ޑިގްރީއަކާއެކު ބާ އެގްޒާމުން ފާސްވީމަ ނިމުނީކީ ނޫން، އެއީ އަދި ފެށުން: އުއްތަމަ ފަނޑިޔާރު

ބައެއް ފަހަރު ބައެއް ބޭފުޅުންނަށް ހީވެފައި އޮންނަނީ، ލޯ ޑިގްރީއަކާއެކު ބާ އެގްޒާމުން ފާސްވުމުން ދެން ނިމުނީކަމަށާއި، އެކަމަކު އެއީ ފެށުން ކަމަށާއި އުނދަގޫ ބައި އޮތީ ކުރިއަށް ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެއެވެ. އުއްތަމަ ފަނޑިޔާރު އެހެން ވިދާޅުވީ، ވަކީލުކަމުގެ ލައިސަންސް އަލަށް ލިބުނު މީހުން ވަކީލުކަމުގެ ހުވާ ކުރުމަށް އިސްލާމިކް ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. "ބައެއް ފަހަރު، ބައެއް ބޭފުޅުންނަށް ހީވެފައި އޮންނަނީ، ލޯ ޑިގްރީއަކާ އެކު، ބާ އެގްޒާމުން ފާސްވީމަ، ދެން މިކަން މި ހިސާބުން މި ނިމުނީކަމަށް. ނޫން، މިއީ ރަނގަޅު ވިސްނުމެއް ނޫން. ލޯ ޑިގްރީއާއި ބާ އެގްޒާމުން ފާސްވުމާ، މިއީ އަދި ފެށުން. ދަތުރުގެ ބާކީ ބައި، އޭގެ އުނދަގޫ ބައި އަދި އޮތީ ކުރިއަށް،" އެ މަނިކުފާނު ވިދާޅުވިއެވެ. އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި، ގާނޫނީ ވަކީލުންނަކީ ފަނޑިޔާރުންނެކޭ އެއްފަދައިން އިންސާފު ގާއިމް ކުރުމުގައި ބޮޑު ޒިންމާއެއް އޮތް ބައެއް ކަމަށް ވިދާޅުވިއެވެ. "ފަނޑިޔާރުންނެކޭ އެއްފަދައިން ގާނޫނީ ވަކީލުންނަކީ ވެސް އަދުލު އިންސާފު ގާއިމް ކުރުމުގައި ހަރަކާތްތެރިވާ އިންސާފުގެ ދަތުރުގެ ބައިވެރިން. އެހެންކަމުން އަޅުގަނޑުމެންގެ އެންމެންގެ ބޮލުގައި ވަރަށް ބޮޑު ޒިންމާއެއް އެޅިފައިވޭ. އެއީ ހައްގުތައް އޭގެ ވެރިފަރާތްތަކަށް ހޯދައި ދިނުމުގެ ބުރަ މަސައްކަތް،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ފަނޑިޔާރުންނާއި ވަކީލުން ވެސް މަސައްކަތް ކުރަން ޖެހެނީ އެއް މިސްރާބަކަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ