داود عليه السّلام  ފަރީއްކުޅުއްވާ އުޅުއްވީ އެކަލޭގެފާނުގެ އަތްޕުޅުން ކުރައްވާ މަސައްކަތުން ލިބިވަޑައިގަންނަވާ އެއްޗަކުންނެވެ.] 
(ދާވޫދުގެފާނުގެ ސިޔަރަތު ވާނީ ކުރިންވެސް ގެނެސްދެވިފައެވެ. އަލުން މިގެނެސްދެނީ ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންގެ ސިޔަރަތު ކިޔުމުން ލިބޭ ފައިދާތައް ގިނަވެފައި ކުރިން ވިދާޅުނުވާ ބޭފުޅުންނަށްވެސް އެކަމުން ފައިދާތަކެއް ކުރާނެތީއެވެ.)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ