ހަމަ އެންމެ 10 މިނިޓް؛ ދެން ފެނުނީ ފުރާޅުތައް މަގުމަތިން

މިއަދު ހެނދުނު ގާތްގަނޑަކަށް 8:40އާ ހަމައަށް އައްޑުއަށް އޮތީ ގަދައަށް އަވިދީފަ އެވެ. އޮފީހުގައި އިންނަވާފައި، މަރަދޫފޭދޫ ކައުންސިލަރު ހާލިދާ މުހައްމަދު ކާރުގައި މަގުމައްޗަށް ނުކުންނެވީ އަމިއްލަ ކަމަކު އެވެ. އެކަމަކު މަގުގެ ވަކި ހިސާބަކުން ފެނިވަޑައިގެންނެވީ ކަޅު ވިލާގަނޑަކުން ހަތަރު އުދަރެސް ބައްދާލިތަނެވެ.
އެ ވިލާގަނޑުގެ ވައިގަދަ އެވެ. ކާރު ވެސް ކުރިއަށް ނުދުއްވިގެން ޖެހުނީ މަޑުކޮށްލައިގެން އިންނަވާށެވެ. ހާލިދާގެ ބަހުން ނަމަ، ގަދަވަޔާއި ބޯވާރޭ ވެހެން ފެށުމާ އެކު، 'ކައިރީގައި އިން މީހާ ވެސް ވަކިނުވެ' އެވެ. އެކަމަކު އައިހާ އަވަހަށް އެ ވިލާގަނޑު ފައިބައިގެން ހިނގައްޖެ އެވެ.
"ހަމަ ކުޑައިރުކޮޅެއް ވާނީ. ޔަގީނުން ވެސް ދިހަ މިނިޓަށް ވުރެ ގިނައެއް ނުވާނެ. ދެން އަޅުގަނޑުމެންނަށް ރިޕޯޓުތައް ލިބެން ފެށީ ބައެއް ގެތަކުގެ ފުރާޅުތައް އެއްލައިލައިގެން އުޅޭ ކަމަށް،"
އޭރު އޮތީ، ކުރިން ވެސް އޮތްގޮތަށް ގަދައަށް އަވިދީފަ އެވެ. ހާލިދާ ވިދާޅުވި ގޮތުގައި ލިބުނު ގެއްލުން ކައުންސިލުން އަންދާޒާކުރި ވަރަށް ވުރެ ބޮޑެވެ. ރަށުގެ ހިނަވާގޭގެ ފުރާޅު އޮތީ މާދުރުގައި ހުރި އެހެން ގެއެއްގެ މައްޗަށް އެއްލާލާފަ އެވެ. އެއް ގޭގެ ފުރާޅު އެއްކޮށް އެއްލާލި އިރު އެހެން ގެއެއްގެ ފުރާޅުގެ އެއްބައި އޮތީ މަގުމަތީގަ އެވެ. އިތުރު ގެތަކުގެ ފުރާޅުން ވެސް ބައިތައް ފެނުނީ މަގުމަތިންނެވެ.
ވިލާގަނޑު ފޭބުމަކާ އެކު މަގުމައްޗަށް ނުކުތް މީހުން ތިބީ ހައިރާންވެފަ އެވެ. ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެހާބޮޑު ގެއްލުމެއް ލިބިދާނެ ކަމަކަށް އެކަކު ވެސް ހިޔެއް ނުކުރެ އެވެ.
ބައެއް ގެތަކުގެ މަގުމަތީ ފާރުތައް ވަނީ ވެއްޓިފަ އެވެ. ބޯގަންވިލާ ގަސް ފަދަ ބޮޑެތި މާގަސްތައް ވެސް މަގުމައްޗަށް ވެއްޓިފަ އެވެ. މަގުތަކުގެ މަތީ އޮތީ ކުނިބުންޏެވެ. ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އޮކްސިޖަން ދޭ ފުޅިއަކަށް ވެސް ގެއްލުން ވެގެން ކައުންސިލަށް ގުޅި އެވެ.
"ލިބުނު ގެއްލުންތައް އަދި އެއްކޮށް ބަލާވެސް ނުލެވިގެން މިއުޅެނީ،" ހާލިދާ ވިދާޅުވި އެވެ.
"ވަރަށް ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަރަށް ބޮޑު ގެއްލުމެއް ލިބިފައި މި ވަނީ."
އޭނާ ވިދާޅުވި ގޮތުގައި މި ވިލާގަނޑުގެ އަސަރު އައްޑޫގެ އެހެން ރަށަކަށް ކުރިކަމަށް އެނގިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ