ގޭންގުތަކުގައި އުޅުނު މީހުން މިހާރު ކުށް ކުރުން ހުއްޓާލައި، އާދައިގެ ދިރިއުޅުމެއް ހޯދައިފި: ރައީސް

މީގެ ކުރިން ގޭންގުތަކުގައި އުޅުނު މީހުން ކުށް ކުރުން ހުއްޓާލައި، އާދައިގެ ދިރިއުޅުމެއް ހޯދައިފި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ރައީސް ވިދާޅުވީ، ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންނަށް މަރުގެ އަދަބު ދޭން ގާނޫނުގައި ހިމަނާނެ ކަމަށެވެ. އޭގެ ނަތީޖާއަކަށް ވާނީ މަސްތުވާތަކެތީގެ ސަޕްލައި ހުއްޓުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. "ޑުރަގު އެތެރެކޮށް ވިއްކުން، އެ މީހުންނަށް އޮންނާނީ އެންމެ މަތީ އަދަބު، ދެން މީގެއިން މީހުން ސަލަމާތް ކުރާނީ،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ރިހެބިލިޓޭޝަނަށް ފަރުވާ ދިނުން ހަރުދަނާ ކުރާނެ ކަމަށާއި އެގޮތުން މިހާރު ހަދަމުން އަންނަ، މަސްތުވާތަކެތީގެ ފަރުވާ ދޭ މަރުކަޒުތަކާއެކު ޒުވާނުން މި ވަބާއިން ސަލާމަތް ކުރުން އިތުރުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސާއި ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނާއި ހޯމް މިނިސްޓަރު އަލީ އިހުސާން: ގޭންގުތަކުގައި އުޅުނު މީހުން މިހާރު ކުށް ކުރުން ހުއްޓާލައި، އާދައިގެ ދިރިއުޅުމެއް ހޯދައިފި ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް މީގެ އިތުރުން ކުށް މަދުކުރުމަށް މި ސަރުކާރުން، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނެއް ހަދައިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ ގޭންގުތަކުގެ އަދަދު އެ މަނިކުފާނު ހޯމް މިނިސްޓަރު އަލީ އިހުސާން ގާތުގައި އެއްސެވި ކަމަށެވެ. ހޯމް މިނިސްޓަރު ވަރަށް އުފާވެފައި ވިދާޅުވީ މިހާރު ނެތޭ، ތިމަންނަމެން ޕީޖީއަށް ފޮނުވައިގެން، ޕީޖީ ވިދާޅުވެއްޖެއޭ ނެތޭ އަދި ތި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް މިހާރު، ކުރީގައި މި ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި، ގޭންގް ކުށް ހުއްޓާލައިފި، މިހާރު އެ ބޭފުޅުން އެ ކުދިން ޒުވާނުން މިހާރު ވިޔަފާރި ކުރުމާއި އަބުރުވެރި ދިރިއުޅެއް އުޅެވޭތޯ ނޯމަލް ލައިފްއަކަށް ގޮސްފިރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ވިދާޅުވީ، މިހާރު ގޭންގުތަކުގެ ގޮތުގައި ކިޔޭނެ ގުރޫޕުތައް ވަރަށް މަދުވެއްޖެ ކަމަށް އިހުސާން ވިދާޅުވި ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ގޭންގުތަކަށް ހުރަސްތައް އަޅައި ބޮޑެތި އަދަބު ދޭން ކަނޑައެޅީ، ޒުވާނުން ސަލާމަތް ކުރުމަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނު މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހު ފާސްކޮށް، ރައީސް އެ ބިލު ތަސްދީގުކުރެއްވީ ހަމަ އެ މަހުގެ 25 ވަނަ ދުވަހުގައެވެ. https://sun.mv/210394 މި ގާނޫނާއެކު ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ވަރަށް ބޮޑެތި ބާރުތައް ލިބިދީފައިވެއެވެ. އޭގެ ތެރޭގައި، ކޯޓު އަމުރަކާ ނުލައި ވެސް އަމިއްލަ ތަންތަނަށް ވަދެ، ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމުގެ ބާރު އަދި ބަލައި ފާސްކުރުމުގެ ބާރާއި، ބޮޑެތި ކުށްކުރާ މީހުން ކަފާލާތުގެ ދަށުން ދޫނުކުރުމުގެ ބާރު ހިމެނެއެވެ. މީގެ އިތުރުން، ބޮޑު ކުށެއްގެ ތުހުމަތުވާ މީހާ ހައްޔަރުކުރުމަށްފަހު އެ ވަގުތުން ފެށިގެން 48 ގަޑިއިރާ ހަމައަށް، ވަކީލަކާއެކު އެކަހެރިކޮށް ބައްދަލުވާން ފުރުސަތު ނުދިނުން ވެސް ގާނޫނުގައި ހިމަނައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ